ހދ. ކުޅުދުއްފުށީގައި ހައުސިން މަޝްރޫއުތައް ހިންގަން އިސްކަން ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއާއެކު ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ހިންގުމަށް ރާވަމުން އަންނަ ބޮޑު ހައުސިން ޕްރޮޖެކްޓްގެ ތެރެއިން ކުޅުދުއްފުށި ފަދަ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްތަކަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލުން ފާހަގަ ކުރި އިތުރު ކަންކަން ވެސް ހައްލުކޮށް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ފާހަގަ ކުރި ގޮތުގައި ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި މިހާރު ކުރިޔަށްގެންދާ މަޝްރޫއު ތަކާއެކު އެ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއާއެކު ރައީސް ބޭއްވެވި ބައްދަލުވުން. --- ފޮޓޯ: ރައީސް އޮފީސް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެންމެ ފަހުން ރައީސްއާ އެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ގިނަ މައްސަލަތަކަށް ސަރުކާރުން މިހާރުވެސް ހައްލު ހޯދައިދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މަގުހެދުމުގެ މަޝްރޫއު ކުރިޔަށްގެންދިޔުމުގައި ކައުންސިލުން އެދުނު ފަދައިން ކުރީގެ މަގުތަކާއި ގުޅުވާލެވޭގޮތަށް ބަދަލުކުރުމާއި، ޑީވޯޓަރިން ހިމެނޭގޮތް އެ މަޝްރޫއު ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާކަން ސިޓީ ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއާއެކު ރައީސް ބޭއްވެވި ބައްދަލުވުން. --- ފޮޓޯ: ރައީސް އޮފީސް

އަދި، ސިޓީ ކައުންސިލުން ބޭނުންވާ ތަރައްގީގެ އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ރައީސްއާ މަޝްވަރާކުރައްވާފައެވެ. އޭގެތެރޭގައި، ސިޓީ ކައުންސިލުން ވަނީ އައު ޓާޝަރީ ހޮސްޕިޓަލުގެ ޕްރޮޖެކްޓް އަވަހަށް ފެށުމާ ބެހޭ ގޮތުންނާއި، މިހާރު ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ޙައްލެއް ހޯދައިދިނުމާ ގުޅޭގޮތުންނާއި، އެއާޕޯޓު ސަރަޙައްދުގެ އުތުރުން އޮންނަ ބިން ބޭނުން ކުރެވޭ ގޮތް ހެދުމާ ބެހޭ ގޮތުންނާއި ޒުވާނުންނާއި އިޖްތިމާއީ ތަރައްގީއަށް ބޭނުންވާ މުހިންމު ގިނަ ކަންތައްތަަކަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މި ބައްދަލުކުރެއްވުމުގައި ވަނީ އެ ކޮމެޓީގެ މެންބަރުންގެ ހުރި ކަންބޮޑުވުންތައް ވެސް ރައީސްއާ ހިއްސާކުރައްވައިފައެވެ.

ސިޓީ ކައުންސިލުގެ އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސްގެ ދެ ކަނބަލުންގެ ޝަރަފުގައި ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސްގެ ދެކަނބަލުން މިހާރު ކުޅުދުއްފުއްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.