ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިިލު ފާސްކުރެވޭ އިރު އޮނިގަނޑު އޮންނަން ވާނީ ރައްޔިތުންގެ އިތުބާރު ގެއްލިގެން ނުދާނެ ގޮތަކަށް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީ ޑްރާފްޓް ކުރި ކޮމިޓީގެ މެންބަރު ކަން ވެސް ކުރެއްވި ޝަރީފް ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެ ބިލު "ދެ މިޔަލީ ކަނޑި" އެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އޭނާ ވިދާޅުވީ އޭގައި ފައިދާތަކާއި ގެއްލުންތަކެއް ވެސް ހިމެނޭނެ ކަމަށެވެ.

މިފަދަ ގާނޫނީ އޮނިގަނޑަކަށް ފުޅާ ދާއިރާއެއްގައި ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރެވެން ޖެހޭނެ ކަމަށް ޝަރީފް ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވެއެެވެ.

ޝަރީފް ވިދާޅުވީ އާންމުންނާއި އިދިކޮޅު ފަރާތްތަކަށް ވެސް އެ ބިލާ މެދު އިތުބާރު ކަށަވަރުކޮށްދެވެން ޖެހޭނެ ކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލު ޖުޑިޝަރީ ކޮމިޓީން ދިރާސާކުރުމަށް ފަހު މިހާރު އެކުލަވާފައި އޮތް ޑްރާފްޓްއަށް ވެސް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ގެއްލުން މަދުކޮށް ފައިދާތައް ހިމެނޭ ގޮތަށް ގާނޫނީ އޮނިގަނޑު ފާސްކުރުމަށް ޓަކައި، މިހާރު އޮތް ޑްރާފްޓްއަށް ވެސް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެންމެން ވެސް އެބަ އެއްބަސްވޭ." ޝަރީފް ލިޔުއްވާފައިވެއެވެ.

ސަރުކާރުން ފޮނުވާފައިވާ ބިލުގައި ފުރަތަމަ އޮތީ އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު އާންމު ތަނެއްގައި ކުރުމަކީ ވެސް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

އެ ގޮތަށް އޮތުމުން ދީނީ ނަސޭހަތް ދިނުމާއި މުންކަރާތް ނަހީ ކުރުމާއި، ޚިޔާލު ފާޅު ކުރަން ހުރަސް އެޅޭ ކަމުގައި ދެކި އާންމުންނާއި ދީނީ އިލްމުވެރިންނާއި ބައެއް ސިޔާސީ ބޭފުޅުންގެ ފާޑުކިއުންތައް ބިލަށް އަމާޒުވިއެވެ.

އެކަމަކު ބިލު ހުށަހެޅުއްވި މެންބަރު ހިސާން ވިދާޅުވަނީ އެ ބިލު ހުށަހެޅުއްވީ ވަކި ބަޔެއްގެ ޚިޔާލަށް ހުރަސް އަޅަން ނޫން ކަމަށާއި ބިލުގައި އޮތީ އިސްލާމީ ޝަރީއަތުގެ ހަމަތައް ކަމަށެވެ.

ބިލުގެ މިފަދަ ބައެއް މާއްދާތައް ބަދަލު ކުރަން އާންމުންގެ ގިނަ ޚިޔާލުތަކެއް ކޮމިޓީއަށް ލިބުނެވެ. އަދި އެ ބައިތައް އިސްލާހު ކުރަން އިސްލާމިކް މިނިސްޓްރީ އާއި، ހިއުމަން ރައިޓްސް ކޮމިޝަން އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ލަފާ ދިނެވެ.

އެ ޚިޔާލުތަކަށް ރިއާޔަތްކޮށްގެން ޖުޑިޝަރީ ކޮމިޓީން ބިލަށް ބަދަލުތަކެއް ގެނައި ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ވެސް ހިތްހަމަޖެހޭ ބަދަލުތަކެއް އައިސްފައި ނުވާތީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ނިންމީ ބިލު އިތުރަށް ދިރާސާ ކުރަން އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށެވެ.

އާންމު ގޮތެއްގައި މަޖިލީހުގައި ބިލެއް ދިރާސާކުރާ އިރު، ކަމާ ބެހޭ އިދާރާތައް އޮންލައިންކޮށް ނުވަތަ މަޖިލީހަށް ހާޒިރުކޮށްގެން ޚިޔާލު ހޯދައެވެ. އެކަމަކު މި ބިލުގެ ދިރާސާއަށް ވެސް އެ ކަން ކޮށްފައެއް ނުވެއެވެ. އެހެންވެ ބައެއް މެންބަރުން ވެސް ތިއްބެވީ ހިތްހަމަޖެހިވަޑައިނުގެންނެވެ.

މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ނަފުރަތު ބިލު ފާސްކުރަން މަސައްކަތް ކުރައްވަމުން ގެންދެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރުންނެވެ. ބިލު ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލާތީ ތަޅުމުގައި އެ މެންބަރުން ވަރަށް ބޮޑަށް ނުރުހުން ވެސް ފާޅުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަނާ

    ނަފުރަތުގެ ބިލަކީ އެމީހެއްގެ ކަރާމާތާއި އުނިލި އިތުރު ވެުގެ ނުވާނެ ކޮއްމެ މީހަކީ އެމީހެއްގެ މައިންބަފައި ނުލާހިކު ލޯބިން ކަޔާފައި ވާނެމެން .