ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުތެރެއިން އެއް މަސް ދުވަސް ފަހުން ބެންޑޭޖްކޮޅެއް ނަގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 25 އަހަރުގެ އެ އަންހެން މީހާގެ ސިޒޭރިއަން ހަދާފައިވަނީ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަނޑުން އެ ބެންޑޭޖްކޮޅު ނަގާފައިވަނީ އިއްޔެގެ ވަގުތެއްގައި އައިޖީއެމްއެޗްގައި ކުރި ނުވަ ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހުއެވެ.

އެ އަންހެން މީހާގެ އާއިލާ ބޭފުޅަކާއި ހަވާލާދީ "ފުވައްމުލަކު ޓައިމްސް" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ އަންހެން މީހާގެ ސިޒޭރިއަން ހެދިފަހުން، އޭނާ އެއްޗެއް ކާއިރަށް ބަނޑަށް ތަދުވާން ފަށައެވެ. އެގޮތަށް ތަދުވެ ހޮޑުލެވެން ފެށުމުން އެރަށު ހޮސްޕިޓަލަށް ދިއުމުން ހަމަ އެކަނި އިންޖެކްޝަނެއް ޖަހައި ގެއަށް ދޫކޮށްލާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

"ފުރަތަމަ އެ އޮޕަރޭޝަނަށްފަހު އެއްޗެއް ކާއިރަށް ބަނޑަށް ތަދުވާން ފެށީ. ދެން ހޮޑުލެވެނީ. ތަދުވާތީ ހޮސްޕިޓަލަށް ދިޔައިމަ އިންޖެކްޝަނެއް ޖަހާފައި ފޮނުވާލަނީ".އެ މީހާ ބުންޏެވެ.

އެކަން އެގޮތަށް ދިއުމުން ވެސް ހައްލެއް ނުލިބިގެން އާއިލާއިން އެންމެ ފަހުން ނިންމީ މާލެއަށް ދެއްކުމަށެވެ. މާލޭ އައިޖީއެމްއެޗްއަށް ދެއްކުމުން އާއިލާއަށް އެނގުނީ އެ އަންހެން މީހާގެ ބަނޑުގައި ބެންޑޭޖް ކޮޅެއް ތައްލަވާފައިވާ ކަމަށެވެ.

"އޮޕަރޭޝަން ނިންމައިފައި ޑޮކްޓަރުން ނުކުމެ ދެއްކީ ގޮހޮރުގައި ތައްލައިފައި އޮތް ބޭންޑޭޖްގަނޑެއް. އޭތި ނެގިއިރު ގޮހޮރުގައި ފާރު ހެދި ފޫގޮސްގެން ގޮހޮރުގެ އެއްބައި ނަގަން ޖެހުނު" އެ އަންހެން މީހާގެ އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

އަންހެން މީހާގެ ބަނޑުން ނެގި ބެންޑޭޖްތައް-- ފޮޓޯ: ފުވައްމުލައް ޓައިމްސް

މިކަމާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު "ވަގުތު" އަށް ވިދާޅުވީ، އެއީ ހިނގައިގެން އުޅޭ ހާދިސާއެއް ކަމަށާއި އެކަން މިހާރު ހެލްތް މިނިސްޓްރީގެ ބޭފުޅުންނާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެހެން ކަމުން އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް ހިއްސާ ކުރެވޭނީ ތަހުގީގު ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފަބޭ2020

    ތިޔަކަން ދަނޑުބޭރުގައި އެމްޑީޕީ އޮތްނަމަ މުޒާހަރާކޮށް ތަންތަނަށްގެއްލުންދީހެދީސް! ހޮސްޕިޓަލުގަމީހަކުނިޔާވިއަސް ކުއްޖަކުނިޔާވިއަސް މަގުތައްމަތީ ހޯބޯލަވަމުންދުވިމީހު މިއަދުކޮބާ؟ ރާއްޖެތެރޭކުއްޖެއްވީމަ ހުރިހާމުއައްސަސާއެއްގަތިބި( ނަމުން) އިއްޒަތްތެރިބޭފޫޅުންކޮބާ ހައްޕު ކިޔައިގެންތިޔަތިބީ ކިހާދުވަހަކުތިބެވޭނެކަމަށްތޯ؟ ކޮބައިތޯ އެކިނަންނަމުގަހަދާގަހުރިކޮމިޝަންތައް؟ ތިޔަބޭފުޅުންނަށްކަމެއްދިމާނުވާތީ ހުރިހާކަމެއްއޯކޭވަނީތޯ؟

  2. ޙުސްނުހީނާ

    މިފަހަ ރުވެސް ހެލްތުު މިނިސްޓަ ރު ހަމަ ކޫލް.. އިސްތިއުފާއެއް ނުދޭނެބާ..

  3. ޖަޒީރާމަނިކު

    ހެލްތުމިނިސްޓްރީން ތަހުގީގުކޮށް ނިމޭ އިރު އިހްމާލުވެފައިވާނީ ބެންޑޭޖަކޮޅު. އެއީ ބެންޑޭޖް ކޮޅު ޑޮކްޓަރަށް ނުފެނި ބަނޑުތެރޭގައި ފިލާއޮތީތީ. މިނިސްޓަރު ނަސީމް އިސްތިއުފާ.