ސައްހަ ނޫން ހޮޓެލް ބުކިންތަކެއް ހަދައިގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ފުރުވާލި މީހުންނަކީ މެދުއިރުމަތީގެ ވަޒީފާއަށް ދިޔުމުގެ ކުރިން ރާއްޖޭގައި ކަރަންޓީނު ވާން އައި އިންޑިއާ މީހުންކަން އެނގިއްޖެއެވެ.

ގަލްފުގެ ގައުމުތަކަށް ވަޒީފާ އަށް ދާ މީހުން އެ ގައުމުތަކަށް އެތެރެވުމުގެ ކުރިން ކޮވިޑް-19 ގެ ހާލަތު ރަނގަޅު ގައުމެއްގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަން ޖެހެއެވެ. އެހެންކަމުން މި ސަރަހައްދުގެ ގައުމުތަކުން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރާ މަންޒިލަކަށްވެފައި އޮންނަނީ ރާއްޖެއެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ހަނަފީ އިއްޔެ ކުރެއްވި ޓްވީޓެގައި ވިދާޅުވެފައިވާ ގޮތުންނަމަ ފޭކް ލިޔުންތަކާއެކު އެތެރެވާން އުޅެނިކޮށް 200އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ފޮނުވާލާފައެވެ. އެއީ ކޮން ގައުމެއްގެ ބައެއް ކަން އޭނާ ހާމައެއް ނުކުރައްވައެވެ.

އިމްގްރޭޝަންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ އޭގެ ތެރެއިން ގިނަ މީހުންނަކީ އިންޑިއާއަށް ނިސްބަތްވާ މީހުން ކަމަށެވެ. ސީދާ އަދަދެއް ވިދާޅެއް ނުވެއެވެ. ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުން 168 މީހުންނަކީ އިންޑިއާއަށް ނިސްބަތްވާ މިހުންނެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުން މި މީހުންނަކީ އިންޑިއާގެ ދިއްލީ، މުމްބާއި، ބެންގަލޫރް އަދި ކޮލްކަތާއަށް ނިސްބަތްވާ މީހުންނެވެ. އެމީހުން އަނބުރާ ފޮނުވާލާފައިވަނީ އިންޑިއާގެ މުމްބާއީއަށެވެ.

ވަޒީފާ ދޭނެ ކަމަށް ބުނެ އޮޅުވާލާފައިވާތީ ޓްރެވެލް އެޖެންޓު އަދި މޭންޕަވާ ކޮންސަލްޓިން ފާމާ ދެކޮޅަށް މި މީހުން ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.

ވަޒީފާ ހޯދައިދޭން ކަމަށް ބުނެ ހުރިހާ ހަރަދެއް ހިމެނޭ ގޮތަށް އެއިން ކޮންމެ މީހެއްގެ އަތުން ދިހާ ހާސް ޑޮލަރު ވަނީ ނަގައިފައެވެ.

އެ މައްސަލައާ ގުޅިގެން އިންޑިއާގެ ފުލުހުން ވަނީ މަކާރާއި ހީލަތް އަދި އޮޅުވާލިކަމުގެ ތުހުމަތަށް ދެ އެޖެންޓަކު ހައްޔަރުކޮށްފައެވެ. އިންޑިއާގެ ފުލުހުން ވިދާޅުވީ އޭގެ ތެރެއިން ބައެއް މީހުންނަށް އިންޖިނިއަރިން ވަޒީފާއާ އަދި އެހެނިހެން ވަޒީފާތައް ދޭނެ ކަމަށް އެެޖެންޓުން ބުނެފައިވާ ކަމަށެވެ. މި އެންމެންވެސް ދާން އޮތީ ސައުދީ އަރަބިއްޔާއަށެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، މީގެ ކުރިންވެސް ފޭކް ބުކިންތައް ހިފަހައްޓާފައިވާ ކަމަށެވެ. އެހެންވެ އިމިގްރޭޝަނުން މިހާރު އޮތީ އެކަމަށް ދުރާލާ ތައްޔާރުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚާރު

    ތީތޯ ފަތުރު ވެރިން ނަކީ... ދަކުތަރު މައުސޫމް ޝުކުރިއްޔާ

    14
    1
  2. ސަފީނާ

    ޤައުމުގެ ނަން ނުޖެހިޔަސް އަހަރުމެންނަށް އެނގޭ އެއީ އިންޑިޔާ މީހުންކަން. ޢެވަރުގެ މަކަރުވެރި ބަޔެއް ނޫޅޭނެ އެއްވެސް ތަނެއްގައެއް.