އިންޑިއާގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ވެހިކަލްތަކެއް މިއަދު ހަދިޔާކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސްގެ މަސައްކަތް ފުރިހަމަ ގޮތުގައި ކުރުމަށް އަދި ދަތުރުފަތުރުކުރުމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ މުއައްސަސާ އަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމަށް އަށް މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ.

މި އެހީ ދިނުމަށް ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފޮރިން މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަނާއި ކަރެކްޝަނަލް ސާވިސްގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދާއި އިންޑިއާ ސަފީރު ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ކަރެކްޝަނަލް ސާވިސް

ފޮރިންސް މިނިސްޓްރީން މިއަދު ވިދާޅުވީ މި މަސައްކަތުގެ ފުރަތަމަ ބައިގެ ދަށުން ހަތަރު އެއްގަމު އުޅަނދު (3 ވޭން، 1 ކާރު) މިހާރު ހޯދާފައިވާ އިރު، ކަނޑުމަގުން ދަތުރުކުރުމަށް ދެ ލޯންޗެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކުށްވެރިން އަލުން އަނބުރާ މުޖްތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރެދިނުމަށް ކަރެކްޝަނަލް ސާވިސްއިން ކުރަމުންދާ މުހިއްމު މަސައްކަތް ފާހަގަކުރައްވައި، ދިވެހި ރައްޔިތުންނަށް މުހިއްމި ޚިދުމަތެއް ފޯރުކޮށްދެމުންދާ އެ ސާވިސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެމުއައްސަސާގެ ގާބިލްކަން އިތުރުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި ޕްރޮޖެކްޓަކީ 2019 ވަނަ އަހަރު އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިއުލާންކުރެއްވި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ކުރިއަށްގެންދެވުނު ޕްރޮޖެކްޓެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ޖަލުތަށް ބަލަހއްޓައި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިސް ދައުރެއް އަދާ ކުރާ މުއައްސަސާއެކެވެ. މީގެ އިތުރުން މި މުއައްސަސާއަކީ ގައިދީން ކުއްކުރުމުން ދުރުހެލިކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމައަށް ގެނައުމުގެ މަސައްކަތްވެސް ކުރާ މުއައްސަސާއެކެވެ.

ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު. --- ފޮޓޯ: ކަރެކްޝަނަލް ސާވިސް

ގައިދީން އެއްތަނުން އަނެއް ތަނަށް ސަލާމަތާއި ރައްކާތެރިކަމާއި އެކީގެންދިޔުމަށް އެމްސީއެސް އަށް ރަނގަޅު އުޅަނދުތަކުގެ ބޭނުން ވަރަށް ބޮޑެވެ. ކޯޓުތަކާއި،ހޮސްޕިޓަލް އަދި ސަރުކާރުގެ މުއައްސަސާތަކަށް ގެންދާއިރު އެކި ގައިދީން ވަަކިވަކިން ގެންދަން ޖެހޭ ފަހަރުތައްވެސް ހުރެއެވެ. އެކި ގޭންގުތަކުގެ މެންބަރުންނާއި، ހެކިންނާގެ ސަލާމަތަށްޓަކާ އަދި ދެޖިންސުގެ ގައިދީންވަކިވަކިން ބޭތިއްބުމަށްވެސް ބައެއްފަހަރު ވަކިވަކިން ގެންދަންޖެހެއެވެ. ހޮސްޕިޓަލަށް ނުވަތަ ކޯޓަށް ގެންދާއިރު އުޅަނދުފަހަރު މަދުވެގެން ލަސްވުމަކީ ވެސް ދިމާވާކަމެކެވެ.

ކުދި އަދި މެދުފަންތީގެ 30 މަޝްރޫއު އިންޑިއާ ކުރިއަށް ގެންދާ އިރު، މި އެހީގެ ބޭނުމަކީ އިޖްތިމާއީ-އިގްތިސާދީ ކުރިއެރުވުމެވެ. މުމޝްރޫތައް ހިންގަނީ ލޯކަލް އޮތޯރިޓީތަކާއި ސަރުކާރުގެ މިނިސްޓްރީތައް ގުޅިގެން ޑިމޮކްރަސީގެ އުސޫލުތަކާއި އެކީ ދެފުށް ފެންނަ ގޮތަށެވެ.