އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ހުރިހާ މެންބަރުން ތިބީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ކަމަށާއި އެމަނިކުފާނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އަދި ދެކިގެން ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ޚާއްސަ އެޑްވައިޒަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން ނިންމާފައި ވަނީ 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެ ކޯލިޝަންގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމުގައެވެ.

އެކަމަކު ރައީސް ޔާމީންގެ ކުރިމަތީގައި އަދި ގާނޫނީ ހުރަހެއް އެބަ އޮތެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތުހުމަތުގައި އުފުލި ދައުވާ ދަށު ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. އެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާއިރު، މިހާރު އެ ހުކުމް އޮތީ ސުޕްރީމް ކޯޓުގެ މަރުހަލާގައެވެ. އިދިކޮޅު އަދި އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންގެ އުއްމީދަކީ ވެސް އެންމެ މަތީ ކޯޓުގެ މަރުހަލާ ޔާމީން މިނިވަންވުމެވެ.

ނަމަވެސް ޔާމީން މިނިވަން ނުވެއްޖެ ހާލަތުގައި ވާދަވެރި ޕްރައިމަރީއެއް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ފެންނާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވެސް ލަފާކުރެއެވެ. އަދި ޔާމީންއާ ވާދަނުކުރެވިއްޖެނަމަ ވާދަކުރާނެ ކެންޑިޑޭޓަކާ ގުޅޭ އަންދާޒާތައް ވެސް ފެންނަމުން އެބަ ދެއެވެ.

"ވަގުތު ހަވާސް" ގެ ނަމުގައި "ކްލަބް ހައުސް" ގައި މިރޭ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މިދިޔަ ރިޔާސީ އިންތިޚާބުގައި ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި ޝަހީމް ބައިވެރިވެވަޑައިގެން ވިދާޅުވީ "ރައީސް ޔާމީންއަށް ވާދަނުކުރެވޭނެ ކަމަށް އަދި ދެކިގެން ނުވާނެ" ކަމަށެވެ.

ޝަހީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ މަރުހަލާގައި ރައީސް ޔާމީން މިނިވަންވެ 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންގެ އުއްމީދެއް ކަމުގައެވެ. އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ މަސައްކަތް ކުރަނީ އެ މިސްރާބަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓް އޮތީ ޔާމީނަށް ކަމަށް ލީޑާޝިޕްގެ ހުރިހާ ބޭފުޅުން ވިދާޅުވާއިރު ރިޔާސީ ޓިކެޓު ވެސް ޔާމީނަށް ދޭން ނިންމާފައި އޮތްއިރު، ޕްރައިމަރީއެއް ނެތި އެ ކަން ނިންމޭނެތޯ ސުވާލު ކުރުމުން ޝަހީމް ވިދާޅުވީ ޕްރައިމަރީ ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓަރުންގެ މެދުގައި، އާންމު މެންބަރުންގެ މެދުގައި، މި ކަމުގައި ނެތް ޚިލާފެއް، ޚިލާފެއް އޮތް ނަމަ ފެންނާނެ، އެންމެންގެ ތާއީދު އޮތް ކަން ޔަގީންވާ ހާލަތުގައި، ޚިލާފެއް ނެތް ހާލަތެއްގައި، އަޅުގަނޑަކަށް ނުފެނޭ ކޮންމެހެން ޕްރައިމަރީއެއް ބާއްވަން ވެސް،" ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި ޝަހީމް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ނުވަތަ ރައީސް ޔާމީންގެ ރަނިން މޭޓަކަށް އަނެއްކާ ވެސް ވުމުގެ ޝައުގުވެރިކަން ހުރުމާ މެދު ސުވާލު ކުރުމުން ވިދާޅުވީ އެއަށް ޖަވާބެއް ދެއްވަން ވަރަށް އަވަސް ކަމަށެވެ.

ރިޔާސީ އިންތިޚާބަށް އަދިވެސް ދެ އަހަރެއްހާ ދުވަސް އޮތްއިރު، މިހާރު ވެސް ރިޔާސީ އިންތިޚާބުގެ ފޯރީގެ މަލަމަތީ އޮތީ ފެންނަން ފަށައިފައެވެ. އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މިހާރު ވެސް ބައެއް ބޭފުޅުން އިއުލާން ކުރެއްވިއިރު، އާ ސިޔާސީ ޕާޓީތައް ވެސް ދަނީ އުފެދެމުންނެވެ.

މި އިންތިޚާބުގައި ގިނަ ބަޔެއްގެ ނަޒަރު ހުއްޓޭނީ ވެސް ޕީޕީއެމްއާއި ޕީއެންސީއަށެވެ. ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓަކަށް ވާނެ ކަމަށް އަންދާޒާ ކުރެވޭ ބޭފުޅުންގެ ލިސްޓުގައި ޝަހީމް ވެސް ހިމެނެއެވެ. ޝަހީމް އަދި ވިދާޅުވަނީ "ޔާމީން ވާދަކުރައްވާނެ" ކަމަށެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައި ޝަހީމް ހިމެނިވަޑައިގަންނަވައެވެ.

އޭނާއަކީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި، ވިލާކޮލެޖްގެ ފެކަލްޓީއޮފް ޝަރީޢާގެ (ފައުންޑިން) ޑީންކަމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުގެ ސްޓޭޓް މިނިސްޓަރު ކަމުގެ އިތުރުން ދެ ސަރުކާރެއްގައި އެ މިިނިސްޓްރީގެ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި، އެ ޔުނިވަރސިޓީގެ ޗާންސެލަރުކަމާއި، އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖު ކަން ވެސް ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޝަހީމް ފޭން

  އަދި މިހާތަނަށް ފެންނަން ތިބި ކެންޑިޑޭޓުންނަށް ބަލާފައި ޝަހީމް ނޫން މީހަކަށް ވިއްޔަ ވޯޓު ދޭން އުނދަގު،

  7
  4
 2. އަހުމަދު

  ލާދީނީ ނަޝީދާއި އޭނާގެ ދަށުވެފައިވާ މީހަކު ނޫނިއްޔާ ހެޔޮ ކޮންމެ މީހަކުވެސް

  8
  3
 3. ޖީއެސް އެމް

  ކޮބައިތޯ ގިނަ ރައްޔިތުން ނަކީ؟ ތިޔައީ ހަމަ ހީވާހީވުމެއް. މިހާރަކު ގުނަ ރައްޔިތުން ތާއީދެއް ނުކުރާނެ. އޭރުވެސް ނުކުރޭ. މަޖުބޫރު ކުރުވައިގެން ޖަލްސާ ތަކަށް މީހުން ގެންދިއުމަކީ ކޮންމެހެން ތާއީދު އޮތްކަމެއް ނޫންކަން އެއޮތީ އިންތިޚާބުގައި ރީތިކޮން ފެންނަން. ހަގީގަތެއް ބަދަލެއް ނުވާނެ. ގިނަ މީހުންގެ ތާއީދާއެކު ވެރިކަމަށް އާދެވުނީ. ފަހުން ފެންވ އޮޅި ކޮރަޕްޓްވެ ފާތުމަ އަށް ސަރުކާރުގެ ތެރެއަށް އަތްބާނާ ހަލުވަން ފެށީމަ ގިނަމީހުން ފޫހިވެ ތާއީދު ގެއްލުނީ. ތިމަ ތިމާއަށް ފެންވަރު އޮޅުނީ. ދައުލަތުގެ ޚަޒާނާ ފެނިފަ ދުނިޔެ ރަންވީ. ޖިނާއީ ބޮޑު ކުށެއްގަ އުޅޭ މީހަކު ކިހިނެތްތޯ ވެރިކަމަށް ކުރިމަތި ލާނީ؟. ހަމަހޭގަ ހުރި މީހަކު ހިޔެއްނުވޭ ތިކަހަލަ ވާހަކަ ދައްކާނެ ހެނެއް. ބަތާކައިފަ ތިބިބަޔަކު ތިހެންކިޔުމަކުން ހައިރާންވާކަށް ނުޖެހޭ.

  10
  14
  • އާދަންބެ

   ކަލެއަށް މާބޮޑަށް އެނގެނީ.
   1- ދައުލަތުގެ އިސް މަގާމުތަކުގަ މިހާރުވެސް އެތިބީ ޖިނާޢީ ހުކުން ތަންފީޒުކުރަމުން ދިޔަ މުޖުރިމުން.
   2- މިހާރު މިއޮތް ސަރުކާރު ވެރިކަމަށް އާދެވުނީ 4 ޕާޓީ އެކުލެވޭ ކޯލިޝަނަކުން. މިއިން އެއްވެސް ޕާޓީއަކީ ރައްޔިތުންގެ އިތުބާރާ ތާއީދު އޮތް ބައެއްނޫން. މިއީ ބަރުލަމާނީ ނިޒާމެއް ނަމަ ސަރުކާރު ވެއްޓުނުތާ ކިތަންްމެ ދުވަހެއް.
   3- ޔާމީނު އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ނުގެންދޭ. ދައުލަތުގެ ގާނޫނުތައް ލާދީނީ އެއް ނުކުރޭ.

   9
   3
 4. ތަހުތު

  ލާދީނީސިޔާސަތުދަމަހައްޓާންބޭނުމީއްޔާ އަހަރެމެންގެތަރައްގީގެލީޑަރުމިވަންކުރާކައްބޭނުމެނުވާނެ އެހެ އުކޮންތާކަ އް އަތްކޮ އްޕާގެންވިޔަސް

 5. އަލްޖިބްރާ

  ދެން މިރާއްޖޭގެ ވެރިކަމަށް ތިޔަ ޔާމީނަށް ކުރިމަތި ލެވިގެން ނުވާނެ ! ތީ ބޮޑު ވަގެއް ! ވަގެއް ކަމަށް ވަނީ ސާބިތުވެފަ ! ބޮޑެތި ވަގުންނާއި ބާޣީންނަށް މިރާއްޖޭގެ ވެރިކަން ހަވާލު ކުރަން އުޅޭނީވެސް ހަމަ އެދަރަޖައިގެ މީހުން !

  5
  9
 6. އަބޫއޮށްބޮޑި

  ޖަލުގަ އޮވެގެން ވާދަކުރަންވީ. އެވެސް އެހެން ކުއްވެރިންނާ..

  3
  1