ށ. ފޯކައިދޫން އިތުރު 30 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެެވެ.

ފޯކައިދޫ ސިއްހީ މަރުކަޒުން އާއްމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އެރަށުން ވަނީ 45 ސުންކު ނަގާފައެވެ. އޭގެ ތެރެއިން 30 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، 12 މީހެއްގެ ސުންކު ވަނީ ނައްސިވެފައެވެ.

އެރަށުން ނެގި ސުންކުތަކުގެ ތެރެއިން ދެ މީހެއްގެ ސުންކު އަލުން ނަގަން ޖެހޭ ކަމަށާއި އެކެއްގެ ސުންކު އަދި ނުލިބޭ ކަމަށް ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ.

އެރަށުން ފައްސިވި މީހުންނާއި ގުޅިގެން މިހާތަނަށް 10 ވަރަކަށް ގެ މިވަގުތު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ރާއްޖެއިން މިހާތަނަށް 75،405 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 72،678 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހިފައި މިވަގުތު 2،501 މީހަކު ތިބިއިރު، އޭގެ ތެރެއިން 16 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 215 މީހަކު ވަނީ ނިޔާވެފައެވެ.