ކުރިއަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވެރިކަމެއްގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 10 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފަންޑެއް ގާއިމް ކުރާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ލިބިއްޖެނަމަ ސަރުކާރުގެ ގިނަ ކުންފުނިތައް އެއްކޮށްލައި ޕްރައިވެޓައިޒް ކުރާނެ ކަމަށް މީގެ ކުރިން ވިދާޅުވިި އުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ގާއިމް ކުރާ އިންވެސްޓްމަންޓް ފަންޑަކީ ސަރުކާރުގެ ޕްރޮޖެކްޓުތަކުގެ ބިޑުތައް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިނުމަށް މަގުފަހި ކުރާނެ ފަންޑެއް ކަމަށެވެ.

ގައުމުގެ އިގްތިސާދުގެ މައި އިންޖީނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި، ސަރުކާރުން އެކިއެކި އިނާޔަތްތަކާއި ލުއިތައްދޭ ބޮޑެތި ވިޔަފާރިތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ވާދަކުރަން ނުޖެހޭ މާހައުލެއް އުފައްދާނެ ކަމަށެވެ.

އަދި އެހެނިހެން ދާއިރާތަކުން 3،000 އަށް ވުރެ ގިނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އޭނާ ވިދާޅުވި ގޮތުގައި، އެ ފަންޑުން ލިބޭ ލުއި ތަކާ އެކު ޓެކްނޮލޮޖީގެ އާ ވިޔަފާރިތަކާއި އިޖުތިމާއީ ޚިދުމަތުގެ ވިޔަފާރިތަކުގެ އިތުރުން އުފެދޭނެ ކަމަށެވެ.

" ލުއި އިސްލާމިކް ފައިނޭންސް ހަމަޖައްސައިދޭނެ. ވިޔަފާރީގެ ދާއިރާ އަށް އަލަށް ނުކުންނަން މީހުންނަށް ފައިސާ ހޯދުމުގައި ހުރި ގޮޮންޖެހުންތައް އެ ފަންޑުން ހައްލު ކޮށްދޭނެ " އުމަރު ވިދާޅުވި އެވެ.

ފަންޑުގެ އިތުރުން ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އެގޮތުން، އެ ވިޔަފާރިތަކާ ގުޅޭގޮތުން ހަދާފައިވާ ގަވާއިދުތައް މަދުކޮށް، ދައްކަންޖެހޭ ފީތައް ކުޑަކުރާނެ ކަމަށް ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ފަށައިގަތުމަށް ބޭނުންވާ ސާމާނު ހޯދައިދިނުމާއި އޮފީސް އިމާރާތް ނުވަތަ އިންކިއުބޭޓާސް ގާއިމް ކޮށްދެވޭނެ،" އިންވެސްޓްމަންޓް ފަންޑުން ވިޔަފާރިތަކަށް ދޭ ލުއިތަކާ ގުޅޭގޮތުން އުމަރު ވިދާޅުވި އެވެ.

މީގެ އިތުރަށް އުމަރު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ބިލް ފޮނުވާތާ 25 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރުން ސަރުކާރުގެ ހުރިހާ އިދާރާ އަކަށް މަޖުބޫރު ކުރުވާނެ ކަމަށެވެ.

"ސަރުކާރުން އާންމު ފަރާތްތަކަށް ދައްކަން ޖެހި، މިހާތަނަށް ނުދައްކައި ހުރި ފައިސާ އަޅުގަނޑުގެ ސަރުކާރެއްގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ދައްކައި ނިންމާނެ. ސަރުކާރަށް ގެންނަން ޖެހޭ އެކިއެކި މުދަލާއި ހޯދަންޖެހޭ ޚިދުމަތްތައް ހޯދުމުގެ ކޮންޓްރެކްޓްތަކުގެ ތެރެއިން 50 ޕަސެންޓް ކޮންޓްރެކްޓް ޚާއްސަ ކުރެވޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހި ކުންފުނިތަކަށް ކުރެވޭ ވަރުގެ މަސައްކަތްތައް ބޭރު ކުންފުނިތަކަށް ހަވާލު ކުރުން ވެސް ނިމުމަކަށް ގެންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އުމަރާ! އުމަރުގެ ވެރިކަމުގައި ކޮންމެ ރައްޔިތަކު ބޭނުމީ ސަބްމެރީނެއް!

  2. އާބިދާ

    އުމަރުގެ ވެރިކަމުގެ މިރާއްޖޭ އެކެއްގެވެސް ގުދާރެއް ނުހުންނާނެ

  3. ބުރުމާ

    އުމަރާ ކަލޭ މިރާއްޖޭގެ ވެރިކަން ކުރާނެތަ؟