ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ހަ ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުން ޑިޕޯޓް ކޮށްލައި އަނބުރާ ރާއްޖެ ގެންނަން ގޮވާލާ ޕެޓިޝަނެއް ތައްޔާރުކޮށް އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. އެ ހުއްދަ އަލީ ވަހީދަށް ދީ، ޕާސްޕޯޓް ދޫކޮށްލީ، އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

ކްރިމިނަލް ކޯޓުން މި ހުއްދަ ދިނީ އަލީ ވަހީދުގެ ސިއްހީ ހާލަތު ލިޔެކިއުންތަކަށް ރިއާޔަތްކޮށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ޝަރީއަތުގައި ބައިވެރިވާ ގޮތަށެވެ. އެކަމަކު އިނގިރޭސިވިލާތުގައި އަލީގެ ބޭސްފަރުވާގެ އެއްވެސް ކަމެއް ނުހިނގާ ކަމަށް މައުލޫމާތު ލިބެއެވެ.

ޗޭންޖް.އޯގް" ގައި ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އަމާޒުވެގެން އޭނާ މަގާމުން ވަކިކުރިއިރު، އެއީ އޭނާގެ މައްޗަށް މި ފަދަ ތުހުމަތެއް އަމާޒުވި ފުރަތަމަ ފަހަރެއް ވެސް ނޫން ކަމަށެވެ.

މީގެ ކުރިން އަލީ ވަހީދުގެ އަޑު ހިމެނޭ އޯޑިއޯ ކްލިޕްތަކެއް މީސް މީޑިއާއަށް ލީކު ވެފައިވާއިރު، އޭގައި ވެސް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް އަލީ ޖިންސީ ފުރައްސާރަ ކުރާ އަޑު އިވޭ ކަން އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނެވިއިރު، އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީއަށް ހާޒިރުވެގެން ޝަރީއަތުގައި ބައިވެރިވަމުން ދަނިކޮށް ސުޕްރީމް ކޯޓުން އޭނާ ޝަރީއަތަށް ހާޒިރުވާން ދާދި ފަހަކުން ޗިޓު ފޮނުވާފައިވާ ކަން ވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

މި ޕެޓިޝަންގައި މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު މިއީ އިއްޔެ ތައްޔާރުކޮށްފައިވާ ޕެޓިޝަނެކެވެ. ޓްވިޓާގައި ގިނަ އަދަދެއްގެ ދިވެހި އަންހެނުން ދަނީ މި ޕެޓިޝަންގެ ލިންކު ޚިއްސާ ކުރަމުންނެވެ.

އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގީ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ދަށު ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާ މައްސަލައިގައެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމީ އެމައްސަލަ ބެލެން ނެތް ކަމަށެވެ.

މި މައްސަލަ ދެން ސުޕްރީމް ކޯޓަށް ޕީޖީ އޮފީހުން ހުށަހެޅިއެވެ. އެ މައްސަލައިގެ ޝަރީއަތަށް އަލީ ވަހީދު ހާޒިރުވާން އަންގައި ޗިޓު ފޮނުވީ އީމެއިލް މެދުވެރިކޮށެވެ.

ދައުލަތް ތަމްސީލް ކުރާ ޕީޖީ ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ގާނޫނީ އިހުތިސޯސް ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވިގެން ނުވާނެ އެވެ. އެގޮތަށް ކުރިއަށް ގެންދާ ޝަރީއަތްތައް ގާނޫނާ ހިލާފުވާނެ ކަމަށް އެ އޮފީހުން އަންނަނީ ވިދާޅުވަމުންނެވެ

ޕީޖީން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ކެންސަލް ކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ. ޕާސްޕޯޓް ކެންސަލް ނުކުރަން ކްރިމިނަލް ކޯޓުން ނިންމުމުން ހައި ކޯޓަށް ހުށަހެޅިއެވެ. އެއާއެކު ހައި ކޯޓުގެ ރަޖިސްޓްރާ ވެސް ނިންމެވީ މައްސަލަ ބޭރުކޮށްލުމަށެވެ. މިހާރު ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެ ނިންމުން މުރާޖާ ކޮށްދޭން އެދިވަޑައިގެން ހުށަހަޅުއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކޮވިޑް

  އިއްޔެގަ ބޫމް ބޫމް ލެއްވީ ޕޯޑިއަމްތައް ފަޅާލީ، އެމްޑީޕީ ކުދިންގެ ކޮޑުމަތިން މާފަތިތަކާއެކު ސްޓޭޖް އަށް އެރުވީ، ނިކަން ވިސްނާ ފިކުރު ކޮށްލަބަލަ މިއަދު މުޅި ދުނިޔެއަށް އެދަނީ ފަޟީޙަތް ވަމުން. ނުހައްގުން ބާރު ހޯދާ ނާޖާއިޒް މަންފާ އަކީ ވަގުތީ އުފަލެއްކަން ވިސްނާ ބަޔަކަށް މިދަނީ ފެންނަމުން. މި ކަން ކަމުން އިބުރަތް ހާސިލް ކުރަން ނުވޭތޯ؟

  30
 2. ޔަހްޔާ

  ނޫން ނޫން، ދޮގު ނަހައްދަވާ ތިޔަ ޕެޓިޝަނަކީ. މިއަދު ތައްޔާރުކޮށްފައިވާ އެއްޗެއްނޫން. ހަބަރުގައި ހިމަނާފައިވާ ޓުވީޓް ގަވެސް އެއިނީ އިއްޔެގެ ތާރީހް. 17 ޖުލައި ކަމުގައި އެހެންވީމަ އެއީ އިއްޔެ. ވާވަރަށް ސޮއި ނުލިބޭތީ ފަސޭހަގޮތުގައި ސޮއި ހޯދަން ހަބަރު ޖެހީ. ޕެޓިޝަނުގައި ލިޔަފައިވާ ވާކަތަކަކީ ކަށަވަރު ކުރެވިފައިވާވާހަކަތަކެއްވެސް ނޫން

  • ކޮމެންޓު

   އަލީ ވަހީދު މާލެ އަންނަން އުޅެގަ. ތިޔަތާ ފިލާ ނޯވެ

 3. މިތުރާ

  އމިފަހަރު ކޮންބޯޓަކަށް އަރާނީ؟ އާބޯޓުތަކާ ބާބޯޓުތަކުގެ ދިދަ ހޫރެން މާގިނަދުވަހެ އްނެތް! ފަހަރެ އްގަ ހުދުކާފޫރު ކޮޅަކަށް ވެދާނެ، އައ އިޔާމެންކުޅޭ ޑުޜާމާ އަތްޖެހުން ދެން އޮތީ

 4. ބިންގޯ

  ކޮބާ ހީވޭކަމެއްހެން. ރަހަ ތަކެއް އެބަލާދޯ. ކަލޭ ގެނެވެން އޮތް ގޮތަކުން ގެންނާނެ. ހިތުންފިލާދޯ ތިހުރީ. ކަލެޔަށް ރަގަޅަށް ނިދާވެސް ނުލެވޭދޯ. އަދިވެސް އަނގަ އަވާތި. ތިމާވަރުގެ މޮޅުމީހަކުނެތިގެން.