ރާއްޖޭގެ ޙާލަތު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިވުމަށް ކައިރިންނާއި ދުރުންވެސް ހެޔޮ ބޮޑުބޭބެއެއް ނާންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ކ. ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވެފައިވަނީ، ދިވެހި ރައްޔިތުންނަކީ ކުޑަ ޟައީފު ބަޔަކަށް ވެފައި، އާމްދަނީ ނުލިބޭ ބަޔަކަށްވެދާނެކަމަށާއި އެހެންނަމަވެސް، ދިވެހި ރައްޔިތުންނާއިއެކު މާތް ﷲ ގެ ރަޙުމަތްވާކަމުގައެވެ.

"އަޅުގަނޑުމެންގެ ޤައުމަކީ ކުޑަ ޤައުމެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޤައުމަކީ ހަމަ ދުނުޔޭގެ ސަފުތަކުގައި ހިމެނޭ ޤައުމެއް. އަޅުގަނޑުމެންގެ ވަޞީލަތާއި އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރުމަށް، ރަނގަޅު ކުރުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތެއް ކޮށްދޭކަށް ކައިރިންވިޔަސް ދުރުންވިޔަސް، ހެޔޮ ބޮޑުބޭބެއެއް ނާންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ މިއަދު އިދިކޮޅު ފަރާތްތަކަށް ޑިމޮކްރަސީ ކަމުނުގޮސްގެން އުޅެނީ އެބޭފުޅުން ބޭނުންވާ ޒާތީ އެކި ކަންކަމުގައި އެބޭފުޅުން ބޭނުންވާ ކޯޓުތަކުން ޙުކުމްތައް ނުނެރެދެއްވާތީކަމަށެވެ. އަދި، ސަރުކާރަކުން، ދައުލަތުގެ އެއްވެސް ކޯޓަކަށް ނުފޫޒު ނުފޯރުވާކަމަށާއި އަދި ކޯޓަށް ނުފޫޒު ފޯރުވި މީހުން، މިއަދު ތިބީ ފަޟީހަތްވެފައިކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

"...ޑިމޮކްރަސީ ކަމުނޮގޮސްގެން މިއުޅެނީ އެބޭފުޅުންގެ ޒާތީ ކަންކަމުގަޔާއި އެބޭފުޅުން އެދިވަޑައިގަންނަވާ ސިޔާސީ ކަންކަމުގައި އެބޭފުޅުން ބޭނުންވާ ޙުކުމްތައް ޝަރުއީ ކޯޓުތަކުން ނުނެރެވިގެން. ދައުލަތް ބަދުނާމުކޮށް ސަރުކާރުން ކަންކަމާ ބެހޭ ވާހަކަތަކެއް ނޫން. ސަރުކާރުން މި ދެންނެވި ކަހަލަ އެއްވެސް ކަމެއްގައި ކޯޓަކަށް ނުފޫޒެއް ނުފޯރުވާނެ." އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން، ރައީސް ވިދާޅުވިއެވެ.

ވަކި ބައެއްގެ ވަކިކަހަލަ ޙައްޤުތަކާ ޖެހުނީމާ، ޑިމޮކްރަސީގެ ނިޒާމުން ކަންތައް ކުރަން ޖެހުނީކަމަށާއި އަދި މި ނިޒާމުގެ ބޭރުން ކަންކަން ނުކުރެވޭކަމަށްވާނަމަ، ނިޒާމު ހިފަހައްޓަން މަސައްކަތް ކުރާ މީހަކީ ހުދުމުޚުތާރު ވެރިއަކަށް ވެފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން "ކޭކު" ފަޅާ ހިސާބަށް ދިޔުމުން، ކޮންމެ ލީޑަރަކުވެސް ބޭނުންވަނީ ނުފަޅާ ހުރި ކޭކުކަމަށެވެ. އެހެންނަމަވެސް، ޕީޕީއެމް އިން ނިންމީ ކޭކު ނުފަޅަންކަމަށާއި އަދި ބޭނުންވީ ކޭކު އެއްކޮށް މިހާރުގެ ޒައާމަތަށް ދިނުމަށްކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަށް އަންނަމުންދާ އިޤުތިޞާދީ ތަރައްޤީގެ ވާހަކަތައް ދައްކަވަމުން، ރައީސް ވިދާޅުވީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ރައްޔިތެއްގެ ބޮލަކަށް ޖެހޭ އަދަދު (ޖީޑީޕީ ޕާ ކެޕިޓާ) ވެސް މަތިވެފައިވާކަމަށެވެ. އެގޮތުން، 4500 ޑޮލަރުން، އެއަދަދު 10،000 ޑޮލަރަށް ބޮޑުވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ގުރައިދޫގައި ބޭއްވި ޖަލްސާގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް އަށް ނިސްބަތްވާ ބައެއް މެންބަރުންނާއި ގުރައިދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާއްމުންވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުުއްްޅަބޭ

    ވަރަށް ރަނގަޅު ވާހަކަ ފުޅެއް! އިންޑިޔާއަކީ ބޮޑުބޭބެ ނަމުގައި، އެކަމަކު ބޮޑު މޮޔަ ގެރިޔެއް!

  2. ބަލާއެއް

    މީ އަހަރެމެން ލޯބިވާ ރައީސަކީ. ކެނެރީގެ ޔަހޫދީން ދެކެ ލޯބިވާ ގުންޑާއެއް ނޫން

  3. ޖޮއްބެ

    ރީނދޫ ޣައްދާރު ކެރަފާ ނަޝީދުއާ އޭނާގެ ޙައްދުފަހަނައަޅާފައިވާ ބައިގަނޑޭ ބޮޑުބޭބެ އިންޑިއާ އާއިއެކީ ޑީލްހަދައިގެން އަމިއްލަ އަންބޮނޑި ބޮޑުކުރީ. އެއީ ހަމަ ފައްކާ ރަތްލާޖެހި ވަގުންގެ ގޭންގެއް.