މަރާލުމަށް ފަހު ފޮއްޓަކަށް ލާފައި އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރު ކުއްޖާގެ ޕޯސްޓްމޯޓަމް ޕްރެލިމިނަރީ ރިޕޯޓް ލިބިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ނަމަވެސް ރިޕޯޓުން ލިބުނު މައުލޫމާތުގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ 13 އަހަރު ކުއްޖާގެ ޕޯސްޓްމޯޓަމް ޕްރެލިމިނަރީ ރިޕޯޓް ލިބިފައިވާ ކަމަށާއި ކުއްޖާ މަރާލި މައްސަލަ ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި ތަހްގީގު ފުރިހަމަ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކުއްޖާގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހެދީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އާއްމު ގޮތެއްގައި ޕޯސްޓްމޯޓަމްގެ ޕްރެލިމިނަރީ ރިޕޯޓް ޕޯސްޓްމޯޓަމް ހަދާތާ 48 ގަޑިއިރުގެ ތެރޭގައި ލިބެއެވެ. ނަމަވެސް ހަށިގަނޑު އިންފެކްޝަން ވެފައި އޮތްނަމަ ރިޕޯޓް ލިބުން ލަސްވެއެވެ. ޕޯސްޓްމޯޓަމްގެ ފައިނަލް ރިޕޯޓް ލިބެން އާއްމު ގޮތެއްގައި 14 ދުވަހާއި 60 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު އޭނާ މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. އޭނާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

ހައްޔަރު ކޮށްފައިވާ ދެމީހުންނަކީ ކުއްޖާ ރަހީނުކޮށް މަރާލި މީހުން ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އެކުއްޖާގެ ހަށިގަނޑު ހުޅުމާލެ އަށް ގެންދިއުމުގައި އެހެން މީހަކު ނުވަތަ އެހެން ބަޔަކު ބައިވެރިވާ ކަމަށް ތުހުމަތު ކުރެވެއެވެ. ފޮށި ހުޅުމާލެ އަށް ގެންގޮސް އެއްލާލި މީހުން މިހާތަނަށް ހައްޔަރު ކޮށްފައިވާކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކުއްޖާ މަރާލި މައްސަލައިގައި ހައްޔަރު ކޮށްފައިވާ 17 އަހަރުގެ ކުއްޖާ އާއި 27 އަހަރުގެ މީހާ އަކީ ވެސް ތަފާތު އެކި ކުށްތަކުގައި އެތައް ފަހަރަކު ފުލުހަށް ހާޒިރުކޮށްފައިވާ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނާނި

    ތިހާވަރަށް ކުށްކުރީމަވެސް ދޫކޮށްލީމަ ވާނީ ތިހެން، ނިކަމެތިް ރައްޔިތުންނަށް ހުރިހާ ދެރައެއް ލިބެނީ،
    ކުށަށް އަދަބު ލިބެނީ ހަމައެކަނި ބޮޑުންގެ މީހަކަށް ގެއްލުމެއްވީމާ،
    މިއޮތީވާ ދިވެހިރާއްޖެއެއް.

  2. ައަހުމަދު

    މިޤައުމުގެ ތަންފީޒީ އިދާރާތްތައް ފެއިލްވީމަ ދެންމިދިމާވާހުރިހާ ކަމެއް ހިގަމުން މިދަނީ މީގެ ފުރިހަމަ ޒިންމާ ހުރިހާސަރުކަރަކުން ނަގަންޖެހޭ އެޒިންމާ ކުރީގެ ސަރުކާރުތަކުންނާއި މިސަރުކާރުން އަދާކުރިނަމަ މިއަދު މިޤައުމު މިހާލަތަކަށް ދާކަށް ނުޖެހުނީސް، އަދިވެސް މިޤައުމުމިދަނީ ހަމަ ކުރީހެ މިސްރާބަށް ނޫނީ އެގޮތަށް ، ސުވާލަކީ ތަންފީޒް ނުކުރެވެންޏާ ކީއްކުރަންހަދާ ޤާނޫންތަކަކާއި ޤަވާއިދުތަކެއްހޭ ނޫނީ ކީއްކުރާ އިދާރާތަކެއް ހޭ؟ނުހެދިޔަސް ، ނެތަސް މައްސަލައެއްނެތް ނުން ފައިސަބޭކަރެއނުވާނެނުން، ޤާނޫންއާއި ޤަވާއިދުތައް ހަދަނީ ތަންފީޒްކުރަން ރީއްޗަކަށްނޫން. ތިކުއްޖާއަށް އިންސާފުލީބޭތަނެއް މިރާއްޖެއްކުން ނުފެންނާނެ ކަން ތަޤީން.