ރާއްޖޭގެ ސިވިލް އޭވިއޭޝަން ރެގިއުލޭޝަން ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ތައްޔާރީ ހާލަތު ދެނެގަތުމަށާއި އިތުރަށް ތައްޔާރީ ހާލަތު ހަރުދަނާ ކުރުމަށް އެއާޕޯޓު ފުލް އެމެޖެންސީ އެކްސަސައިޒެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެެލް އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ 27 ޖޫން 2018 ވަނަ ދުވަހުގެ ހަވީރު ކަމަށެވެ. މިއީ ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ އެކްސަސައިޒެކެވެ.

އެހެންކަމުން އެ ދުވަހުގެ ހަރަކާތް ބާއްވާއިރު އެއާޕޯޓުގެ ހިދުމަތް އެ ދުވަހުގެ ހަވީރު 16:00 – 19:00އާއި ދެމެދު މެދުކަނޑާލުމަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މި އެކްސަސައިޒުގެ މައިގަނޑު މަގުސަދަކީ ފަސިންޖަރުންނާ މަތިންދާބޯޓަކަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއެއްގައި އަމަލުކުރުމަށް ހެދިފައިވާ ޕްލޭންތައް ޓެސްޓުކުރުމާއި އަދި އަމަލުކުރުމުގައި ދިމާވާ ދަތިތައް ދެނެ ގަނެ ކުރިމަގުގައި އެކަންކަން މުރާޖާކޮށް އެ މައްސަލަތަކަށް ހައްލު ހޯދުމެވެ.