ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ އިދިކޮޅު ސިޔާސީ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާނީ ޝަރުއީ އިމުގެ ތެރެއިން ކަމަށް އެމަނިކުފާނު ލީޑް ކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ޕީއެންސީއިން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރާނީ ޑީލްއަކުން ނޫން ކަމަށެވެ. އަދި އެމްޑީޕީއާއި އެކު ޕީޕީއެމް ކޯލިޝަނުން މަސައްކަތް ކުރާނެ ދުވަހެއް ނާންނާނެ ކަމަށާއި، އެ ޕާޓީއާއި އެކު އެއްވެސް ޑީލްއެއް ނުހަދާނެ ކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕީޕީއެމްއާއި އެކު އިއްތިހާދެއް ހަދަން ބޭނުންވިކަމުގައި ވީނަމަވެސް އެއީ ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީންގެ ފިކުރާއި ތަސައްވުރަކީ ރައީސް ނަޝީދުގެ ސިޔާސަތާއި ދިމާ އިދިކޮޅު ވިސްނުން ކަމުގައި ފާހަގަކުރެއްވިއެވެ.

"ރައީސްް ޔާމީން މިިނިވަން ކުރާނީ ޑީލްއެއްގެ ދަށަކުން ނޫން. އެމަނިކުފާނު މިނިވަން ކުރާނީ ޝަރުއީ އިމުގެ ތެރެއިިން. އިރާދަުރެއްވީއާ 2023 ގެ އިންތިހާބުގެ ކުރިން ރައީސް ޔާމީން މިނިވަންވާނެ ކަމުގެ ޔަގީންކަން އެބައޮތް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އެމްޑީޕީއާއި ޕީޕީއެމްއާއި އެއްގަލަކަށް އެރުމަކީ ރައްޔިތުން ސިޔާސީ ވެރިންނަށް ކުރާ އިތުބާރު ގެއްލިގެން ދާނެ ކަމަށެވެ.

ނަޝީދު އިއްޔެ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އިިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތަކަށް ތާއީދު ކުރާ ބޭފުޅެއް ނަމަ އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްގެ އެހީއަށް އެދޭނެ ކަމަށް ވިދާޅުވިއެވެ.

މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީ އިން ޕީޕީއެމް އާއިއެކު އިއްތިހާދު ވެގެން މަސައްކަތް ކުރާނެ ޝަރުތުތަކެއް ހާމަކުރައްވާފައިވެއެވެ. އެއީ އިންޑިއާ އައުޓް ނުގޮވުމާއި، ނަފުރަތުގެ ބިލަށް ތާއިދުކުރުމާއި، މިއުޒިކް ހަރާމް ނުކުރުމާއި، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރުން ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މިވާހަކަތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ ނަޝީދު ދެކޭ އިސްލާމްދީނުގެ މެދުމިނުގެ ސިޔާސަތެއް އޮންނަ ކަމުގައި އެ ކޯލިޝަނުން ގަބޫލު ނުކުރާ ކަމަށެވެ. އަދި ނަޝީދު ކޮށްފައިވާ ޝަރުތުތަކާއި އެއްބަސް ނުވެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުަންވެސް އެމްޑީޕީއާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަމެއް އެޕާޓީގެ ނެތް ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް އިސްބޭފުޅުންވެސް މިހާރު ފާހަގަކުރެއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. މި ހުކުމް ވަނީ ހައި ކޯޓުގައި ވެސް ދަމަހައްޓައިފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލި ކަލޯ

    އެ އިމުގެ ތެރެއިން ދާ އިރު ބޮނޑި ބަތުގެ އެހީ އެންމެ ބޭނުންވާނީ

    2
    1
  2. ރާވިއްކާގާސިމް

    އަނގަ އެ އް އޮތި އްޔާ ވާހަކަދެ އްކިދާނެ ފޫކޮޅެ އް އޮތި އްޔާ ފޮޑި އެ އް ޖެހިދާނެ އެކަމު ޔާމިނު އޮންނާނީ ޖަލުގަ 2023ގަވެސް

    1
    7