އެމްޑީޕީން ވެރިކަމަށް އިންތިހާބުވެވަަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު އެހެން ސިޔާސީ ޕާޓީއެއް ހެދުމުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އިސްވެ ސިޔާސީ ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އިސްކޮށް އުޅުއްވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނަޒީމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަ އޮފް ޕޮލިސް އަބްދުުﷲ ރިޔާޒެވެ. އެ ޕާޓީއަކީ ރައީސްގެ އިރުޝާދުގެ ދަށުން އުފައްދާ ޕާޓީއެއް ކަމަށް ބުނެ އަޑުތައް ދަނީ ފެތުރެމުންނެވެ.

ދެކެވޭ ވާހަކަތަކުގެ ހަގީގަތް ބަލާލަން ގުޅާލުމުން މަބްރޫކް "ވަގުތު" އަށް ވިދާޅުވީ ރައީސަކީ އެމްޑީޕީވެސް އުފެއްދުމުގައި އެއް ބާނީ ކަމަށްވާއިރު އެމަނިކުފާނު އިސްވެ އެހެން ޕާޓީއެއް ނަހަދާނެ ކަމަށެވެ.

"ބަޔަކު ޕާޓީއެއް އުފެއްދިޔަސް ރައީސްގެ ބައިވެރިވުމެއް ނޯންނާނެ" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް މީގެ ކުރިން ވިދާޅުވި ގޮތުންނަމަ ރައީސްގެ ހުރިހާ ފޯކަސް އެއް ހުންނެވީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުުދު ފުއްދެވުމަށެވެ. އެހެން އެއްވެސް ކަމަކަށް ރައީސް މާބޮޑު ސަމާލުކަމެއް ނުދެއްވައެވެ.

ރައީސްގެ އެންމެ ގާތް އެކުވެރިޔާ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ރައީސް ސޯލިހުއާ އެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ. އެއީ ޒާތީ ގޮތުން މައްސަލައެއް އޮވެގެން ނިންމެވި ނިންމެވުމެއް ނޫން ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ދެ ރައީސުންގެ ދޭތެރޭގައި ހިޔާލުތަފާތުވުންތައް އުޅޭތާ ދުވަސްކޮޅެއްވެއްޖެއެވެ. ނަޝީދުގެ އަމާޒު މިހާރު ހުރި އެމްޑީޕީ ތެރެއިން އައު އިއްތިހާދެއް އުފަން ކުރުވަންށެވެ. ޝަރުރުތަކަކީ އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއިދުކުރާ އަދި މިއުޒިކް ހަރާމްނުކުރާ ރަސޫލާއަށް ފުރުއްސާރަނުކުރުން ކަމަށް އެކަން ހާމަކުރައްވަމުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވެއެވެ.

އެމަނިކުފާނު ވަނީ ރައީސް އަބްދުﷲ ޔާމީންގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީ އިން އެކަމާއި ދެކޮޅެވެ. އެމްޑިޕީއާ ގުޅިގެން މަސައްކަތްކުރަން ދެ ޕާޓީންވެސް ދެކޮޅު ހަދައެވެ.

އެއް ބަޔަކު ބުނާ ގޮތުގައި ރައީސްއާ ނަޝީދާ މައްސަލަ ޖެހިގެން އުޅެނީ ވެރިކަމުގެ ނިޒާމާ ހެދިއެވެ. ރާއްޖެއަށް ބޭނުންވަނީ ބަރުލަމާނީ ނިޒާމުކަމަށް ނަޝީދު ގެންދަވަނީ އަބަދުވެސް ވިދާޅުވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުންނަމަ އެކަން ނިންމާނީ ރައްޔިތުންނެވެ. ފަސް އަހަރަށް ވެރިކަމަށް ހޮވާފައިވާ ވެރިއަކު ދައުރުގެ މެދުތެރެއިން ނިޒާމު ބަދަލުކުރުމަކީ ސިޔާސީ ގިނަ ބަޔަކު ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތެއް ނޫނެވެ.