ފެމިލީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އާއި ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަނުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ)ގެ ދަށުން އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ނިންމާފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުއެވެ.

އެ މާއްދާގައި ބުނެފައި ވަނީ ފަނޑިޔާރަކާ ބެހޭގޮތުން، ކުރެވޭ ޝަކުވާއެއް ނުވަތަ ތުހުމަތެއް ކޮމިޝަނަށް ހުށަނޭޅުނު ކަމުގައި ވީނަމަވެސް، ވަކި ފަނޑިޔާރެއްގެ ސުލޫކާ ބެހޭގޮތުން ސުވާލު އުފެދޭ ފަދަ ސަބަބުތަކެއް ހުރިކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭނަމަ، އެފަދަ ފަނޑިޔާރެއްގެ މައްސަލަ ތަހުގީގުކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

އެހެންނަމަވެސް ކޮމިޝަނުން ތަހުގީގު ކުރަމުން ދިޔައީ އޭނާގެ މައްޗަށް ހުށަހެޅުނު ކޮން ސުލޫކީ މައްސަލައެއް ކަމެއް ހާމަކުރައްވާފައި ނުވެއެވެ.

ތަހުގީގަށްފަހު އެކޮމިޝަނުން އިއްޔެ ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންވަނިކޮށް އަބްދުﷲ ގާޒީ ފެމެލީ ކޯޓަށް ބަދަލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ފެބުރުއަރީ 21 ވަނަ ދުވަހުއެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައާ ދެކޮޅަށް ފެށި މުޒާހަރާތަކާއި ގުޅިގެންނެވެ. އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ބެހެއްޓީ ސިފައިން ތަމްރީނު ކުރުމަށް ބޭނުން ކުރާ ގިރިފުށީގަ އެވެ. ސިފައިންގެ ބެލުމުގެ ދަށުގައި 21 ދުވަސް ވަންދެން އޭނާ ބެހެއްޓި އެވެ.

އެމައްސަލާގައި ރައީސް ނަޝީދުގެ މައްޗަށާއި، އޭރު އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭގެ ފާނުގެ މައްޗަށް ބޮޑު ހުކުމެއް ކުރިއެވެ. ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައިރު ތޮލްހަތައް 10 އަހަރުގެ ހުކުމެއް އޭރު އައެވެ. އެހެންނަަމެވެސް ފަހުން އެ ހުކުމް ސުޕްރިމް ކޯޓުން ބާތިލްކޮށްފައިވެއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ވުޖޫދު ވުމާއެކު، އަބްދުﷲ ގާޒީއަށް އިންސާފު ދިނުމުގެ އަޑުތައް އަނެއްކާވެސް ވަނީ ގަދަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު