ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން، އަހަރަކު ޖުމްލަ 72،178 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވިފައިވާ ކަމަށާއި އިންޖީނުގެތަކުން ތެލަށް ކުރާ ޚަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ސްޕެޝަލް އެންވޯއި ފޯ ކްލައިމެޓް ޗޭޏް ސަބްރާ ނޫރައްދީން ވިދާޅުވެއްޖެއެވެ.

ސަބްރާ އެހެން ވިދާޅުވީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ ނޫރާއްޖެ ޕްރޮގްރާމާ ގުޅިގެން ކައުންސިލަރުންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ގުޅިގެން ސަރުކާރުން ކުރަމުން ގެންދާ ބައެއް މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން މިދިޔަ އަހަރު ޑިސެންބަރުގައި، ކްލައިމެޓް އެމްބިޝަން ސަމިޓުގައި ރައީސް ދެއްވި ތަގުރީރުގައި ބޭރުގެ މާލީ އެހީއާއެކު 2030 ވަނަ އަހަރަށް ދިވެހިރާއްޖެ ނެޓް-ޒީރޯ ގައުމަކަށް ހެދުމަށް ވެވަޑައިގެންފައިވާ ވަޢުދުގެ މައްޗަށް ސަބްރާ އަލިއަޅުއްވާލެއްވިއެވެ.

ނެޓް-ޒީރޯ ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި ޑީސަލުން ހަކަތަ އުފައްދައިގެން ޖައްވަށް ވިހަގޭސް ބޭރުކުރެވޭ މިންވަރާ އެއްވަރަށް، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ މި އަމާޒަށް ވާސިލްވުމަށް، މި އަހަރުގެ މޭ މަހު ކްލައިމެޓް އެމަޖެންސީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވާ ރައީސް ވަނީ ތަސްދީގުކުރައްވައިފައެވެ.

ސަބްރާ ވިދާޅުވީ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި އެގޮތުން ފާއިތުވި ދެ އަހަރު ތެރޭ، ބޭރުގެ މަޝްރޫއުތަކުގެ ތެރެއިން 26 ރަށުގައި ޖުމްލަ 2.86 މެގަވޮޓްގެ ކަރަންޓު އުފެއްދޭ ވަރުގެ ސޯލާ ޕެނަލް ހަރުކުރެވިފައިވާ ކަމަށެވެ.

އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން މިހާރު ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން، އަހަރަކު ޖުމްލަ 72،178 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވިފައިވާކަމަށާއި އިންޖީނުގެތަކުން ތެލަށް ކުރާ ޚަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަން ސަބްރާ ފާހަގަކުރެއްވިއެވެ.

ސަބްރާ ވިދާޅުވީ، ދެމެހެއްޓެނެވި ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުން، ވެށީގެ މުއްސަނދިކަމާ ގުޅިފައިވާ ކަމަށާއި، ޖައްވު ހޫނުވާ މިންވަރު ދަށްކުރުމަށް އެޅެން އޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ ގުދުރަތީ ވިލުންވެރިކަން ދެމެހެއްޓުން ކަމަށެވެ.

ތަރައްގީގެ ރޭވުންތަކުގައި ތިމާވެއްޓާ ގުޅޭ ހިރާސްތައް ކުޑަކުރުމަށް އިސްކަމެއް ދޭންޖެހޭކަމަށާއި މިގޮތުން ލޭންޑް ޔޫސް ޕްލޭނާއި އެހެނިހެން ތަރައްގީގެ ޕްލޭންތައް ރާވައި ހިންގުމުގައި، ވަށާޖެހޭނެ ގޮތަށް، ދެމެހެއްޓެނިވި ތަރައްގީއާއި، ތިމާވެށި ހިމާޔަތްކުރުން އެއްކީލިކުރުން ވަރަށް މުހިންމު ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުން، ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަރާއި ފަޅުފަދަތަންތަން ބޭނުންކުރުމުގައި ހުރި ކަންބޮޑުވުންތަކާއި ދިމާވާ ބައެއް ގޮންޖެހުންތަކުގެ ވާހަކަ ހިއްސާ ކުރެއްވުމާއެކު ކަނޑުފަޅުތަކުގެ ވަސީލަތްތައް ހިމާޔަތްކޮށް އެންމެ ފައިދާހުރިގޮތުގައި ބޭނުންކުރުމަށް ޝައުގުވެރިވާކަން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބޫ ހޯލިސް

    147.8 މިލިއަން ރުފިޔާ އަހަރަކު ސަލާމަތް ވާނަމަ އޭގެ މާނައަކީ ކިލޯވޮޓެއް އުފެއްދުމަށް ތެލަށްކުރާ ހަރަދު 12 ރުފިޔާއަށް ވުރެ ބޮޑޭ.
    މީ އެއްވެސް ހަމަޖެހޭ ވާހަކައެއްނޫން، ސަބްރާ ތިޔަޖަހާ ހިސާބު ދިމަލެއް ނުވޭ

  2. އިބޫ ހޯލިސް

    ސަބްރާ ތިޔަބުނާގޮތުން 72178 ޓަނުގެ ކާބަންޑައި އޮކްސައިޑް 2.8 މެގަ ވޮޓް ކަރަންޓު އުފެއްދުން މަދުކޮށްގެން މަދު ކުރެވޭނަމަ އޭގެ މާނައަކީ ކިލޯ ވޮޓެއް އުފެއްދުމަށް 2.94 ލީޓަރުގެ ޑީސަލް އަނދައޭ
    މީ ގަބޫލު ކުރެވޭ ވާހަކައެއް ނޫން