ތައުލީމީ ހަޔާތުން ފެށިގެން ސިޔާސީ މަސައްކަތުގައި ވެސް އެންމެ ގާތް އެކުވެރިޔެއްގެ ގޮތުގައި ހުންނެވި ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲއާ ކުރިން އޮންނަ އެކުވެރި ކަމުގެ ގުޅުން މިހާރު ނެތް ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި އިމްރާން އާއި ޝަހީމްއާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުމަކީ 2014 ވަނަ އަހަރުގެ ތެރޭގައި އޭރުގައި އޮތް ސަރުކާރުން ވަކިވެ ވާދަވެރި ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުމާ މެދު އުފެދުނު ޚިޔާލު ތަފާތު ވުމެކެވެ.

ޝަހީމް ތާއީދު ކުރެއްވީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށެވެ. އެކަމަކު އިމްރާން ނިންމެވީ އޭރު އިދިކޮޅު މައި ޕާޓީ ކަމުގައިވާ އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރުމަށެވެ.

މެއި 1، 2015 ގައި "އަނިޔާވެރި ކަމާ ދެކޮޅަށް" ނަމުގައި ބޭއްވި އެއްވުމުގެ ތެރެއިން އިމްރާން ހައްޔަރުކޮށް ޓެރަރިޒަމަށް ބާރު އަޅައި ވާހަކަ ދެއްކެވި ކަމުގެ ތުހުމަތުގައި އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ.

އެ މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝަހީމް އެ މަގާމު ވެސް ދޫކޮށްލެވިއެވެ. އެކަމަކު ފަހުން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމަށް ވަޑައިގެން އަނެއްކާ ވެސް އެ ސަރުކާރުގައި ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ނުކުންނެވި ޝަހީމް އަދިވެސް ހުންނެވީ ޕީޕީއެމްގައެވެ. އަދާލަތު ޕާޓީގެ ރައީސް ކަން ވެސް ކުރައްވާ އިމްރާން ހުންނެވީ އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަންގެ ސަރުކާރުގެ ކެބިނެޓްގައި ހޯމް މިނިސްޓަރުގެ މަގާމުގައެވެ.

ދެ އެކުވެރިން ތިއްބެވީ ސިޔާސީ ގޮތުން ދެ ފަޅިއެއްގައެވެ.

ކްލަބް ހައުސްގައި "ވަގުތު" އިން ކުރިއަށް ގެންދާ "ހަވާސް" ގެ ދެވަނަ އެޕިސޯޑްގައި ޝަހީމް ބައިވެރިވެވަޑައިގެންނެވިއިރު، އިމްރާނާ އޮތް ގުޅުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޝަހީމް ވިދާޅުވީ 2014 އަށް ފަހު އިމްރާން "ހަވާސާ" ވެގެން ދިޔައީ ކަމަށެވެ.

"އަދާލަތު ޕާޓީ އެމްޑީޕީއާ ކޯލިޝަން ހެދުމާއި މި ކަންތައްތަކުގެ ތެރެއިން ދިމާވި ނުތަނަވަސް ކަމުގެ ތެރެއިން ދެ މީހުންގެ ގުޅުމަށް ބުރޫ އަރާ އަޅުގަނޑު ހަވާސާ ވެގެން ދިޔައީ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިމްރާނަކީ އަދިވެސް އޭނާގެ ނަޒަރުގައި އެންމެ ގާތް އެއް އެކުވެރިޔާއެވެ. ސިޔާސީ ގޮތުން އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް އިމްރާން ވިދާޅުވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަމެއް ސާފު ނުވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކުރިން އޮންނަ ގާތް ގުޅުމެއް އިމްރާނާއެކު ނެތް ކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ އޭނާ އަދިވެސް އެދެނީ އިމްރާންއާ ގާތް ގުޅުމެއް އޮތުމަށް ަމަށެވެ. ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް އެކުވެރިކަން ނިމެން ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ.

"ކުރިން އޮންނަހާ އަޚުވަންތަކަމުގެ ގުޅުމެއް ނެތް. އެހެންވިޔަސް އަޅުގަނޑުގެ ދުއާއަކީ އެކުގައި ލެއްވުން. ޒުވާން ކަމުގައި އޮތް އެކުވެރިކަމަކީ ވަކިވެގެން ދާން ޖެހޭނެ ކަމަކަށް ނުދެކެން، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންތަކެއް އަދި ހުއްޓަސް." ޝަހީމް ވިދާޅުވިއެވެ.

އަދާލަތު ޕާޓީ އުފެދުނީއްސުރެ، ގާތްގަނޑަކަށް 10 އަހަރު ވަން ދެން ޝަހީމް މަސައްކަތް ކުރެއްވީ އަދާލަތު ޕާޓީގައެވެ. އަދާލަތު ޕާޓީ އޭނާ ދޫކޮށްލެއްވީ އެމްޑީޕީއާ ކޯލިޝަން ހަދަން އެ ޕާޓީން ނިންމި ހިސާބުންނެވެ.

ޝަހީމް އަދިވެސް ތާއީދު ކުރައްވަނީ އެމްޑީޕީ ނެތް ސަރުކާރެއް ގެނައުމަށެވެ. އަދި އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅު ވާނީ ޔާމީންގެ ވެރިކަމެއް އަނެއްކާ ވެސް ގެނެސްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުގުރި

    އިމުރާނަން ވަރަށް ވިސްނޭނެ އަހަރުމެންނަށް ވުވިސްނެނީ، އެވަރުގެ ބަޔަކާ އެކު ކޯލިޝަން ހަދާނީ ވަރަށް ވެސް ހެޔޮ ލަފާ ވަރަށްވެސް ވިސްނޭ މީހުން.

    4
    1
  2. ހަމަދަންނަވާލީ

    އެކުގައި ލެއްވުމަށް ދުއާކުރައްވާއިރު ވަރިހަމަތޯ ކޮންމެ ތަނެއްްގައި އެކުގައިލެއްވިޔަސް، ދިވެހިމުސްކުޅިންގެ އިބާރާތުންނަމަ ދެ ގެ ހައްދަވާފައިވާތީ މިހެން މި ދެންނެވީ. ކޮންމެ ގެޔެއްގައި ވިޔަސް އެކުގައި ލައްވައިފިއްޔާ އެންމެރަނގަޅީތޯ؟

  3. ލާދީނީ

    އިމްރާން އެމްޑިޕީގެ އަނދިރި ފަރާތުގަޖެހި އަވަދިވީ. ހުސައިން ރަޝީދަށް ޖެހުނު މަޅީގައިޖެހުނީ އޭގެއިން ސަލާމަތެއްނުވާނެ. ޕްރިޕެއިޑް އަވައިގަޖެހުނީ. ވޑއ