ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީރުކަން ކުރެއްވި، އަބްދުﷲ ކަމާލުއްދީން އިސްވެ، އުފައްދަވާ "ގައުމީ އެއްބައިވަންތަ" ރިޔާސީ ކެންޑިޑޭޓަކު ނެރުއްވާނެ ކަމަށް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.

މައުމޫންގެ އެމްއާރުއެމް އިން ދާދި ފަހުން ވަކިވެވަޑައިގެންނެވި ކަމާލުއްދީން "ވަގުތަށް" ވިދާޅުވީ އޭނާ އުފައްދަވާ ޕާޓީން ކޮންމެ އިންތިހާބެއްގައި ވެސް ވާދަކުރައްވާނެ ކަމަށެވެ. ނަމަވެސް ޕާޓީގެ ޓިކެޓުގައި އަންނަ ރިޔާސީ ރޭހަށް ނުކުންނެވުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި ރިޔާސީ ރޭހަށް ޕާޓީގެ ފަރާތުން އަޅުގަނޑު ނުކުތުމާ ގުޅިގެން ގޮތެއް ނިންމަން ތަންކޮޅެއް އަވަސް. ހަމަ ގައިމުވެސް އަޅުގަނޑު ވާދަނުކުރިޔަސް އަންނަ އިންތިހާބެއްގައި ޕާޓީގެ ކޮންމެވެސް މެމްބަރެއް ވާދަކުރައްވާނެ. ރާއްޖޭގައި ބާއްވާ ކޮންމެ އިންތިހާބެއްގައި އިރާދަކުރެއްވިއްޔާ އަޅުުގަނޑުމެންގެ ޕާޓީން ވާދަކުރާނެ." ކަމާލުއްދީން ވިދާޅުވިއެވެ.

ކަމާލުއްދީން ވިދާޅުވީ ޕާޓީ ވުޖޫދު ނުވަނީސް ކެނޑިޑޭޓަކު ނިންމައިފިނަމަ އެހިސާބުން ފުރުސަތުތައް ހުއްޓޭނެ ކަމަށެވެ.

ގައުމީ އެއްބައިވަންތަކަމުގެ ޕާޓީއަކީ ރައީސް މައުމޫންގެ އިރުޝާދުގެ ދަށުން ހެދި އިތުރު ޕާޓީއެއް ކަމަށް ބައެއް މީހުން ތުހުމަތުކުރެއެވެ. އަނެއްބައި މީހުން ބުނާ ގޮތުގައި އެއީ ޖުމްހޫރީ ޕާޓީގެ ތެރެއިިން އުފެދުނު ޕާޓީއެކެވެ. ނަމަވެސް ކަމާލުއްދީން ވަނީ މިވާހަތައް ދޮގުކުރައްވައިފައެވެ.

ފަރުދީގޮތުން ބާރުވެރިކުރުވާ އިޖުތިމާއީ ދުޅަހެޔޮކަން ވަރުގަދަ ކުރުމަށް އާ އަޒުމެއްގައި ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. އަދި ސްލާމްދީނަށް ނަސްރުދީ، ގައުމުގެ ސިޔާދަތުތައް ދަމަހައްޓަން ސިޔާސީ އާ ހަރަކާތެއް ފެށުމަކީ މުހިންމުކަމެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.

ކަމާލުއްދީން ވިދާޅުވި ގޮތުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ތިބީ ވަރަށް ބޮޑަށް މާޔޫސް ވެފައެވެ. އަދި މިކަންކަން ހައްލު ނުކުރެވިގެން ދާ ދިއުމުގައި ރައްޔިތުން ތިބީ ފިކުރު ބޮޑުވެފައި ކަމުގައި ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެޕާޓީއަށް ސޮއިކޮށްފައި ވަނީވެސް އެގޮތަށްް ފިކުރުބޮޑެވެފައިވާ މީހުން ކަމަށެވެ.

އަދި ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ އެއްވެސް މީހަކު މިހާތަނަށް އެ ޕާޓީއާއި ގުޅިފައި ނުވާ ކަމަށް ވިދާޅުވިއެވެ. ކަމާލުއްދީންގެ މި ޕާޓީއަކީ ގައުމުގެ ހާލަތާއި ކަންބޮޑުވެފައިވާ މީހުންނާއި އެކު އުފެއްދި އާދައިގެ ޕާޓީއެއް ކަމަށްވެއެވެ.

އެމްޑީޕީގެ ފަރާތުން އެޕާޓީގެ ލީޑަރު، އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އިދިކޮޅު ޕީޕީއެމްގެ ސްޓޭންޑްއަކީ އެޕާޓީގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރުމެވެ. ނަމަވެސް ހުކުމެއްގައި ހުރުމުން އަދި ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތެއް ނެތެވެ.

އަމިއްލަ ގޮތުން އުމަރު ނަސީރު ވާދަކުރާނެ ކަމަށް ވިދާޅުވެފައިވާއިރު ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުވެސް ވަނީ 2023 ގެ އިންތިހާބުގައި ވާދަކުރަން ނިންމަވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސސ

  ރަގަޅު ކަމެއް މަށައްވެސް ޖާގައެއް ލިބޭނެ ކަމުގެ އުއްމީދުގައި ހުރިން، ސަރުކާރު އެކުލަވާލާއިރު އަންގާލައްޗޭ ވަޒީރު ކަމުގެ މަޤާމެއް ބޭނުމީ !

  5
  1
 2. ފަމާލު

  ކަމާލު ކޮންވައްތަ ރު ހުންނަނީ؟..

  12
 3. ސަރިފަ

  މިރާއްޖޭގަ ގާނޫނު އަސާސީއޭ ކިޔާ އެއްޗެއް އޮވެޔޯ. އޭގަ ހުންނަ ހައްގުތައް އޮންނަނީ ހަމައެކަނި މުއްސަނދިންނަށް. ސިޓީ ކައުންސިލެއް، ފުލުހުންނެއް، އެހެން ބައެއް އާންމު ރައްޔިތެއްގެ ހައްގެއް ރައްކާކޮށެއް ނުދޭ. ކަލޭމެން ވެރިކަމާ ނުހިފާ އިހަށް އެކަމާ އުޅެބަލަ. އެކަން ކޮށްދިނުމުގެ ޔަގީންކަން ދީފިއްޔާ ކަލޭމެނަށް ވޯޓުދޭނަން

  7
  1
 4. ހޮނޑާފުށީ ބޮޑުހުސޭނު

  3000 މީހުން ހަމަޥާނެބާ. މައުމޫނަށްވެސް ކިރިޔާވީ