މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ދަށު ކޯޓުގެ ނިންމުން އިސްތިއުނާފް ކުރި މައްސަލާގައި އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފިއެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމީ އެމައްސަލަ ބެލެން ނެތް ކަމަށެވެ.

މި މައްސަލަ ދެން ސުޕްރީމް ކޯޓަށް ޕީޖީ އޮފީހުން ހުށަހެޅިއެވެ. އެ މައްސަލައިގެ ޝަރީއަތަށް އަލީ ވަހީދު ހާޒިރުވާން އަންގައި ޗިޓު ފޮނުވީ އިމެއިލް މެދުވެރިކޮށެވެ.

ދައުލަތް ތަމްސީލް ކުރާ ޕީޖީ ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ގާނޫނީ އިހުތިސޯސް ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވިގެން ނުވާނެ އެވެ. އެގޮތަށް ކުރިއަށް ގެންދާ ޝަރީއަތްތައް ގާނޫނާ ހިލާފުވާނެ ކަމަށް އެ އޮފީހުން އަންނަނީ ވިދާޅުވަމުންނެވެ

ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އަލީ ވަހީދު އޮންލައިންކޮށް ބައިވެރިވެވަޑައިގަތީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް އޭނާ ހާޒިރުވެގެންނެވެ. އޭރުން އެއީ ރާއްޖޭގެ އިހްތިސާސް ހިންގާ ތަނަކަށްވެއެވެ. އެކަމަކު އެއީ އެމްބަސީ ކަން ޔަގީންވާނެ ގޮތެއް ވެސް ނޯންނާނެ ކަމަށް ޕީޖީން ވިދާޅުވެއެވެ.

ޕީޖީން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ކެންސަލް ކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ. ޕާސްޕޯޓް ކެންސަލް ނުކުރަން ކްރިމިނަލް ކޯޓުން ނިންމުމުން ހައި ކޯޓަށް ހުށަހެޅުއްވިއެވެ. ހައި ކޯޓުގެ ރަޖިސްޓްރާ ވެސް ނިންމެވީ މައްސަލަ ބޭރުކޮށްލުމަށެވެ. މިހާރު ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެ ނިންމުން މުރާޖާ ކޮށްދޭން އެދިވަޑައިގެން ހުށަހަޅުއްވައިފައެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. އެ ހުއްދަ އަލީ ވަހީދަށް ދީ، ޕާސްޕޯޓް ދޫކޮށްލީ، އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

ކްރިމިނަލް ކޯޓުން މި ހުއްދަ ދިނީ އަލީ ވަހީދުގެ ސިއްހީ ހާލަތު ލިޔެކިއުންތަކަށް ރިއާޔަތްކޮށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ޝަރީއަތުގައި ބައިވެރިވާ ގޮތަށެވެ. އެކަމަކު އިނގިރޭސިވިލާތުގައި އަލީގެ ބޭސްފަރުވާގެ އެއްވެސް ކަމެއް ނުހިނގާ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭން ބޭރަށް ދިއުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިން އިރު ކޯޓަށް ހުށަހެޅި ކަމަށް ބުނާ ސިއްޚީ ލިޔެކިއުންތަކާއި ރާއްޖޭން ބޭރުގައި އޮންލައިންކޮށް ބައިވެރިވުމަށް އެދި ހުށަހެޅި ލިޔެކިއުންތައް ދޭން ޕީޖީ އޮފީހުން އެދިފައި ވީނަމަވެސް މިހާތަނަށް ވެސް ކޯޓުން އެ ލިޔެކިއުންތައް ހުށަހަޅާފައި ނުވެއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކަކީ، ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާއާއި، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.