އޭޝިއާ ސަރަހައްދުގެ ކުންފުނިތަކާއި އޯގަނިޒޭޝަންތަކުގެ މެދުގައި ދެމުން އަންނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ 19 ވަނަ އެޑިޝަންގައި "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގ" ގެ އެވޯޑް ސްޓެލްކޯއަށް ލިބިއްޖެއެވެ.

ސްޓެލްކޯއަށް މި އެވޯޑް ލިބިފައި ވަނީ އިއްޔެ ވާޗުއަލްކޮށް ބޭއްވި ހަފްލާއެއްގައެވެ.

ސްޓެލްކޯ ކުރިއަރާ ގޮސްފައިވާ ގޮތާއި، އެ ކުންފުނިން ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތަކާއި، ހޯދަމުންދާ ކުރިއެރުންތަކަށް ބިނާކޮށް މި އެވޯޑް ދީފައިވާއިރު، މީގެ ކުރިންވެސް ވަނީ ބައިނަލްއަގްވާމީ އެވޯޑްތަކެއް ލިބިފައެވެ.

އެގޮތުން މާލޭގެ އާބާދީއާއި، އުމްރާނީ ތަރައްގީއާއި އެއްކޮށް އަންނަމުންދާ ހިފެހެއްޓުމެއްނެތް ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށް ސްޓެލްކޯއިން ނަމޫނާ ދައްކާފައިވާތީއާއި، ޖާގައިގެ ދަތިކަމާއެކުވެސް، ސްޓެލްކޯއަށް ލިބިފައިވާ ބިމުގެ އެކިދިމަދިމާލުގައި ޖަނަރޭޓަރު ބަހައްޓައިގެން އެ އަރަމުންދިޔަ ޑިމާންޑަށް ކޭޓާ ކުރުމަށް ކޮށްފައިވާ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މީހުން ބިނާ ކުރުމުގެ ރޮނގުން ސްޓެލްކޯއިން ކުރަމުންދާ ފުރިހަމަ މަސައްކަތްތަކާއި، ކޮވިޑް-19ގެ ހާލަތުގައި ވަޒީފާގެއްލިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދުވަހު މުސާރައަށް މިނިވަން މަސައްކަތްތެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލުމާއި، ޕެރޯލްގައި ތިބި ބައެއް ފަރާތްތައް ރަނގަޅުގޮތުގައި އަނބުރާ މުޖުތަމައުއަށް ނިކުތުމަށް އެހީތެރިވުމަށް އެފަރާތްތަކަށް ސްޓެލްކޯގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ކުންފުނީގައި އަދާކުރެވިދާނެ ފަދަ ވަޒީފާތައް އެފަދަ ފަރާތްތަކަށް ތަނަވަސްކޮށްދިނުމުގެ އިތުރުން، ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ދިވެހިންނަށްވުމަކީވެސް މި އެވޯޑް ލިބުނު ސަބަބުތަކެވެ.

އަދި މީގެ އިތުރުން 14 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ފަށައި، 200 މެގަވޮޓާއި ގާތްކުރާ އަދަދެއްގެ ކޮމްބައިންޑް ކެޕޭސިޓީއެއް ސްޓެލްކޯއިން ގާއިމް ކުރުމާއި، އަދި ކުންފުންޏަށް އިތުރު އާމްދަނީ ހޯދުމުގެ ގޮތުން، އިސްތިހާރު ކުރުމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ސްކްރީން (ސްޓެލްކޯ މާޓީވީ) ބެހެއްޓުމާއި، ސްޓެލްކޯ ސޭލްސް ސެންޓަރުގެ ހިދުމަތާއި، ސޯލާ ޕެނަލް ވިއްކުމަށް ހުޅުވާފައިވާ ސްޓެލްކޯ ގްރީންލައިފް ސޯލާ ސެންޓަރާއި، ސްޓެލްކޯ ގްރީންލައިފް ބަސް ސްޓޮޕާއި، ސްޓެލްކޯ ފްލޯޓިންގ ސޯލާ ޕޮޑްގެ އިތުރުން، ކަސްޓަމަރުންނަށް އެންމެ ހެޔޮއަގުގައި ބޯފެން ފޯރުކޮށްދިނުމަށް "ސްޓެލްކޯފެން" ބާޒާރަށް ނެރުންވެސް މިއީވެސް މި އެވޯޑް ސްޓެލްކޯއަށް ލިބުނު ސަބަބުތަކެވެ.

މީގެ ކުރިން ސްޓެލްކޯއަށް 2019 ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑާއި، ސީއެމްޑީއިން ދޭ ކޯޕަރޭޓް ގަވަރނެންސް އެންމެ ރަނގަޅު ކުންފުންޏަށްދޭ "ސީޖީ އެފޯޓްސް އެވޯޑް" އާއި، އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑާއި، ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑްވެސް ލިބިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.