ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ހޯދަން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބި މީހުންގެ އަދަދު 11 އަށް މަދުވެއްޖެއެވެ. މިއީ ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު މިހައި ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

މިހާރު އެޑްމިޓް ކޮށްފައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް އައިސީޔޫގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ނުދާކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއްވައެވެ. އެޑްމިޓް ކޮށްފައިވާ މީހުންގެ ތެރެއިން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދަނީ ތިން މީހުންނަށެވެ.

މެއި މަހު ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މާލެ ސަރަހައްދުގެ ކޮވިޑް ފެސިލިޓީތައް ފުރުނެވެ. އެންމެ ބޮޑަށް ހާލުދެރަވާ މީހުންނަށް ފަރުވާ ދެމުން ގެންދިޔަ ދަރުމަވަންތަ ހޮސްޕިޓަލްގެ ޖާގަ ވެސް ފުރުނެވެ. އަދި ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ވެސް ބަލި މީހުން އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވެ، ބަލި މީހުންނަށް ފަރުވާ ދޭން ދަތިތައް ކުރިމަތިވިއެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި އެންމެ ގިނަ ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހުނީ މެއި މަހުގެ 22 ވަނަ ދުވަހު އެވެ. އެދުވަހު 294 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނެވެ. ނަމަވެސް ޖޫން މަހުގެ ދެވަނަ ހަފްތާ އިން ފެށިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.

ޖުލައި މަސް ފެށުނުއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 24 މީހުންނަށެވެ. ބައެއް ދުވަސް ދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް އިތުރުވި ނަމަވެސް 26 މީހުންނަށް ވުރެ އިތުރަށް މިމަހު އެއްވެސް ދުވަހަކު ހޮސްޕިޓަލްގައި އެޑްމިޓް ކުރި މީހުންގެ އަދަދު އިތުރެއް ނުވެއެވެ. 26 މީހުން އެޑްމިޓް ކޮށްގެން ފަރުވާ ދިނީ މިމަހުގެ 09 ވަނަ ދުވަހު އެވެ.

ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިން ފުރިހަމަ ކުރުމުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މަދުވަމުން ދާނެ ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި ސައިންސްވެރިން އަންނަނީ ބުނަމުންނެވެ. މިހާތަނަށް ރާއްޖެ އިން 320457 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި ވެކްސިންގެ ދެޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު މިހާރު 255280 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު