ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ވަޒަންްތަކަކާ އެކު ބަންދުކުރި ފަތުރުވެރިޔާގެ ބަންދަށް އިިތުރު ހަތަދު ދުވަސް ޖަހައިފިއެވެ.

ވަޒަންތަކަކާ އެކު ހައްޔަރުކުރި އުމުރުން 60 އަހަރުގެ އެ ފަތުރުވެރިޔާ ބަންދު ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ކޯޓުން ޖަހާފައި ވަނީ ތިން ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތް ހަމަވުމާ ގުޅިގެން މިއަދު އެމީހާ ކޯޓަށް ހާޒިރު ކުރުމުން އަނެއްކާ ވެސް ވަނީ ހަތަރު ދުވަހަށް ބަންދުގެ މުއްދަތެއް ޖަހާފައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ވަޒަން ފެނިފައި ވަނީ އެފްރިކާގެ ނެމީބިއާއަށް އުފަން ފަތުރުވެރިއެއްގެ ދަބަހުންނެވެ. އޭނާގެ އަތުން ވަޒަންތަކެއް ފެނުނީ ފަތުރުވެރިޔާގެ ސެކިއުރިޓީ ޗެކު ކުރަމުން ދިޔަ ވަގުތެއްގައެވެ.

މި މައްސަލާގައި ފުލުހުން އޭނާގެ މައްޗަށް ކުރަނީ ޓެރެރިޒަމްގެ ތުހުމަތެވެ. އެ ތުހުމަތު ތަފްސީލުކޮށްފައެއް ނުވެއެވެ.

މެއި ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް ދިން ނިިރުބަވެރި ހަމަލާއާ ގުޅިގެން އެއާޕޯޓުގެ ބޭރުގައި އާއި އެތެރޭގައި ސިފައިން ދަނީ ހަތިޔާރާއެކު ފޯރިމަރަމުންނެވެ.

ރާއްޖޭގައި އާންމުން މިގޮތަށް ވަޒަން ފަދަ ތަކެތި ގެންގުޅުމަކީ ގާނޫނާ ޚިލާފު ކަމެކެވެ. އަދި އެފަދަ ތަކެތި ރާއްޖެ އެތެރެކުރުމަކީ ވެސް މަނާ ކަމެކެވެ.

ނިރުބަވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ މީސް މީޑިއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އިންޒާރުތައް ދޭ މީހުންގެ މައްސަލަތައްވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފުލުހުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

އެގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާއާއި، މުލިއާގެ ގޮއްވާލާނެ ކަމަށް ބުނި މީހާވެސް ވަނީ ބަންދުކޮށްފައެވެ.