ރައްޔިތުންގެ މަޖިލީހުގައި ހުންނަ ސިޔާސީ ޕާޓީތަކުގެ އޮފީސްތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ އޮފީހުގެ ބޭރުގައި "ސާލިހް ޕާޓީ" ތަތް ކުރި މައްސަލަ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ޖޭޕީއަށް ދޫކޮށްފައިވާ އޮފީހުގެ ފާރުގައި "ސޯލިހް ޕާޓީ" އަދި "އެމްއެމްޕީ" ލިޔެފައި ކަރުދާސްގަނޑެއް ތަތްކޮށްފައި ހުއްޓައި ފެނުނީ މިދިޔަ ބުދަ ދުވަހުގައެވެ.

އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ދެ ފެކްޝަން ކަމުގައިވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ތާއީދު ކުރައްވާ މެންބަރުންނާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ތަޅުމުގައި ބަހުސް ހޫނުވި ދުވަހެކެވެ.

އަދި އެއީ ޖުމްހޫރީ ޕާޓީގައި ހުންނެވި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ގުޅިގެން ސިޔާސީ ޕާޓީއެއް އުފެއްދެވި ވާހަކަތައް އަލުން ގަދަވި ދުވަސްވަރެކެވެ.

މި މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅިކަން ވަނީ އެނގިފައެވެ. އެކަމަކު ކޮމިޓީން މައްސަލަ ބަލަން ނިންމި ކަމެއް އަދި ނޭނގެއެވެ.

ރާއްޖޭގައި ތާރީޚުގައި ވެސް އުފެދުނު އެންމެ ބޮޑު ޕާލިމެންޓްރީ ގްރޫޕްގައި 65 މެންބަރުން ތިއްބަވާއިރު ބައެއް މެންބަރުން ނަޝީދަށް ތާއީދު ކުރައްވައެވެ. ބައެއް މެންބަރުން ރައީސް ސޯލިހްއަށް ތާއީދު ކުރައްވައެވެ. އޭރެއްގައި ރަނގަޅު ގޮތަކަށް ތާއީދު ކުރައްވާ މެންބަރުންތަކެއް ވެސް ތިއްބަވައެވެ.

ނަޝީދު މިހާރު ވަނީ ސިޔާސީ ގޮތުން ރައީސް ސޯލިހްއާ އެކު ދެން ނުހުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނަޝީދު ފާޅުކުރެއްވިއެވެ. އެކަމަކު އެ ކޯލިޝަންގެ ލީޑާޝިޕް ވިދާޅުވަނީ މަސައްކަތް ނުކުރައްވާނެ ކަމަށެވެ.