އައިއެސް ޖަމާއަތުން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މިއަދަށް ތާވަލްކޮށްފައިވާ ޝަރީއަތުުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން "ވަގުތު" އަށް ވިދާޅުވީ މިއަދުގެ އަޑުއެހުން ކެންސަލްކޮށް އެހެން ދުވަހަކަށް ތާވަލްކުރީ ދިފާއީ ވަކީލުންގެ އެދުމުގެ މަތިން ކަމަށެވެ.
އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.
އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިސިސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.
ފުލުހުން އަމީން ހައްޔަރުކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އަމީން އާއެކު މި މަސައްކަތުގައި އިތުރު މީހުން ވެސް ބައިވެރިވެއެވެ. އެ މީހުން އަންނަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ކަމަށްވެއެވެ. އަދި ކުށްވެރިންގެ ގޭންގުތަކަށް ނިސްބަތްވާ މީހުންވެސް ރެކްރޫޓްކޮށް، ހަނގުރާމަ އަށް ފޮނުވަން އޭނާ މަސައްކަތް ކުރާ ކަމށްވެސް ވެއެވެ.
އެމެރިކާއިން ބުނާ ގޮތުގައި އަމީން ރެކްރޫޓް ކުރާ ނިރުބަވެރިން ކުރިން ފޮނުވަމުން ދިޔައީ ސީރިޔާ އަށް ކަމަށްވީ ނަމަވެސް، ފަހުން އޭނާ އަންނަނީ އަފްޣާނިސްތާނަށް އެފަދަ މީހުން ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އައިސިސްގެ އީރާގު ގޮފި (އައިސިސް-ކޭ) އަށްވެސް ހަނގުރާމަވެރިން ރެކްރޫޓް ކުރާ އަމީން ވަނީ ދިވެހިރާއްޖޭގެ ނޫސްވެރިއަކަށް މަހަކު 700 ޑޮލަރުގެ މުސާރައެއް ހުށަހަޅައި، އައިސިސް-ކޭ އަށް ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެ ނޫސްވެރިޔާ އަފްޣާނިސްތާނަށް ގެންދަންވެސް މަސައްކަތް ކޮށްފައި ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު އޭނާގެ ބަންދު މުރާޖައާ ކުރަން ހުށަހެޅުމުން އެކަށީގެންވާ ބޭސް ފަރުވާ އޭނާއަށް ލިބެން ނެތް ކަމަށް ބުނެ ގޭ ބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން ވަނީ އަމީން ގޭ ބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާއި އެއްގޮތަށް ނޫން ކަމަށް ކަނޑައަޅާ އެއަމުރު ބާތިލްކޮށްފައެވެ.
އަދި މައްސަލައިގެ ޝަރީއަތް ނިމެންދެން ނުވަތަ މައްސަލަ ބަލާ ގާޒީ ވަކިގޮތެއް ކަނޑައަޅަންގެން އަމީން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އަމީން ބަންދު ކުރި އިރު، އެކަން ބިނާ ކުރި ސަބަބުތަކަށް އަދިވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި ތުހުމަތު ކުރެވޭ ކުށްތަކަކީ ޖިނާއީ ބޮޑެތި މައްސަލަތައް ކަން ފާހަގަ ކުރައްވަމުން ވިދާޅުވެފައި ވަނީ ސަލާމަތީ ބާރުތަކާއި ކަރެކްޝަންސް ގުޅިގެން ޖަލުގައި ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި އޭނާގެ އަތުން މަނާ އެއްޗެއް އަތުލައިގެންފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އެއްޗެއް ކަން ދައުލަތުން ހާމަކޮށްފައެއް ނުވެއެވެ.
ދައުލަތުގެ މި ވާހަކަތައް ދޮގު ކުރަމުން އަމީން ބުނީ އެލާމް ގަޑިއާއި، ލައިޓަރަކީވެސް ޖަލުން ގަންނަން ލިބޭ އެއްޗެއް ކަމަށެވެ.
އަމީންއަކީ އެލާމް ގަޑީގެ ބައިތައް ބޭނުން ކޮށްގެން ބޮން އުފެއްދުމުގެ ގާބިލްކަން ހުރި ގައިދީއެއް ކަމުގައި ފުލުހުން ގަބޫލުކުރެއެވެ.
އަމީން ދޫކޮށްލަން އެދި ދިފާއީ ވަކީލް ކޯޓުގައި ވަނީ އޭނާ އާތުރައިޓިސް ބަލީ ތަހައްމަލް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އަމީންގެ މައްޗަށް މިހާރު ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކާއެކު ޓެރަރިޒަމްގެ ދައުވާއެއް އެ ގާނޫނުގެ ދަށުން މީހެއްގެ މައްޗަށް ކުރެވިގެން ދިޔަ ފުރަތަމަ ފަހަރެވެ.
ނަޖިސް ކަލޭގެ ހުރިފާޑު ބަލާބަލަ
ލާދީނީ މީހުނައް ސުންނަތައް އުޅޭމީހުން ނަޖިސްވަނީ ނިފާގު ކަމާއި ލާދީނީ ކަމުގެ ސަބަބުން. މިވީ ހިސާބުގައި ނެތް އެއްވެސް ހެއްކެއް ދެއްކިފައެއް
އަނެއްކާ މަޅި އެރީ އެއްނު
އަމީން ބޮލުގައި ކަންކަން އަޅުވައި ތހުމަތުކޮއް އަނިޔާ ދިނުމަކީ ލާދީނީ ސަރުކާރުން ކުރާ ކަމެއް.