ވަގު ލިޔުން އިމިގްރޭޝަނަށް ހުށަހަޅައިގެން ގެސްޓްހައުސްތަކަށް ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިން އަންނަކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުންނާއި އަދި މައުލޫމާތު އެނގޭ ބައެއް އާއްމުން ވެސް ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު މިއަދު ވަނީ އަލުން ހުޅުވާލާފައެވެ. ނަމަވެސް އަދި ގެސްޓްހައުސްތަކަށް ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިން ދިއުން ވަނީ މަނާކޮށްފައެވެ. ރާއްޖެއަށް ފަތުރުވެރިން އެތެރެވާއިރު ފަތުރުވެރިން ޗެކިން ވަނީ ކޮންތަނަކަށްތޯ އިމިގްރޭޝަނުން ޗެކް ކުރެއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ސަފާރީތަކަށް ޗެކިންވާކަމަށް ބުނެ އިމިގްރޭޝަނަށް ލިޔުން ހުށަހަޅައިގެން ފަތުރުވެރިން ރާއްޖެ އެތެރެވުމަށް ފަހު ގެސްޓްހައުސްތަކަށް ޗެކިންވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޓޫރިސްޓުންވަނީ ފްރޯޑް ސަފާރީބުކިންގ އިމިގްރޭޝަނައް ދެއްކުމައްފަހު އެތެރެވެ، ގެސްޓްހައުސްތަކުގައި ޓްރާންސިޓް ފަތުރުވެރިންގެ ގޮތުގައި ޗެކިންގ ވަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއެސޯސިއޭޝަނުން ވަނީ މިފަދަ އަމަލުތަކުގައި އެއްވެސް ފަރާތެއް ބައިވެރި ނުވުމަށް އެދިފައެވެ. އަދިއިދާރާތަކުން މިކަންކަންބަލާ ފިޔަވަޅު އެޅުމަށް ވެސް އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.

ޓްއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުސޫލުތަކަށް ތަބާވޭތޯ ހޮޓާތަކާއި ގެސްޓްހައުސްތައް ޓްއަރިޒަމް މިނިސްޓްރީން ޗެކް ކުރަމުން ގެންދާނެ ކަމަށެވެ. "ބަންދުކުރުމަކީ ހައްލެއްނޫން. ބަންދުކުރާކަށް ބޭނުމެއްވެސްނޫން. އެހެނަސް ޗެކުކުރާއިރު ފާސްނުވެއްޖެނަމަ، ބަންދުކުރުން ނޫންގޮތެއްނެތް. ސައުތު އޭޝިއަން ޓޫރިސްޓުންނާއި ގުޅޭ އިންތަކާމިންތައް ތަންފީޒު ކުރާމިންވަރު ބަލަން ހޮޓެލް/ގެސްޓްހައުސް ޓޫރިޒަމްޓީމުން ޗެކުކުރަމުންދާނެ." މިނިސްޓަރ މައުސޫމް ވިިދާޅުވިއެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިން ރާއްޖެ އައުމުގެ ހުއްދަ ދިނުމާއިއެކު މިއަދު އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އިންޑިއާގައި އަދިވެސް ކޮވިޑްގެ ހާލަތު ރަނގަޅެއް ނުވެއެވެ. އެގައުމުގައި މިހާރު ޑެލްޓާ ޕްލަސް ވޭރިއަންޓް އަންނަނީ ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު