ރަށްރަށް ވަޑައިގަތުމުން، ރައްޔިތުންގެ ފަރާތުން ހިނިތުންވުން ފެންނަނީ ކަންތައްތަކެއް ކޮށްދެވިފައި ހުރުމުންކަމަށް ޤަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކ. މާފުށީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވެފައިވަނީ ކިތަންމެ ގިނައިން ކަންތައްތައް ކޮށްދިންކަމުގައިވިޔަސް، އަދިވެސް، އިތުރަށް ކުރަން ކަންކަން ކުރަން ހުންނާނެކަމަށާއި ހަމަ އެގޮތަށް މާފުށީގައިވެސް އަދިވެސް ގިނަ ކަންތައްތަކެއް ކުރަން ހުރިކަމަށެވެ.

"އަޅުގަނޑުމެން ރަށްރަށަށް މި ކުރާ ޒިޔާރަތުގައި، ޝައްކެއްވެސް ނެތް ގޮތުގައި ރަށްރަށުން ހިނިތުންވުން މި ފެނިގެންދަނީ ރަށްރަށަށް ބޭނުންވެފައި ހުރި ކަންތައްތަކެއް ކޮށްދެވޭތީ. އެހެންނަމަވެސް، އިންސާނީ ޠަބީއަތަކީ އަދި މީގެކުރިން އަޅުގަނޑުމެން ރަށްރަށުގައި ދިރިއުޅެމުންދާއިރު، ކޮންމެ ރަށަކީ އެރަށަކަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިފައި ހުންނަންވާނެ ތަންތަން ކަމުގައި ވާތީ، ނުކުރެވި ހުންނަ ކަންތައްތައް މަދެއް ނޫން. ކިތަންމެ ވަރަކަށް ކަންތައްތައް ކުރަމުން ގެންދިޔަޔަސް، އަދިވެސް ހަމަ އައު ކަންތައްތައް އަޅުގަނޑުމެންނަށް ފެންމަތިވަމުންދާނެ." ރައީސް ވިދާޅުވިއެވެ.

މިއަދު މެންދުރުފަހު ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވެފައިވަނީ ކުރިން ފަތުރުވެރިކަމުގެ ސިނާއަތަކީ ހަމައެކަނި މާލެ ވަށައިގެން އެނބުރޭ ސިނާއަތެއްގެ ގޮތުގައި އޮތްކަމަށެވެ. އެހެންނަމަވެސް، މިހާރު އެކަންކަން ބަދަލުކުރެވި، އެއަރޕޯޓުތައް ހެދެމުންދާތީ، ހުރިހާ ދިމާލެއްގައިވެސް ޓޫރިޒަމްގެ "ދިލަ" ޖެހެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، ރާއްޖޭގެ އެންމެ އިތުރުގެ ހއ. އާއި ހދ. އަށްވެސް ޓޫރިޒަމް ފޯރާ، އެ ދެ އަތޮޅުގައި ހިނގަމުންދާ އެއަރޕޯޓުގެ މަޝްރޫޢުތަކުގެ ވާހަކަ، މިއަދުވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، މާފުއްޓާއި އެސަރަޙައްދުގެ އެހެން ޓޫރިސްޓު ރިސޯޓުތަކުގައި އުފެދޭ ކުނި، ތިލަފުއްޓަށް ގެންގޮސް ނައްތާލުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެކަމަށް ބޭނުންވާ ތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތް، މިހާރު ކުރިއަށްދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިންތިޙާބަށް އަލިއަޅުވާލަމުން ރައީސް ވިދާޅުވެފައިވަނީ މިހާރު މިއޮތީ ދެ މޫސުން ބައްދާ ހިސާބަށް އައިސްފައިކަމަށާއި، ވޯޓަކީ ކޯޓުގެ ޙުކުމަކުން ނިންމާ އެއްޗެއްކަމަށް ނުވާނެކަމަށެވެ.

"މިހާރު މިއޮތީ އަޅުގަނޑުމެން ދެ މޫސުން ބައްދާ ހިސާބަށް އައިސްފައި. އެއް ރައީސެއްގެ މޫސުން ނިމިގެންދާއިރު، އަނެއް ރައީސަކަށް ނުވަތަ ރިޔާސީ ޒަމާނަކަށް ނޫނީ ރިޔާސީ ޒައާމަތަކަށް އަޅުގަނޑުމެން މިތިބީ އިންތިޒާރުކޮށްގެން. އެހެންކަމުން، މި ވޯޓަކީ ކޯޓެއްގެ ޙުކުމަކުން ނިންމާ ޙުކުމަކަށް ވެގެން ނުވާނެ.". ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން މިއަދު މާފުއްޓަށް ވަޑައިގެން، އެރަށުގެ ހިމާޔަތްކޮށްފައިވާ ގޮނޑުދޮށްވަނީ ހުޅުއްވައިދެއްވާފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިންވެސް ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު