ސިނަމާލެ ބުރިޖު މައްޗަށް ވެއްޓިފައި އޮތް ވޮލެޓެއް އިމިގްރޭޝަންގެ ދެއޮފިސަރުން މިއަދު ވޮލެޓްގެ ވެރިފަރާތައް ރައްދުކޮށްދީފިއެވެ.

ވޮލެޓްގެ ވެރިފަރާތުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިއަަދު އިމިގްރޭޝަންގެ ދެއޮފިސަރުން އޭނާގެ ގެއަށް އައިސް ވޮލެޓް ރައްދު ކޮށްދީފައިވާ ކަމަށެވެ. "މިފަދަ ބަތޮލުންނަށް އަހަރެމެންގެ ގައުމު ބޭނުންވޭ." ވޮލެޓްގެ ވެރިފަރާތުން ބުންޏެވެ. އޭނާ ވަނީ ވޮލެޓް ރައްދު ކޮށްދިން ދެއޮފިސަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ވޮލެޓް ރައްދުކޮށްދިން ދެއޮފިސަރުން ދެއްކެވި ނަމޫނާ ފާހަގަކޮށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހްމަދު (ހަނަފީ) ވަނީ ޓްވީޓެއް ކުރައްވާފައެވެ. ހަނަފީ ވިދާޅުވީ އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރ މަރިޔަމް ރައްޔާ އަދި އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރ އައިމިނަތު ފިރާޝާ ވޮލެޓެއް ރައްދު ކޮށްދެއްވާ ދެއްކެވި ތެދުވެރިކަމަށްޓަކައި ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

ވޮލެޓް ރައްދު ކޮށްދެއްވި އިމިގްރޭޝަންގެ ދެއޮފިސަރުންނަކީ ވެސް އެއާޕޯޓްގައި މަސައްކަތް ކުރައްވާ ދެއޮފިސަރުންނެވެ.