"އިންޑިއާ އައުޓް" ގެ ނަމުގައި ކުރިއަށްދާ ކެމްޕެއިނަކީ ދިވެހިންގެ ހިތްތަކުގައި އިންޑިއާއާ ދޭތެރޭ ނަފްރަތު އުފެއްދުމަށް ކުރާ ކަމެއް ނޫން ކަމަށާއި، އެއީ މިނިވަންކަމުގެ ދިފާއުގައި އަޑު އުފުލަން ކުރާ ކަމެއް ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް އޮތީ "އިންޑިއާ އައުޓް" ފަދަ ޝިއާރުތަކުގެ ވެސް އަޑު ކެނޑިގެންދާ ގޮތަށެވެ.

ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ މި އިސްލާހުގެ 124 ވަނަ މާއްދާގެ 3 ވަނަ ބައިގެ 3 ވަނަ ނުކުތާގައި ވަނީ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލައަށް ބަލާ، އެމީހަކާއި މެދު ތަފާތުކުރުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ދިޔަ "ވަގުތު ހަވާސް" ޕްރޮގްރާމްގައި ބައިވެރިވަޑައިގެން ޝަހީމް ވިދާޅުވީ ގައުމުގީ މިނިވަންކަމުގެ ދިފާއުގައި އަޑުއުފުލުމަށް ހުރަސްއެޅޭ ގޮތަށް ގާނޫނުތައް ހެދިގެން ނުވާނެ ކަމަށެވެ. އަދި "އިންޑިއާ އައުޓް" އަށް ގޮވަނީ ގައުމިއްޔަތުގެ ދިފާއުގައި ކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު އެއްގައުމަކަށް މަރުކަޒުކުރެވިގެން ކުރިއަށް ދާ މަންޒަރު ފެންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް އުނިކަން އަންނަކަމުގައެވެ.

"އެމީހުންގެ މަރުކަޒުތައް ގިނަވެ، އެމީހުންގެ ނުފޫޒު ރާއްޖެއަށް ފޯރާ މިންވަރު އިތުރުވާނަމަ އެކަމާ ދެކޮޅަށް އަޑު އުފުލުމަކީ ނަފްރަތު އުފެއްދުން ކަމުގައި އަޅުގަނޑު ނުދެކެން." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއްގައުމެއްގެ ނުފޫޒު އެކި ނަން ނަމުގައި އޮތް ކަމަށެވެ. އޭގެ ތެރޭގައި އަސްކަރީ ތަމްރީނު ދިނުމުގެ ނަމުގައިި އާއި، ހެލިކޮޕްޓަރު ދުއްވުމުގެ ނަމުގައި އާއި، އުޅަނދުތައް މަރާމާތު ކުރުމުގެ އަވަށްޓެރި އިންޑިއާ އަސްކަރިއްޔާއިން ރާއްޖޭގައި މަރުކަޒުވެގެން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމާ ދެކޮޅަށް "ސޭވް އައްޑޫ، އިންޑިއާ އައުޓް" ގެ ޝިޔާރާއެކު މީސް މީޑިއާ ކެމްޕޭނެއް ވެސް ވަނީ ފަށައިފައެވެ. މިއީ ވަކި ގައުމަކާ ދެކޮޅަށް ހިންގާ ކެމްޕޭނަަކަށް ވާތީވެ ބިލުގައި މިހާރު އޮތް އިބާރާތުން އެ ކަން ވެސް ހުއްޓުމުގެ ބާރެއް އެބަ އާދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަރަށް

    ޝުކުރިއްޔާ ބީތާ ތަކަކަށް އެވަރު އޮޅުންފިލުވައި ދިނީމަ

  2. ފެން

    ކަލޭ އަގަނުހުޅުވާ ހުރިއްޔާ ވާނީ ކީއް؟

  3. ގލ

    ހިސާނު ބިލު އަނބުރާ ގެންދިއު މަށް ގޮވާލަ މެވެ
    އެއީ ރާއްޖެއަށް އޮތް ބޮޑުވެގެންވާ ނުރައްކަލެކެވެ.