މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިން ބަޔަކު، ފޮށިތައް ބަހައްޓާފައި ރަށަކަށް ފުރައިފިއެވެ.

ފޭސްބުކް ޕޭޖެއް ކަމަށްވާ "އެމްވީ ލޮސްޓް އެންޑް ފައުންޑް" އިން އިއްޔެ ކުރި ޕޯސްޓެއްގައި ފޮޓޯއެއް އާންމު ކުރުމަށް ފަހު ބުނެފައި ވަނީ އެ ފޮށިތަކަކީ އެމްއެމްއޭ ކުރިމަތިން ފުރައިގެން ދިޔަ ބަޔަކު ހަނދާން ނެތިގެން ދޫކޮށްލާފައިވާ ފޮށިތަކެއް ކަމަށެވެ.

އެ ފޮށިތަކާ ފުލުހުން ހަވާލުވެފައިވާ ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.

ފޮޓޯ އިން ފެންނަނީ ކަޅު ދެ ފޮއްޓާއި ފިޔާތޮށި ކުލައިގެ ދެ ފޮއްޓެވެ. ފޮޓޯ އިން ފެންނަ ގޮތުގައި އެ ފޮށިތަކުގައި ވަނީ ތަޅު ވެސް އަޅުވައިފައެވެ. އެ ފޮށިތައް ހުރީ ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގެ ކައިރީގައި ބަހައްޓައިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެއް ނަންބަރު ޖެޓީން މި ފޮށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު އެ ފޮށިތައް އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީން ވުމަކާ ނުލައި ރާއްޖޭގެ ރަށްރަށަށް ދެވޭ ގޮތަށް ހަމަޖެއްސުމުން މާލޭގައި ތިބި ގިނަ ބަޔަކު އަންނަނީ ރަށްރަށަށް ފުރަމުންނެވެ. އެމީހުން ފުރާފައި ވަނީ ބޮޑު ޗުއްޓީ އާއި އީދު ބަންދާ ދިމާވެ، ހަފްތާއެއްގެ މުއްދަތައް ސަރުކާރު އޮފީސްތައް ބަންދު ކުރަން ނިންމުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯގޯސް

    އަނބިދަރިން މަ ތިން ހަނދާން އެބަހުރިބާ އަނެއްކާ ހަހަހަހަ އޯކޭވާނެ ރަށައްދެވިއްޖެ އެއްނު

  2. ޢަހުމަދު1

    މާސްކް ހާނދާންނައްތާ ނުލާތި