ރަށްރަށަށް ދާން ބޭނުންވެގެން ގިނަ ބަޔަކު ކޮވިޑް-19 އަށް ޓެސްޓް ކުރަމުން އަންނާތީ މިވަގުތު ނަތީޖާ ލިބުމުގައި ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ރަށްރަށަށް ދަތުރު ކުރުމުގައި ގިނަ މީހުން ޕީސީއާރު ޓެސްޓް ހަދަމުން ދާތީ މި ވަގުތު ޓެސްޓު ކުރަންޖެހޭ ކޮވިޑް-19 ގެ ސުންކުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ޓެސްޓުގެ ނަތީޖާ ލިބުން ލަސްވުން އެކަށީގެންވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ނަމަވެސް ޓެސްޓުކުރުމުގައި ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ނަގާ ސުންކުތަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ސުންކުތައް ޓެސްޓުކުރުމަށް އިސްކަން ދެވޭނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މި އަހަރުގެ ބޮޑު އީދާއި މިނިވަން ދުވަސް ދިމާވާތީ އަންނަ ހުކުރު ދުވަހުން ފަށައިގެން ސަރުކާރުން ބަންދުވާ އިރު، ދެން ސަރުކާރު ހުޅުވޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. މިއާއެކު، ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 16 ދުވަހުގެ ބަންދެއް ލިބޭނެއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އެގޮތަށް ހަމަޖެއްސީ އީދާއި މިނިވަން ދުވަހާ ގުޅިގެން އަންނަ ޗުއްޓީގައި އަދި އެނޫން ބޭނުންތަކުގައި ވެސް ރަށުން ބޭރަށްދާން ބޭނުންވާ މީހުންނަސް ދަތިތަކެއް ކުރިމަތިވެދާނެތީ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން އައި ފަހުން އެ ބަލި ފެތުރިފައިވާ ރަށްތަކުން އެހެން ރަށްތަކަށް ދަތުރުކުރުމުގައި ކަރަންޓީނުވާން ޖެހޭ ގޮތަށް އޮތުމަށް ފަހު، ވަކި ޝަރުތުތަކެއް ހަމަވާ މީހުންނަށް މިހާރު ވަނީ ލުއިދީފައެވެ. އެގޮތުން ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނާއި އެ ބަލިން ދިފާއުވާ ވެކްސިން ޖަހާފައިވާ މީހުންނަށް ކަރަންޓީނު ނުވެ ދަތުރުކުރުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ.

މި ލުއިތަކާއެކު، އީދު ބަންދާއިި މިނިވަންދުވަހުގެ ބަންދު ވެގެންދާނީ ކޮވިޑްގެ ބަލިމަޑުކަން އައި ފަހުން އެންމެ ގިނަ ބަޔަކު އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ ޗުއްޓީއަށެވެ. މާލޭގައި ތިބި ގިނަ ބަޔަކު މިހާރު ވެސް ވަނީ ރަށް ރަށަށް ދާން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަނޖ

    ތީގެ ސަބަބުން ރައްރަށުގައި ކޮއިޑް ގިނަވާނީ ތީގެއެއްމެބޮޑު ގެއްލުން ވާނީ މިހާރު ކުޑަ ކުދީނައް ތިވިސްނުން ގޯސް މިހާރު ނެތް ރައްތަކައް ފަތުރަން ސަރުކާރުން ޖަހާ ގޭމެއް ތީ

  2. ތޯތާ

    ތި ޕީސީއާރުޓެސްޓް ނުކުރެވި ހުއްޓާ ތިޔަވިދާޅުވާ 16ދުވަސް .ނިމިގެން ދާނެ ތިއޮތީ ފަހަރަށް ގެރިދީފާ