ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ފަސް ރަށަކަށް ވަޑައިގެން އެ ރަށްރަށުގައި ހިންގަމުން އަންނަ ބައެއް މަޝްރޫއުތައް ބައްލަވާލައްވައިފިއެވެ.

އާޒިމް މިއަދު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވެފައި ވަނީ، މި ފަސް ރަށުގައި ކުރިއަށް ގެންދާ 10 ޕްރޮޖެކްޓެއް ބެއްލެވުމަށް އެ ރަށްރަށަށް ވަޑައިގެންނެވި ކަމަށެވެ. އެ ފަސް ރަށަކީ ހދ. ކުޅުދުއްފުއްޓާއި، ހއ. ދިއްދޫ، ހއ. އިހަވަންދޫ، ހދ. ހަނިމާދޫގެ އިތުރުން ހއ. ހޯރަފުއްޓެވެ. މި ރަށްތަކަށް ވަޑައިގެންނެވީ 48 ގަޑިއިރުވުމުގެ ކުރިން (ދެ ދުވަސް) ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މި މަޝްރޫތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމައި ސަރުކާރާ ހަވާލުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދާ ކަމަށެވެ. އެމްޓީސީސީން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގަމުންނެވެ. އޭގެތެރޭގައި މަގު ހެދުމާއި ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބިން ހިއްކުން ފަދަ އުމްރާނީ މަޝްރޫއުތައް ހިމެނެއެވެ.

އާޒިމް ބެއްލެވި އެއް މަޝްރޫއަކީ ހދ. ހަނިމާދޫގައި ބަނދަރު ހެދުމުގެ މަޝްރޫއެވެ. މި މަޝްރޫގެ 99 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މި މަޝްރޫއަކީ ސަރުކާރުން 57.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އާޒިމް، ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ. --- ފޮޓޯ: އެމްޓީސީސީ

ހދ. ކުޅުދުއްފުށީގައި ހިނގަމުންދާ މަޝްރޫތަކުގެ ތެރެއިން ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތްތައް ވެސް އޭނާ ބައްލަވާލެއްވިއެވެ. މި މަޝްރޫއުގެ 65 އިންސައްތަ މިހާރު ނިމިފައިވާއިރު، މި މަޝްރޫއު ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިންނެވެ.

ދިއްދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ވެސް އާޒިމް ބައްލަވާލެއްވިއެވެ. ގިރާ ސަރަހައްދުގައި ޖިއޯ ބޭގް ޖެހުމުގެ މަޝްރޫއުގެ 59 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޓީސީސީގެ ސީއީއޯ އާޒިމް (ކ). --- ފޮޓޯ: އެމްޓީސީސީ

ހއ. ހޯރަފުށީ ބޭރުތޮށިލުމުގެ މަޝްރޫއުގެ 13 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލައިފައެވެ. މި މަޝްރޫއުގެ ދަށުން 280 މީޓަރު ސަރަހައްދެއްގައި ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. ހޯރަފުށީގައި ފެރީ ޓާމިނަލެއް ތަރައްގީ ކުރުމުގެ މަސައްކަތްވެސް އާޒިމް ބައްލަވާލިއެވެ. މި މަޝްރޫގެ 63 އިންސައްތަ މަސައްކަތް މިހާތަނަށް ވަނީ ނިންމާލައިފައެވެ.

މީގެއިތުރުން ހއ. އިހަވަންދޫ ބަނދަރު ހެދުމުގެ މަޝްރޫއު އޭނާ ބައްލަވާލެއްވިއެވެ. މި މަޝްރޫއުގެ 52 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ހއ. އަދި ހދ. އަތޮޅުގެ ބައެއް މަޝްރޫތައް ހިނގަމުންދާ ގޮތް ބައްލަވާލުމަށް އާޒިމް ކުރައްވަމުން އަންނަ ދަތުރުފެ ތެރެއިން މިއަދު ވަނީ ހދ. ހަނިމާދޫ މަގުގެ ތާރު އެޅުމުގެ މަސައްކަތް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބައިވެރިވެވަޑައިގެން އެ މަސައްކަތް ވަނީ ރަސްމީކޮށް އިފްތިތާހުކޮށް ދެއްވައިފައެވެ. މި މަސައްކަތް ވެސް ކުރަނީ އެމްޓީސީސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުއްބުލް ވަތަން

    ރ. ޔާމީނުވެސް މިކަލޭގެ ކަނޑާލީ މިވައްތަރަށް ތެޅެން ފެށީމަ. މީނަގެ ބޭބެ ޕުރޮމޯޓުކުރާތީ ދަޢުލަތުގެ ފައިސާއިން

  2. ހިއްސާދާރެއް

    ތިޔަ ދަތުރަށްދިޔަ ޚަރަދު ކިހާވަރެއްކަން ހާމަކޮށްލާދެއްވިއްޔާ ޢާޒިމަށް ވަރަށް ޝުކުރު ދަންނަވާނަށް.

  3. ދެރިޔާ

    ބޮޑު ތިލަދުންމަތި ތަރަޢްގީ ކުރެވޭތޯ ބަލަންވާނެ. ދެން އައްޑު އާއި ހައްދުންމަތި އިގޭތޯ. އުތުރު ކަރައިގެ ބާރު އެތަންތަނުގައި ވާނެ ގަދަކުރަން ތިކަމުގައި ފޫގަޅައިގެން އެބަހުރި އަދި އެހެން ސޮރެއްވެސް. އެހެނަސް މިހާރު އޭނަ ހުރީ ހަމަޔަކުނޫން.