މިއަދު ރާއްޖެ އިން އިތުރު 217 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ވެސް ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އިތުރުވީ ތަރައްގީ ކުރަމުންދާ ރިސޯޓަކުން 92 މީހަކު ކޮވިޑަށް ފައްސިވުމުންނެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 31 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 88 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން ހަމީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 5739 މީހުންނެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން %3.78 މީހުން ކޮވިޑަށް ފައްސިވިއެވެ.

މިއަދަކީ ޖޫން މަހުގެ 27 ވަނަ ދުވަހަށް ފަހު އެންމެ ގިނަ މީހުން ރާއްޖެ އިން ކޮވިޑަށް ފައްސިވި ދުވަހެވެ. މިމަހުގެ ފުރަތަމަ ދުވަހަށް ފަހު މާލެ އިން ވެސް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހަކީ މިއަދެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ވެސް މިމަހުގެ ފަސް ވަނަ ދުވަހަށް ފަހު އެންމެ ގިނަ މީހުން ފައްސިވި ދުވަހަކީ މިއަދެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 2562 މީހުން އެބަތިއްބެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 14 މީހުންނަށެވެ. މިއަދަކީ ފާއިތުވި ހައެއްކަ މަސް ދުވަހުގެ ތެރޭގައި ވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު މިހައި މަދުވި ފުރަތަމަ ދުވަހެވެ.

މިއަދު 154 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ.