އުފެދުނީއްސުރެ ކުއްޖާގެ މައިންބައިން އިންތިޒާރު ކުރަމުން ދިޔައީ އެ ދަރިއަށް ހަމަ އިސްކޮޅަށް ތެދުވެވޭނެ ދުވަހަކަށެވެ. ދަޑިގަނޑަކާ ނުލާ ހިނގާލެވޭނެ ދުވަހަކަށެވެ. އެ ކުއްޖާ ދުވެ ސަކަރާތް ޖަހާ ކުޅެ އުޅޭ މަންޒަރު ދެކިލުމަށެވެ. މޯޅިވެފައިވާ އެ މޫނުތަކަށް އުންމީދު ގެނައީ 2018 ވަނަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމް ހޮސްޕިޓަލްގެ ކޮއިންފަތޫރު ގާގާ ހޮސްޕިޓަލްގެ ޑޮކްޓަރުގެ ފޮނި ބަސްތަކުންނެވެ. އެ ދެމައިންގެ އުންމީދީ ހުޅުކޮޅު ރޯވެގެން ދިޔައެވެ. ނަމަވެސް އެ ދިގު އިންތިޒާރަށް އަދި ނިމުމެއް އަންނާކަށް ނެތެވެ.

ރ. އަލިފުއްޓަށް އުފަން އުމުރުން 17 އަހަރުގެ ހުސައިން އަހުޒަމްގެ ވާހަކަތައް އޭނާގެ މައިންބަފައިން "ވަގުތު" އާ ހިއްސާ ކުރަމުން ބުނި ގޮތުގައި އެއީ އުފެދުމުގައި ނުކުޅެދުންތެރިކަން ހުރި ކުއްޖެކެވެ. ކަނާއަތު ފައި ފަހަތަށް ލެނބިފައިވުމުން ހިނގާ ނޫޅެވެއެވެ. ހަމަ އިސްކޮޅަށް ތެދުވެ ނުލެވެއެވެ. ތުއްތުކުދިން ދުވެ އުޅޭ މަންޒަރު ބަލަން އެ ދެމައިންނަށް ވޭނަކަށްވިއެވެ. އެ ލޯތައް ކަރުނައިން ތެންމާލައެވެ. ނަމަވެސް ލޮނު ކަރުނަތަކުން އުންމީދީ ހުޅުކޮޅު ނިވިގެން ނުދިޔައެވެ.

އެ ކުއްޖާގެ މަންމަ ބުނީ ކަނާއަތު ފައިގެ މައިނާރު ސީދާ ކުރުމަށްޓަކައި އެންމެ ފުރަތަމަ އޮޕަރޭޝަނެއް ކުރެވުނީ 2005 ގައި ކަމަށެވެ. އޭރު ކުއްޖާއަށް ވީ އެންމެ ތިން މަހެވެ. އެ އޮޕަރޭޝަން ކުރީ އިންޑިއާގެ ކިނގްސް ނަމަކަށް ކިޔާ ހޮސްޕިޓަލަކުން ކަމަށްވެއެވެ.

އޭގެ ދެ އަހަރު ފަހުން އަނެއްކާވެސް އެފައިގެ މައިނާރު ސީދާ ކުރުމަށް އިތުރު އޮޕަރޭޝަނެއް ކުރިއެވެ. އެއީ 2006 ވަނަ އަހަރުއެވެ. މި ދެ އޮޕަރޭޝަނަށްފަހު ކޮންމެސް ވަރަކަށް ފައި ސީދާވިއެވެ. ނަމަވެސް އެއްކޮށް ސީދާ ނުވެއެވެ.

އަހުޒަމް --

ކޮންމެއަކަސް، އަލިފުށީ ސްކޫލްގައި އަހުޒަމް ކިޔަވަން ފެށިއެވެ. ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް އެއީ ކިޔެވުމަށް މޮޅު ކުއްޖެކެވެ. ގްރޭޑް 10 އާއި ހަމައަށް އައިރު ރަނގަޅު ނަތީޖާތަކެއް ލިބުނު ކަމަށްވެއެވެ. އޭނާ ކިޔެވީ ސައިންސް ސްޓްރީމްގެ މާއްދާތަކެވެ. ނިމި ދިޔަ މެއި/ޖޫން ގައި އޮތް އޯލެވެލް އިމްތިހާނު އޭނާ ބައިވެރިވިއެވެ.

