ހއ.ދިއްދޫގައި އިއުލާންކޮށްފައި އޮތް ކާފިއުގެ ވަގުތު ކުރުކޮށްފިއެވެ.

އެޗްޕީއޭ އިން ދިއްދޫ ކައުންސިލަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައި ވަނީ އެރަށުގައި މާދަމާ އިން ފެށިގެން ކާފިއު ހިންގާނީ ރޭގަނޑު 21:00 އިން ފަތިހު 04:00 އަށް ކަމަށެވެ. މިހާރު އެރަށުގައި ކާފިއު ހިންގަމުން އަންނަނީ ހަވީރު 16:00 އިން ފަތިހު 04:00 އަށެވެ.

ކާފިއުގެ ވަގުތަށް ގެނައި ބަދަލު ދިއްދޫގައި އިއުލާން ކުރަން އެޗްޕީއޭ އިން ވަނީ ކައުންސިލަށް އަންގާފައެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ދިއްދޫގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށް ފަހު މިހާރު ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބެލެވެއެވެ. އެރަށުން އިއްޔެ ފައްސިވީ ދެމީހުންނެވެ. އިއްޔެގެ ނިޔަލަށް އެރަށުގައި 142 މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން 82 މީހަކު އަދި ކޮވިޑުން ރަނގަޅެއް ނުވެއެވެ. ކޮވިޑަށް ޓެސްޓް ކުރަން ނެގި ސުންކުތަކުގެ ތެރެއިން 43 ސުންކެއްގެ ނަތީޖާ އަދި ނުލިބެއެވެ.

ކޮވިޑް ޖެހިގެން ދިއްދޫން މިހާތަނަށް ދެމީހަކު ވަނީ ނިޔާވެފައެވެ.

މިދިޔަ މަހު ދިއްދޫގައި ކޮވިޑް ފެތުރުނީ ވެސް ރަށުގައި ކޮވިޑް ފެތުރި ގިނަ ދުވަސްތަކެއް ވަންދެން މޮނިޓަރިންގައި ބޭއްވުމަށް ފަހު މޮނިޓަރިން އުވާލިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ. މިހާރު އަނެއްކާވެސް އެރަށުގައި ކޮވިޑް ފެތުރެމުން ދާތީ ރަށް އޮތީ މޮނިޓަރިންގައެވެ.

ކިޔުންތެރިންގެ ހިޔާލު