ހުޅުމާލޭ ރައްޔިތުންނަކީ ހިދުމަތުން މަހުރޫމްވެފައި ތިބި ބަޔަކަށް ވާން ނޭދޭ ކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީއެންސީގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި ޝުޖާއު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މާލޭ ސިޓީގެ އެންމެ ބޮޑު އަވަށަކީ ހުޅުމާލޭ ކަމަށާއި އެހެން ނަމަވެސް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ޓެސްޓް ހެދުމަށް ރައްޔިތުން ގުޅާލުމުން އެގޮތަށް ޓެސްޓް ހެދުމަށް ބޭނުންވާނަމަ، މާލޭގެ ސޯޝަލް ސެންޓަރަށާއި ވިލިމާލެއަށް ވަޑައިގަންނަވަން އަންގާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅެމުން އަންނަ އެތައް ރައްޔިތުންނެއް ޗުއްޓީއަށް އަތޮޅުތެރެއަށް ނުފުރި، ރަށު ބަންދު ވެފައި އެބަ ތިބި ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯދައި ދޭން ސަރުކާރުން ޖެހޭ ކަމަށެވެ.

ރައްޔިތުން ތަހައްމަލު ކުރަމުން އަންނަ ބޮޑު ތަކުލީފެއް ކަން ފާހަގަ ކުރަމުން ޝުޖާއު ވިދާޅުވީ، ދާއިރާގެ ރައްޔިތުންނަކީ ހިދުމަތުން މަހުރޫމް ވެފައި ތިބި ބަޔަކަށް ވާން އޭނާ ނޭދޭ ކަމަށެވެ.

ހުޅުމާލޭއިން ކޮވިޑް-19 އަށް ޓެސްޓް ނުކުރެވޭ ކަމަށް ޝުޖާއު ވިދާޅުވެފައިވާއިރު، ކޮވިޑް-19 އަށް ޓެސްޓް ކުުރުމަށް ހުޅުމާލޭގެ ފްލޫ ކްލިނިކް ހަމަޖައްސާފައި ވެއެވެ. އެކަމަކު އެތަނުގައި މިހާރު ހަރުކޮށްފައިވާ ނޯޓިސްވެސް ވަނީ ނައްޓާފައެވެ. އަދި ޓްރީޓޮޕްގައިވެސް ކޮވިޑަށް ޓެސްޓު ކުރެވުނު ނަމަވެސް، އެކަމަށް ބޮޑު ހަރަދެއް ކުރަން ޖެހެއެވެ.