ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަލުން ބޯޑަރު ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ އަށް ހޫނު މަރުޚަބާއެއް ކިޔައިފިއެވެ.

މިއަދު ރާއްޖެ އަށް އެންމެ ފުރަތަމަ އައި ފަތުރުވެރިޔާއަކީ ސްވިޒަލޭންޑްގެ ރައްޔިތެއް ކަމަށްވާ ކޮބެލް ކްލެމެންސް ސްޓީވްއެވެ. އޭނާ އާއެކު ދެން ރާއްޖެ އައީ އޭނާގެ ބައިވެރިޔާ ނިކޮލާ ޑިކްސަން ސާންއެވެ. އެއީ ޕޮލޭންޑް ރައްޔިތެކެވެ.

އެ ފަތުރުވެރިންނަށް މަރުޚަބާ ވިދާޅުވުމަށް އިމިގްރޭޝަން އާއި ޓުއަރިޒަމް މިނިސްޓްރީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި އެމްއެމްޕީއާރުސީގެ އޮފިޝަލުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންފައެވެ. އެ ފަތުރުވެރިން އެރައިވަލް ހޯލް އިން ބޭރަށް އައުމާ ހަމައަށް ފަތުރުވެރިންނާއެކު އެމްއޭސީއެލްގެ އޮފިޝަލުން ވަޑައިގެންނެވި އިރު އެރައިވަލް ހޯލްގެ ބޭރުން ފަތުރުވެރިންނަށް މަރުޚަބާ ކިޔާފައި ވަނީ ބިދަބިން ބޮޑުބެރު ގްރޫޕުން ހުށަހަޅާދިން ސަގާފީ ހަރަކާތަކާއި އެކުގައެވެ.


‎ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަލުން ބޯޑަރު ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުޚަބާކިޔުމަށް ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތުގެ ތެރެއިން:ވަގުތު އިމޭޖެސް-އަހްމަދް އަލީI

އެ ފަތުރުވެރިން ބުނީ ރާއްޖެ އިން ކީ ހޫނު މަރުޚަބާގެ ސަބަބުން ވަރަށް އުފާވިކަމަށެވެ. މިއީ އެ ދެ ފަތުރުވެރިންވެސް ރާއްޖެ އަށް ޒިޔާރަތް ކުރާ ފުރަތަމަ ފަހަރުކަމަށް ވާއިރު އެ މީހުން ބުނީ އުންމީދަކީ ރާއްޖޭގައި ހިތްހަމަޖެހޭ ފަދަ ޗުއްޓީ އެއް ހޭދަކޮށްލުން ކަމަށެވެ. އަދި ރާއްޖެ އަކީ ޖަޒީރާ ރަތްތައް އޮތްތަނަކަށް ވުމާއި، ރާއްޖޭގެ މޫސުމުގެ އިތުރުން ރާއްޖޭގެ ރީތި މޫދަކީ ރާއްޖެ އާއި މެދު ގަޔާވާ ސަބަބެއް ކަމަށް އެ ފަތުރުވެރިން ފާހަގަކުރެއެވެ.

އެ ދެމީހުން 11 ދުވަހު ތިބުމަށް ހަމަޖެހިފައިވާ އިރު، އެމީހުން ޗުއްޓީ ހޭދަ ކުރަނީ ރީތި ފަރު ރިސޯޓުގައެވެ.

"ވަރަށް ހައިރާންވެ، އުފާވި މިހާ ހޫނު މަރުޚަބާއެއް ކީމަ. ސަލާމަތީ ކަންކަމާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ." ފަތުރުވެރިން ވަނީ ބުނެފައެވެ.


‎ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަލުން ބޯޑަރު ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުޚަބާކިޔުމަށް ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތުގެ ތެރެއިން:ވަގުތު އިމޭޖެސް-އަހްމަދް އަލީ

އެ ފަތުރުވެރިންނަށް ތަފާތު ހަތަރު އިދާރާ އަކުން ވަނީ ޚާއްސަ ހަދިޔާއެއް ރައްދުކޮށްދީފައެވެ. އެ ހަތަރު އިދާރާ އަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް އިމިގްރޭޝަން އެންޑް އެމިގްރޭޝަން، ޓުއަރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީއެވެ.

