ކުރިއަށް އޮތް އަޟްހާ އީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުތުތައް މާލޭ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އީދު ދުވަހު ފައިމަގުގައި ހިނގާފައި އުޅޭ ވަގުތުތައް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން އީދު ދުވަހު ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 20:00 އަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. މި ނިންމުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ތަންފީޒު ކުރާނެ ކަމަށްވެސް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މިއަހަރުގެ އަޟްހާ އީދު ދުވަހަކީ ޖުލައި މަހުގެ 20 ވަނަ ދުވަހެވެ. އެއީ އަންނަ އަންގާރަ ދުވަހެވެ.

މުއިއްޒު ވިދާޅުވީ މާލޭ ސަރަހައްދުގައި އީދު ދުވަހު ފައި މަގުގައި އުޅޭ ގަޑިތައް ހަމަޖެއްސީ ޓްރެފިކް ޕޮލިހާވެސް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

އީދު ދުވަހު ފައި މަގުގައި އުޅޭނެ ގަޑިތައް ކަނޑައެޅުމަށް ކައުންސިލުން ވަނީ އާއްމުންގެ ހިޔާލު ހޯދާފައެވެ. އަދި އެކަމާއި ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓެއް ވެސް އޮންލައިންކޮށް ނެގިއެވެ.

މީގެ ކުރިން ވެސް އާއްމުކޮށް އީދު ދުވަސް ދުވަހު ހަވީރު މާލޭ މަގުމަތީގައި ހިނގާފައި އުޅޭނެ ވަގުތެއް ކަނޑައަޅައެވެ.