އއ. ރަސްދޫން ފަތުރުވެރިއަކާއި އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރަށް ބަންދު ކޮށްފިއެވެ.

ރަސްދޫ ކައުންސިލްގެ މެމްބަރު އަބްދުލް ޖަލީލް މޫސާ "ވަގުތު" އަށް ވިދާޅުވީ، ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފަތުރުވެރިއަކާއި ގާތުން އެއްތާވި މީހަކު ފައްސިވެގެން ކަމަށެވެ.

ޖަލީލް ވިދާޅުވީ، އެންމެ ފުރަތަމަ ފައްސިވެފައިވަނީ ޗުއްޓީ ނިންމާލުމަށްފަހު ފުރަން ތައްޔާރުވި ފަތުރުވެރިއެއް ކަމަށެވެ. އޭނާ ފައްސިވެފައިވަނީ ފުރަން ވެގެން ހެދި ޓެސްޓުން ކަމަށް ޖަލީލް ވިދާޅުވިއެވެ.

ފަހުން ފައްސިވެފައިވާ މީހާއަކީ ފަތުރުވެރިޔާ ގޮވައިގެން ޑައިވިންއަށް ދިޔަ ދޯނި ދުއްވަން ހުރި މީހާ ކަމަށެވެ. އޭނާ ފައްސިވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ޖަލީލް ވިދާޅުވިއެވެ.

މިއާއި އެކީ ރަސްދޫން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ ދޭކަށް އަރާފައެވެ.

ޖަލީލް ވިދާޅުވީ، ފައްސިވެފައިވާ ދެ މީހުން ވެސް މިވަގުތު ތިބީ ކަރަންޓީނުގައި ކަމަށާއި އެތަނުން ޑައިވިން ދޯނި ދުއްވާ މީހާއަކީ ވެކްސިން އެއް ޑޯޒު ފުރިހަމަ ކޮށްފައިވާ މީހެއް ކަމަށެވެ.

ރަސްދޫން ބަޔަކު މީހުން ކޮވިޑަށް ފައްސިވުމާއި ގުޅިގެން އެރަށުގެ ސިއްހީ މަރުކަޒާއި ގުޅިގެން މިވަގުތު އެމީޙުންނާއި ގާތުން އެއްތާވި މީހުންގެ މައުލޫމާތު ހޯދައި ކަންކަން ކުރަމުން އަންނަ ކަމަށް ޖަލީލް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 75،816 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 73،072 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 2،516 މީހަކު ބަލި ޖެހިފައިތިބިއިރު، 23 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 216 މީހަކު ވަނީ ނިޔާވެފައެވެ.