ދެހާސް ނުވަ ވަނަ އަހަރު ފަލަ މަސްގަނޑާއި ކަކުލާ ދިމާލަށް ދަގަނޑުކޮޅެއް ލެއްވުމަށް އިންޑިއާގައި އޮޕަރޭޝަނެއް ކުރި ކަމަށްވެއެވެ.

އޭނާގެ ހަތަރު ވަނަ އޮޕަރޭޝަން ކުރީ އައިޖީއެމްއެޗުންނެވެ. އަހުޒަމްގެ މަންމަ ބުނީ އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ދިއުމުން ޑރ. ހަބީބު ރާއްޖެއިން އޭނާއަށް ފަރުވާ ކުރެވޭނެ ކަމުގެ އުންމީދު ދިން ކަމަށެވެ. އެއީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އެ އޮޕަރޭޝަނުން އަހުޒަމްއަށް ބޮޑެތި ޒަހަމްތަކެއްވި ކަމަށް އޭނާގެ މަންމަ ހިތާމައާއެކު ފާހަގަކުރިއެވެ.

"އަޅުގަނޑުމެން ހީކުރި ގޮތާއި ހިލާފަށް އެ އޮޕަރޭޝަނުން އަހުޒަމްއަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ހުރީ. މިހާރުވެސް އެ އަނިޔާތައް ފެންނަން ހުންނާނެ. އޭގެފަހުން އަޅުގަނޑު ނިންމިން ރާއްޖެއިން އަހުޒަމްއަށް ފަރުވާ ނުކުރަން." އަހުޒަމްގެ މަންމަ ބުންޏެވެ.

އައިޖީއެމްއެޗްގައި ފަރުވާދިން އިރު އަހުޒަމްއަށް ލިބުނު ކަމަށް ބުނާ ޒަހަމްތައް --

ޑިސެމްބަރު 2017 ގައި އިންޑިއާގެ އާނަންކަޕޫރު ހޮސްޕިޓަލުން އަހުޒަމްގެ ބޮޑު އޮޕަރޭޝަނެއް ކުރިއެވެ. މިފަހަރު ކުރީ ކަނާއަތު ފައިތިލަ ސީދާކުރުމަށްޓަކައި ކުރި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަންގައި އަހުޒަމްގެ ފައި ތިލައިގެ ތަނބިކައްޓާ ދިމާއަށް 12 ދަގަނޑުކޮޅު ލެއްވިއެވެ. އޮޕަރޭޝަނަށްފަހު މާލީ ހާލަތު ހުރި ގޮތުން އިންޑިއާގައި މަޑުނުކޮށް އަންނަން ޖެހުނު ކަމަށް އޭނާގެ މަންމަ ކިޔައިދިނެވެ.

އޭގެ ދެ މަސްފަހުން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެ ދެމައިން އެނބުރި އިންޑިއާއަށް ދިޔައެވެ. އެ ފަހަރު އިންޑިއާއަށް އައީ އަލިފުށީ ރައްޔިތުންގެ ދީލަތި އެހީއާއި އެކުއެވެ.

ފަޔަށް ލައްވާފައިވާ 12 ދަގަނޑު ނެގުމަށްފަހު އެނބުރި ރާއްޖެ އައުމަށް ދިޔަ މަގުމަތީ އިންޑިއާގެ ޓްރިވެންޑްރަމްގައި މަޑުކޮށް އެ ސިޓީގައި ހުންނަ ނާގަރުކޮއިލްގެ ސުފުރޫސާ ހޮސްޕިޓަލަށް ގޮސް އަހްޒަމް ދެއްކިއެވެ. އެ ހޮސްޕިޓަލްގެ ޑޮކްޓަރު ބެލުމަށްފަހު ދިނީ އުންމީދުން ފުރިގެންވާ އުފާވެރި ހަބަރެއް ކަމަށް އަހުޒަމްގެ މަންމަ ބުނިއެވެ. އެއީ ކަނާއަތު ފައިގެ ކަކޫ ސީދާ ކުރާއިރަށް އަހުޒަމްއަށް އެއްވެސް އުނދަގުލަކާއި ނުލާ ހިނގޭނެ ކަމުގެ ޔަގީންކަމެވެ.

"ބޮޑު ހޭދައެއް ކުރުމަށްފަހު އަޅުގަނޑުމެން އަތަކު އޭރު ނެތް އެއްވެސް ފައިސާއެއް. އެ ހޮސްޕިޓަލަށް ދައްކާލުމުން ޑޮކްޓަރު ވިދާޅުވި ވަގުތުން ވަގުތަށް އޮޕަރޭޝަން ކުރަން އެޑްމިޓްވާން ވެސް. ވިދާޅުވި ފައިގެ ހުޅު ސީދާކުރުމަށްފަހު ދަގަނޑުކޮޅެއް ލައްވަން ޖެހޭނެ ކަމަށް. އަހުޒަމްއަށް ނުހިނގެނީ ހުޅުގެ މައްސަލަ ހުރެގެން ކަމެއް މީގެ ކުރިން އަޅުގަނޑަށް ނޭނގޭ." މަންމަ ކިޔައި ދިނެވެ.

ދަނޑިގަނޑެއްގެ އެހީގައި އަހުޒަމް ހިނގަން މަސައްކަތް ކުރަނީ -

އަހުޒަމްގެ މަންމަ ބުނީ މި އުފާވެރި ހަބަރާއެކު ރާއްޖެ އައިސް އެ އޮޕަރޭޝަނަށް ތައްޔާރުވާން ފެށި ކަމަށެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއެކު އެ އާއިލާއަށް އިތުރު މާލީ ތަދުކަމެއް ގެނުވި ކަމަށް ބުނިއެވެ.

އަހުޒަމްގެ ބައްޕައަކީ އެރަށުގައި ފައިބަރު މަސައްކަތް ކޮށް އުޅޭ މީހެކެވެ. ރަނގަޅު ބޮޑު އާމްމުދަނީއެއް ހޯދުމަށް ރަށުން ބޭރަށް ވަޒީފާއަށް ނުދެވެނީ ބަލި އެނދުގައި އޮތް ބައްޕަގެ އިތުރުން އެހީއަށް ބޭނުންވާ އޭނާގެ ދަރިފުޅު ބަލަން ޖެހިފައިވުމުން ކަމަށްވެއެވެ. އަހުޒަމްގެ ދޮއްޓަށް އިތުރު ކުއްޖެއްވެސް ހުރެއެވެ. މަތީ ސާނަވީ ތައުލީމް ހާސިލް ކުރުމަށް އެކުއްޖާ މާލެ ފޮނުވައިގެން ދެކޮޅު ޖެހެނީ ކިރިޔަ ކިރިޔާ ކަމަށް އާއިލާއިން ބުނެއެވެ.

އަހުޒަމް މިހާރު ސްކޫލް ނިމިފައިވާއިރު އޭނާ ބޭނުންވަނީ އޮފީސް ދާއިރާއިން ކުރިއަށް ދިއުމަށެވެ. ޓައި އަޅައިގެން އޮފީހަކަށް ގޮސް މަސައްކަތް ކޮށްލުމަކީ އޭނާ ދެކޭ ހުވަފެނެކެވެ. ނަމަވެސް މި އުންމީދުތަކާއި ގުޅިފައިވަނީ އޭނާގެ ފަރުވާއެވެ. ދަރިފުޅުގެ ހަޔާތް އުޖާލާ ކުރުމަށް އާއިލާއިން ކިތަންމެ ބޭނުންވިