ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ކެންސަލް ނުކުރަން ދަށު ކޯޓުން ނިިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ބަލައިނުގަތުމުން އެ ކަން މުރާޖާ ކުރަން ހައި ކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހަޅައިފިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ޕީޖީ އިން ކްރިމިނަލް ކޯޓުގައި އެދުނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެވެ. ނަމަވެސް ޕާސްޕޯޓު ހިފެހެއްޓުމުގެ މަގްސަދެއް އޮތް ކަމަށް ނުދެކޭތީ ޕާސްޕޯޓް ހިފަހައްޓައިދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ޕީޖީއަށް އެންގިއެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ ޖުލައި ހަތް ވަނަ ދުވަހުއެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް އެ ކޯޓުގެ ރަޖިސްޓަރާގެ ނިންމުމުގައިވެއެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު "ވަގުތު" އަށް ވިދާޅުވީ ހައި ކޯޓުގެ ރަޖިސްޓްރާގެ އެ ނިންމެވުން މުރާޖާ ކޮށްދިނުމަށް އެދިވަޑައިގެން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށެވެ.

އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަމުން ދަނީ ގާޒީ ހަސަން ސައީދެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. އެ ހުއްދަ އަލީ ވަހީދަށް ދީ، ޕާސްޕޯޓް ދޫކޮށްލީ، އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

ކްރިމިނަލް ކޯޓުން މި ހުއްދަ ދިނީ އަލީ ވަހީދުގެ ސިއްހީ ހާލަތު ލިޔެކިއުންތަކަށް ރިއާޔަތްކޮށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ޝަރީއަތުގައި ބައިވެރިވާ ގޮތަށެވެ.

އެ އެއްބަސްވުން ވެސް ހަމަވެފައިވަނިކޮށް ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި އަލީ ވަހީދު ވަނީ އޮންލައިންކޮށް ބައިވެރިވަޑައިގަންފައެވެ. މިއީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި ފުރަތަމަ ފަހަރެވެ. އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔަ މައްސަލަވެސް ޕީޖީން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

މިކަމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ޕީޖީން ވިދާޅުވެއެވެ. އަދި ރާއްޖޭން ބޭރަށް ދިއުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިން އިރު ކޯޓަށް ހުށަހެޅި ކަމަށް ބުނާ ސިއްޚީ ލިޔެކިއުންތަކާއި ރާއްޖޭން ބޭރުގައި އޮންލައިންކޮށް ބައިވެރިވުމަށް އެދި ހުށަހެޅި ލިޔެކިއުންތައް ދޭން ޕީޖީ އޮފީހުން އެދިފައި ވީނަމަވެސް މިހާތަނަށް ވެސް ކޯޓުން އެ ލިޔެކިއުންތައް ހުށަހަޅާފައި ނުވެއެވެ.