ރައީސް ޔާމީން މިހާތަނަށް ވައުދުވި ކަންތައްތައް ފުއްދަމުންދާ ކަމަށް އެންވާރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކ. އަތޮޅުގެ ތިން ރަށަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ކ. މާފުއްޓަށް ރައީސް ޔާމީން އާއެކު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިނިސްޓަރ ތޯރިގް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރުގެ ދައުރަަށް ރައީސް ޔާމީން ހޮވަން ހުރިހާ އެންމެންވެސް އަތާއި އަތް ގުޅާލަން ޖެހޭ ކަމަށެވެ.

"ރައީސް ޔާމީން އަކީ ވަރަށް ވިޝަނަރީ ލީޑަރެއް. މިހާރު މިއޮތީ ރިޔާސީ އިންތިހާބު ބޯމަތިވެފައި. އިންހާބުގައި ރައީސް ޔާމީން ހޮވަން ރައްޔިތުން ވޯޓް ދޭން ޖެހޭ " މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ސަރުކާރުން މާފުއްޓަށް ގެންނެވި ތަރައްގީއަށް އިޝާރަތް ކުރައްވާ މިނިސްޓަރ ތޯރިގް ވިދާޅުވީ މާފުށީގެ ގިރާ ސަރަހައްދު ރައްޔިތުން ބޭނުންވި ގޮތަށް ސަރުކާރުން ވަނީ ހިމާޔަތް ކޮށްދީފައި ކަމަށާއި 14.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ހަރަދުކޮށްފައި ކަމަށެވެ.

"މި ސަރުކާރުގެ ފުރަތަމަ ހަތަރު އަހަރު މާފުށީގައި 35 ގެސްޓް ހައުސް އެޅި. 199 އެދު ވަނީ އިތުރު ކުރެވިފައި. ރައީސް ޔާމީނުގެ ސަރުކާރުގެ ފުރަތަމަ 4 އަހަރުތެރޭގައި 35 ކިލޯމީޓަރުގެ ގޮޑުދޮށް ވަނީ ހިމާޔަތް ކުރެވިފައި" މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.

މިނިސްޓަރ ތޯރިގް ވަނީ ކުރީގެ ރައީސް ނަޝީދު އެންމެ ލެޕްޓޮފަކާއި ރިސޯޓަކުން ގައުމު ހިންގާނަމޭ ބުނި ބުނުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ރައީސް ނަޝީދު ބުނިގޮތަށް އެކަމެއް ނުވި. ރައީސް ނަޝީދުގެ ވެރިކަމުގައި މާފުށީގައި ގެސްޓް ހައުސް އެޅުނު. އެކަމަކު އޭގެން ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތް " މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.