ރ. މީދޫ އިން ނެގި ސުންކުތަކުގެ ނަތީޖާ ނުލިބި ފަސް ދުވަހަށް ވުރެ ގިނަ ދުވަސްފައި އޮތުމުން އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް "ވަގުތު" އަށް ވިދާޅުވީ މީދޫގައި ކޮވިޑަށް ފައްސިވެފައިވާ 46 މީހަކު އެބަ ތިބި ކަމަށެވެ. އެ ވޭދަނަތަކުގެ އިހަލާ ގުޅުން ހުރި 48 މީހެއްގެ ސުންކު މި މަހުގެ ނުވަ ވަނަ ދުވަހު ނެގިއިރު އޭގެ ނަތީޖާ އަދިވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަހުގެ 10 ވަނަ ދުވަހު އިތުރު 46 މީހެެއްގެ ސުންކު ނަގާފައިވާއިރު ޖުމުލަ 94 މީހުންގެ ސުންކުގެ ނަތީޖާ ނުލިބޭ ކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ. މި މަހުގެެ 11 ވަނަ ދުވަހާއި އިއްޔެ ވެސް ސުންކުތަކެއް ފޮނުވި ކަމަށާއި އެކަމަކު ސީދާ އަދަދު އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް މައުލޫމާތު ދެއްވި ގޮތުގައި އެ ސުންކުތައް ރަށުން ފޮނުވީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން ނަތީޖާ ޓެސްޓްކުރުމަށް ޓަކައި ފޮނުވީ ހުޅުމާލެ ކޮވިޑްގެ ފެސިލިޓީގެ ލެބޯރެޓަރީއަށެވެ.

މީދޫއާ އެންމެ ކައިރިން ކޮވިޑް ފެސިލިޓީއަކަށް ނ. މާފަރުގެ ފެސިލިޓީ އޮންނައިރު، މާފަރުގައި ވެސް ޓެސްޓް ކުރެވެނީ ވަކި ނިސްބަތަކަށް ވާތީ، އެޗްޕީއޭއިން ހުޅުމާލެ ލެބޯރެޓަރީ ގެންދަން ނިންމީ ކަމުގައި ބެލެވޭ ކަމަށް ހަސަން ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މީގެ ކުރިން ސުންކު ފޮނުވުމަށް ފަހު 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ނަތީޖާ ލިބެއެވެ. މި ފަހަރު ލަސްވާ ސަބަބެއްގެ ގޮތުގައި ބެލެވެނީ ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުގެ ސުންކުތައް މާލެއިން ގިނަވުން ކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ ނަތީޖާ ނުލިބި މާ ބޮޑަށް ލަސްވެގެން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ. މި ގޮތުން ބަލި އޮތް ރަށަކަށް ވާތީ، ސިއްޚީ ރައްކާތެރިކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެނގޭނީ މި ނަތީޖާތައް ވެސް އަވަހަށް ލިބިގެން ކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ވާނެ ޕަބްލިކް ހެލްތުގެ ޑިރެކްޓަ ޖެނެރަލް [މައިމޫނާ އަބޫ ބަކުރު] ގެ ސަމާލު ކަމަށް ވެސް މި ކަން ގެނެސްފަ، މިއަދުން ފެށިގެން ވެސް ޕްރޮސެސް ވާނެ ކަމަށް އަންގަނީ، އެކަމަކު ނަތީޖާތައް ލިބެން ފަށާނެ ސީދާ ދުވަހެއް އަދިވެސް ނޭނގޭ،" ހަސަން ޝަރީފް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮތްއިރު، މިދިޔަ މަހު މި އާލަމީ ބަލިމަޑުކަމުގެ ރާޅެއް ރާއްޖެއަށް ކުރިމަތިވިއެވެ. ތިންވަނަ ފަހަރަށް އެރި ރާޅު މަތަކުރީ އެޗްޕީއޭއިން އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށި ކޮށްގެނެވެ. އޭގެ ފަހުން އަނެއްކާ ވެސް ބަލި ފެތުރުން މަޑު ޖެހުމަކަށް އައުމުން ދަތުރު ކުރެވޭނެ ގޮތްތަކެއް ކަނޑައަޅައި އިތުރު ލުއިތަކެއް ވަނީ ދީފައެވެ.

މި ގޮތުން މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ބަލިން ފައްސިވެ ރަނގަޅުވި މީހުނާއ،ި ވެކްސިންގެ ދެ ޑޯޒް ހަމަކޮށް ނައްސި ނަތީޖާއެއް އޮތް މީހުނަށް ދަތުރު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި މާލޭގައި ހިންގަމުން ގެންދިޔަ ކާފިއު ވަނީ އުވާލައިފައެވެ.

ރާއްޖެއިން މިހާތަނަށް 75،162 މީހަކު މި ބައްޔަށް ފައްސިވެފައިވެއެވެ. އޭގެ ތެރެއިން 72،439 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލި ރަނގަޅު ނުވެ އަދިވެސް ފަރުވާ ހޯދަމުންދާ 2،509 މީހަކު ވެއެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން 214 މީހަކު ވަނީ ނިޔާވެފައެވެ. ބަލީގެ ފަރުވާގެ ގޮތުގައި ހިމެނޭ ވެކްސިންތައް 300،000 އަށް ވުރެ ގިނަ މީހުނަށް މިހާތަނަށް ދެވިފައިވެއެވެ.