މިއަހަރު ބޮޑު އީދު ނަމާދު ބޮޑު ޖަމާއަތެއް ހަދައިގެން މާލޭ ސަރަހައްދުގައި ނުކުރާނެ ކަމަށް އިސްލާމިކް މިިނސްޓްރީ އިން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މިއަހަރުގެ ބޮޑު އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރާނެ ކަމަށާއި އެހެން ނަމަވެސް މިސްކިތްތަކުގައި ގައިދުރު ކާމާއި އެކީ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަތޮޅު ތެރޭގެ ރަށްތަކަށް ބަލާއިރު، ކޮވިޑްގެ ސަބަބުން މޮނިޓަރިންގެ ހާލަތަށް ނުވަތަ ބަލީގެ ވޭދަނައެއް ނެތް ރަށް ރަށުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދައަށް އެދިއްޖެނަމަ، އެ ހުއްދަ ދޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ވޭދަނަތައް އިތުރު ވުމުގެ ކުރިން މިދިޔަ މޭއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލާފައެވެ. އެހެން ނަމަވެސް ބަލީގެ ވޭދަނަތައް މަދުވެ، ޖޫން މަހުގެ ތެރޭގައި ލުއިތައް ދިންއިރު، ޖަމާއަތުގައި ނަމާދު ކުރުމަށް ވެސް ވަނީ ހުއްދަ ދީފައެވެ.