ގިނަބައެއްގެ މެދުގައި މަގްބޫލު ރަސްލީ ސުޕާރި ފުޅީގައި ބަންދުކޮށްގެން ރާއްޖެ ގެނެސް ވިއްކަން ފަށަން ތައްޔާރުވެއްޖެއެވެ.

އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކު މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މި އަހަރުގެ ޖޫން މަހުން ފެށިގެން މަނާ ކުރާ 12 ބާވަތެއް ވަނީ އާންމު ކޮށްފައެވެ. އޭގެ ތެރޭގައި ރަސްލީ ސުޕާރި ހިމެނެއެވެ.

އެހެން ނަމަވެސް ސުޕާރި ކާ މީހުންނަށް މާޔޫސް ވިޔަ ނުދިނުމުގެ ގޮތުން އާއްމުކޮށް މިފަދަ އުފައްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ ލޮޓަސް ފިހާރައިން މި ވަނީ ފުޅީގައި ބަންދުކޮށްފައިވާ ސުޕާރި ރާއްޖެއަށް އެތެރެ ކުރަން ފަށާފައެވެ. މީގެ ދުވަސްކޮޅެއް ކުރިން އެހެން ބްރޭންޑްތަކުގެ ސުޕާރި ފުޅީގައި ގެނެސް އެ ކުންފުނިން ރާއްޖެއަށް ވިއްކަން ފެށިއިރު، މިހާރު ރަސްލީ ސުޕާރި ފުޅީގައި ބަންދުކޮށްގެން ގެނައުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ.

އެގޮތުން ބިއްލޫރި ފުޅީގައި ހުންނަ ރަސްލީ ހުންނާނީ 50 ގްރާމްގެ ފުޅިއެއްގައެވެ. އަގަކީ 50 ރުފިޔާ އެވެ.

"ވަގުތު"އާ ވާހަކަދައްކަމުން ގެލޮޓަސް ފިހާރައިގެ ޗެއާމަން އަހްމަދު އާރިފް ވިދާޅުވީ، ބިއްލޫރި ފުޅީގައި ހުންނަ ރަސްލީ ވަރަށް އަަވަހަށް ރާއްޖެ ގެނެސް ވިއްކަން ފަށާނެ ކަމަށެވެ. އެގޮތުން އޮގަސްޓް ނޫނީ އެންމެ ލަސްވެގެން ސެޕްޓެމްބަރު މަސް ތެރޭގައި ރާއްޖެއަށް ބިއްލޫރި ފުޅީގެ ރަސްލީ ގެނެސް ވިއްކަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ބާރުއަޅަނީ ޕްލާސްޓިކް މަދު ކުރަން ކަން ފާހަގަކުރަމުން އާރިފް ވިދާޅުވީ، އެ ފުޅީގެ މަތިގަނޑަކީވެސް ޕާލްސްޓިކް މަތިގަނޑެއް ނޫން ކަމަށާއި، ގެންނަ ފުޅިތަކުގައި ހުންނާނީ އަލުމީނިއަމް މަތިގަނޑު ކަމަށެވެ.

މީގެ އިތުރުން، އޭނާ ވަނީ ރަސްލީ ފުޅިއާއެކު، ޓެޒްވެސް ފުޅީގައި ބަންދުކޮށްގެން ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނަޔަ

  ސުކު ރިޔަ ލޮޓަސް

  9
  2
 2. ހަލީމަ ދައިތަ

  ދެން ފެއްނާނީ މަގުތައް މަތީގަ ތިޔާ ފުޅިތައް އުކާފަ ހުއްޓާ.. އެހެން ނޫނީ ގޭގޭގަ މަންމައިން ރިހާކުރު އަޅާފަ ހުއްޓާ ހުސްފުޅި ދޮވެފަ 😆😆😆

  15
 3. ޒާ

  މިވަރުންވެސް މިއެއްޗެއް އެތެރެކުރެވެންޖެހޭތޯ؟ ޞިއްޙީގޮތުން ބަލާއިރު ފައިދާއެއް ނުލިބޭތާ ލިބެނީ ގެއްލުން. އަނގައިގެ ކެންސަރުޖެހޭ. ދުފާފައި މަގުމައްޗަށް ކުޅުޖަހާ ނާތަހުޒީބު އަމަލެއް. ދިވެހިން ތަހުޒީބުވީ ކޮންގޮތަކުންތޯ؟