ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ނުކުރެވި އަދި އޮތަސް މިހާރު ވެސް އެއީ ރާއްޖޭގެ މައި ދެ ސިޔާސީ ޕާޓީއަށް ފަހު ރައްޔިތުންގެ މަޖިލީހުގައި އެންމެ މެންބަރުން ގިނަ ޕާޓީއެވެ.

ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަވާ "މޯލްޑިވްސް ނޭޝަނަލް ޕާޓީ" އަށް ނާޒިމް ހިމެނޭހެން ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކު ގުޅިވަޑައިގެންފައިވެއެވެ.

އެއީ ނާޒިމްގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އާއި، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީއެވެ. އެމްޑީޕީގެ 65 މެންބަރުން ތިއްބަވައެވެ. މައިނޯރިޓީ ޕާޓީއަކީ އިދިކޮޅު މައި ޕާޓީ ކަމުގައިވާ ޕީޕީއެމްއެވެ. ޕީޕީއެމްގެ ހަ މެންބަރުން ތިއްބަވައެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ޕީޕީއެމްއާއި ގުޅިވަޑައިގަތުމުގެ ކުރިން މައިނޯރިޓީ ލީޑަރު ވެސް އޮތީ ކަނޑަނާޅައެވެ. އެއީ އޭރު ޕީޕީއެމްއާއި ޖޭޕީގައި ވެސް ފަސް މެންބަރުން ތިއްބެވުމުންނެވެ.

ނާޒިމްގެ ޕާޓީއަށް މަޖިލީހުގެ ފަސް މެންބަރުން ގުޅިވަޑައިގަތުމުން އަނެއްކާ ވެސް މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލްވާ މިންވަރަށް ބަދަލުތަކެއް އަންނާނެއެވެ. މި ގޮތުން ޖޭޕީގެ މެންބަރުން ވަނީ ފަސް މެންބަރުންގެ އަދަދަކުން ތިން މެންބަރުންނަށް މަދުވެފައެވެ. އަދި އަމިއްލަ މެންބަރުންގެ އަދަދު ވެސް ވަނީ ފަސް މެންބަރުންގެ އަދަދުން ދެ މެންބަރުންނަށް ދަށްވެފައެވެ.

އިތުރު ދެ މެންބަރަކު ސޮއިކުރައްވައިފިނަމަ ނާޒިމްގެ ޕާޓީ ވެގެން ދާނީ މައިނޯރިޓީއަށެވެ. މި ކަމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ "އަދި އެ ވާހަކަ ދައްކަން މާ އަވަސް" ކަމަށެވެ. އިތުރު ތަފްސީލްތަކެއް ނުދެއްވައެވެ.

ޕީޕީއެމްގައި ހަމެންބަރުން މަޖިލީހުގައި ތިއްބެވިއިރު ޕީޕީއެމް އާއި ކޯލިޝަން ހަދާފައިވާ ޕީއެންސީގައި ތިން މެންބަރުން ތިއްބަވައެވެ. ނަމަވެސް މައިނޯރިޓީ ލީޑަރު ކަނޑައެޅުމުގައި ބަލާފައި ވަނީ ހަމައެކަނި ޕީޕީއެމްގައި ތިއްބެވި މެންބަރުންގެ އަދަދަށެވެ.

މަޖިލީހުގެ ފަސް މެންބަރުން އިސްވެ ތިއްބަވައިގެން އުފައްދާ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސިޔާސީ ޕާޓީއެއް ދަފުރަތު ކުރެވެނީ މަދުވެގެން 3،000 މެންބަރުންގެ ސޮޔާއެކު ކަމަށް ވާއިރު، އެ އަދަދަށް ސޮއި ލިބި ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ސިޔާސީ ޕާޓީއެއްގައި ދެ މެންބަރުންނަށް ގިނަ މެންބަރުން ތިއްބަވާނަމަ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕް މަޖިލީހުގެ ދަފްރަތުގައި ވެސް ރަޖިސްޓްރީ ކުރާނެއެވެ. އަދި މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ތެރޭގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިމެނޭނެއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ ރަޖިސްޓްރީ ކުރެވުމާއެކު، މަޖިލީހުގެ ދަފްތަރުގައި ވެސް މި ޕާޓީ ރަޖިސްޓްރީ ކުރެވޭނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  ޢެއްމެ 2މެމްބަރުން ތިޔަމަޖިލިސްތެރެއިން ހޯދުމަކީ އެއްވެސްކަމެއްނޫން، ލާރިކޮޅެއް ދިންފަރާތަކަށްދާން ތައްޔާރަށް ތިބޭބައެއް ނޫންތޯ؟؟؟ އަވަހަށް ގަނެލާ.

  22
  1
 2. ހުސޭނުބޭ

  ކޮން މައިނޯރިޓީއެއް! ޤާސިމްގެ ތައްޕާހުން ހޯދި ގޮނޑިއަލަށް ހޮވެފައި ތިއިނީ! ޤާސިމް ޕާޓީނެ ކެނޑުނުފަދައިން ހިތްވަރެއް ހުރިއްޔާ އަޅެ މަޖިލީހުގެ ގޮނޑި ގާސިމް ބޮލަށް ޖަހާބަލަ!

 3. ކަޒަކިސްތާން

  އެބުނާހެން އަވަހަށް ގަނެލާ
  ތިއައީ ފެން ބޮޔެފަ ވައިލުންހާ ފަސޭހަ ކަމެއް

 4. ނޫރު

  އަމިއްލަ ގޮތުންނޭ ކިތާފަރައްޔިތުންގެ ވޯޓް
  ހޯދާ ހަރާންކޯރުވަނީ
  މޮސްްޓާވެސްދޯ.

 5. ނައިނޯރިޓީ

  އެވަރުގެ މައިނޯރިޓީއަކީ އެކަނި އޮވެ މާ ބޮޑު ފައިދާއެއްވާ އެއްޗެއްތަ؟