ސުޕްރީމް ކޯޓު ކައިރިން ޝައްކު ކުރެވޭ އެއްޗެއް ފެނިގެން އެ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އެ ސަރަހައްދު މަގުމަތިން ފެނިފައި ވަނީ މޯޓުން ކޮންޓްރޯލް ކޮށްގެން ދުއްވާ ކުޑަ ކާރެކެވެ. އެ ކާރު ފެންނަ ފެނުމަށް އޮތީ ބަދަލުކޮށްލައިފައެވެ. އެ ސަރަހައްދުން ފެނުނު ކާރު މިހާރު ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަދި އެ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ލިބިފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި ހައެއްގައި ދިން ބޮމުގެ ހަމަލާއަށް ފަހު މުޅި ރާއްޖޭގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އަދި ދައުލަތުގެ ބައެއް އިދާރާތަކުގެ ކުރިމަތީގައި ސިފައިން ގެންދަނީ ހަތިޔާރާ އެކު ފޯރި މަރަމުންނެވެ.