ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލް މަރުހޫމް ފަތުހުﷲ ޖަމީލްގެ ނަން ދީ ފޮރިން މިނިސްޓްރީގެ އާ އިމާރާތް ހުޅުވަައިފިިއެވެ.

މި އިމާރާތް ހުޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޗައިނާގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރި އިމާރާތް ހުޅުއްވައި ދެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި އިމާރާތަށް ފަތުހުﷲ ޖަމީލްގެ ނަން ދިނުމުގެ މައިގަނޑު މަގްސަދަކީ މި އިމާރާތަކީ އެމަނިކުފާނުގެ ޒައާމަތުގައި ފަރުމާކުރެވިފައިވާ އިިމާރާތެއް ކަމަށް ވުމާއި، އަދި 27 އަހަރަށްވުރެ ގިނަ ދުވަހު ފަތުހުﷲ ޖަމީލް ހާރިިޖީ ދާއިރާއަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް އެމަނިކުފާނުގެ ހަނދާން އާކުރެއްވުމަށް ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ފަތުހުﷲ ޖަމީލް ހާރިޖީ ދާއިރާއަށް ހިދުމަތްކުރެއްވުމުގައި ދެމިިހުންނެވި 27 އަހަރާ ހަތަރު މަސް ދުވަހަކީ ރާއްޖެ ބައިނަލްްއަގުވާމީ ދުނިޔެއަށް ހުޅުވާލެވި، ރާއްޖޭގެ ހާރިޖީ ގުޅުންތައް އެންމެ ބޮޑަށް ވަރުގަދަވެގެން ދިޔަ ދުވަސްވަރު ކަމަށެވެ.

ފަތުހުﷲގެ ސިޔާސަތަކީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް، މިނިވަންކަމާއިި، ސުލްހަ އާއި، ހަމަޖެހުން ކަމަށާއި، މި އަސާސްތަކަކީ ރާއްޖޭގެ މަސްލަހަތު ރައްކާތެރިކުރުމުގެ މައިގަނޑު އަސާސްތައް ކަމުގައި ރައީސް ފާހަގަކުރެއްވިއެެވެ.

"މަރްޙޫމް އަލްއުސްތާޛް ފަތުޙުﷲ ޖަމީލުގެ ޚާރިޖީ ވަޒީރުކަމުގައިވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވީ، މިދެންނެވި ސިޔާސަތުތައް ނެގެހެއްޓުމަށްޓަކައި، ބައިނަލްއަގްވާމީ މަސްރަޙުގައި ވަކާލާތު ކުރެއްވުމަށް. މިއަދު ބައިނަލްއަްވާމީ މައިދާނުގައި ރާއްޖެއަށް ލިބިފައިވާ މަތިވެރި މަގާމާއި، ރާއްޖެއާމެދު އުފެދިފައިވާ އިތުބާރާއި ގަދަރުގެ ޙަގީގީ ސިއްރަކީ، ޙިކްމަތްތެރިކަމާއެކު އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްތައް. މިއަދުވެސް ސަރުކާރުން ދަމަހައްޓަމުން މިއަންނަނީ ހަމަ އެ ސިޔާސަތު. ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ، ކޮންމެ ގައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް." ރައީސް ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށްް މިއަދު ލިބެމުންދާ ކުރިއެރުމާއި ކާމިޔާބީ ތަކަކީ މިސިޔާސަތުގައި ދެމިތިބުމުގެ ނަތީޖާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ބައިނަލްއަގްވާމީ ދުނިޔެއިން ރާއްޖެ އެކަހެރިވެފައިވާ ފަސް އަހަރަށްފަހު ވެރިކަމާ ހަވާލުވިފަހުން ބައިނަލްއަގްވާމީ ދުނިޔެ އާއި ރާއްޖެއާ އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރި މަސައްކަތްތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ ކަމަށެވެެ.

އެގޮތުން އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިޚާބު ވެފައިވަނީވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ދުނިޔޭގެ ގައުމުތަކުން ބަލައި ގަންނާތީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވިއިރު، ބައިނަލްއަގްވާމީ މުޖުތަމަޢުން ރާއްޖެ އެކަހެރިވެފައި އޮންނަތާ ފަސް އަހަރުވެއްޖެ. އެއީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. އެހެންކަމުން، މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް އަޅުގަނޑުމެން ހެދީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން. މިއަދުގެ ބައިނަލްއަޤްވާމީ މުޖުތަމަޢު ގަބޫލުކުރަނީ، ކޮންމެ ގައުމެއްގެވެސް މިނިވަންކަން، އެންމެ ފުރިހަމަ މާނައިގައި ޙިމާޔަތްކުރުމުގެ ސިޔާސަތު. އ.ދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު އިންތިޚާބު ކުރުމަކީވެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ މާނައިގައި ޙިމާޔަތްކުރެވިފައިވާ ކަމާއި، މުޅި ދުނިޔެ އެކަމަށް އިޢުތިރާފްވާކަމުގެ ހެއްކެއް." ރައީސް ވިދާޅުވިއެވެ.