ހަދިޔާތައް ހަވާލުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަސްއަދު ރިޒާ އާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކިއުޓިވް ޑިރެކްޓަރ އަބްދުﷲ ޝަރީފް އާއި އިމިގްރޭޝަންގެ ފަރާތުން އެއާޕޯޓްސ ޑިވިޝަންގެ ޑެޕިއުޓީ ހެޑް (ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ) ފާތްމަތު މަޖުދާ ހަސަން އަދި އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރ / އެރޮނޮޓިކަލް އަދި އެރޮޑޯމް އެމްޖީޓީ ސަރވިސް، އިބްރާހިމް ތޯހާއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ނައިބު އަސްޢަދު ރިޒާ. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

އެ ރަސްމިއްޔާތަށްފަހު ޓުއަރިޒަމް މިނިސްޓްރީގެ ނައިބު އަސްޢަދު ރިޒާ ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލިފަހުން މިހާތަނަށް އައި އިރު ރާއްޖެ އަށް ހަތްލައްކައެއްހާ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ހާލަތާއި އަޅާ ބަލާއިރު ރަނގަޅު އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

" މިއަހަރުގައި ވެސް ބައިލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި. އަދި އަޅުގަނޑުމެންގެ ވެސް ވަރަށް ބޮޑުތަނުން އުންމީދު އެބައޮތް މިއަހަރު ނިމޭ އިރު ވެސް ރާއްޖެ އަށް މިލިއަނެއްހާ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް." އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިންނަށް ރާއްޖެ މިއަދު ހުޅުވާލުމާއި އެކު ރާއްޖޭގެ ފަތުރުވެރިންގެ މާކެޓަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް ފާހަގަކުރައްވާފައެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް. -- ވަގުތު އިމޭޖަސް: އަހުމަދު އަލީ

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވަނީ ބޯޑަރު ހުޅުވިތާ އަހަރެއްވި އިރު ރާއްޖޭގެ އެއާޕޯޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އޭގެ ނަތީޖާ ވެސް ރަނގަޅު ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެމްއޭސީއެލް އިން ވަރަށް ރަނގަޅަށް ކޮވިޑް-19ގެ ހާލަތަށް ތައްޔާރުވި ކަމަށާއި، އެއާޕޯޓްގައި އެޗްޕީއޭގެ އުސޫލްތަކާއި އެއްގޮތަށް އަމަލުކުރުމަށް އެކަށީގެންވާ ފަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ އޭސީ އައި ހެލްތް އެކްރެޑޭޝަން ލިބިފައި. ވަރަށް ފަޚުރުވެރިކަމާއި އެކީގައި އަޅުގަނޑު މި ދަންނަވާލަނީ މި އިންޓަނޭޝަނަލް އެވޯޑް ލިބިފައި މިވަނީ އޭޝިއާ ޕެސިފިކް ރީޖަން އިން ދެވަނަ އަށް. އަދި މުޅި ދުނިޔޭގެ ވެސް 12 ވަނަ އަށް. މި އަހަރު ޖެނުއަރީ މަހު ވަނީ އޭސީއައިގެ ފަރާތުން ކަސްޓަމަރ ރެކޮގްނިޝަން އެވޯޑް ލިބިފައި. މި އެވޯޑް ލިބެނީ ކޮވިޑްގެ ހާލަތުގަ ފަސިންޖަރުންނަށް ކަމޭ ހިތާ އެބޭފުޅުންގެ ވާހަކަތައް އެއްސެވީމަ." އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުކުރުމަށް ފަހު އަލުން ބޯޑަރުތައް ހުޅުވީ އެ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ރާއްޖެއަށް ވެސް ކުރިމަތިވެގެން ރާއްޖޭގެ ބޯޑަރުތައް ހަތަރު މަސް ދުވަސް ވަން ދެން ބަންދުކުރުމަށް ފަހު މި އަހަރުގެ ޖުލައި 15 ގައި ބޯޑަރުތައް ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތް ކުރި އެއްލައްކަ ވަނަ ފަތުރުވެރިޔާ އަށް ވެސް ރާއްޖެ އިން ވަނީ ވަރަށް ހޫނު މަރުޚަބާ އެއްކިޔާފައެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.