އީދާއި މިނިވަން ދުވަހުގެ ބަންދު ތެރޭގައި ކުށް މަދުކުރުމަށް މަގުމަތީގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން ވިދާޅުވީ، ގޯތި ގެދޮރާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކުގެ އިތުރުން އޮފީސް ތަކުންވެސް ވައްކަންކުރަމުންދާތީ ވައްކަންކުރިޔަ ނުދިނުމަށް ނުވަތަ ވައްކަންކުރުން މަދަކުރުމަށް މާލެ ތެރޭގައި ދަންވަރުގެ ވަގުތުތަކުގައި ވެސް ފުލުހުން ހަރަކާތްތެރިވަމުންދާ މިންވަރު އިތުރުވާނެ ކަމަށެވެ.

ވައްކަންތައް ހިނގިޔަ ނުދިނުމަށް، ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބޭ މީހުން އިތުރަށް ހޭލުންތެރި ކުރުވުމަށް މައުލޫމާތު ހިއްސާކުރުމުގެ މަަސައްކަތްވެސް ކުރަމުންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އާއިލާތަކާ ވަކިން އެކަނި ދިރިއުޅޭ އިސްރަށްވެހިން ފާހަގަކޮށް އެ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލު ބަލައި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރުވެސް ފުލުހުން މަސައްކަތް ކުރަމުންދާ ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.

ދަތުރުފަތުރުކުރާ އުޅަނދުތަކަށް އަރުވާ އަދި އުޅަނދުތަކުން ބާލާފައި ހުންނަ މުދާ ވަގަށް ނަގާ މައްސަލަތައްވެސް ހިނގަމުންދާތީ އޮޑިވެރިންގެ ސަމާލުކަމަށް އެކަން ގެނެސް އެފަދަ ކަންކަން ހިނގިޔަ ނުދިނުމަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ހިއްސާކުރަމުންދާކަމުގައި ފުލުހުން ފާހަގަކުރެއްވިއެވެ.

އަދި ސިނަމާލެ ބްރިޖާއި މަގުތައް އަދި ޕާކުތައް ހިމެނޭ ސަހަރައްދުތަކުގެ އިތުުރުން ކަފިހި ހުރަސްތަކުގައިވެސް ޓްރެފިކް ފުލުހުން ބަންދުތެރޭގައި ހަރަކާތްތެރިވަމުންދާ މިންވަރު އިތުރުވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން އާންމު ރައްުިތުންނަށް ވަމުންދާ އުނދަގޫތައް ކުޑަކުރުމަށްވެސް ޓްރެފިކް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ކޮންސްޓްރަކްޝަން ސައިޓުތަކުގައިތިބޭ ބިދޭސީންނާ ގުޅިގެން ވައްކަންކުރާ މައްސަލަތައްވެސް ހިންގަމުންދާތީ އެފަދަ ކަންކަން ހުއްޓުވުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ފާހަގަކުރެއްވިއެވެ.

ޓެކްސީތަކަށް އަމިއްލަ ތަކެތި ދޫކޮށްލެވިގެންވެސް ފުލުހުންނަށް މައްސަލަ ހުށަހެޅޭކަމާއި އެހެންކަމުން އެފަދަ ކަންކަން ހިނގިޔަ ނުދިނުމަށް ތިމާގެ އަމިއްލަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މަސައްކަތްކުރުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު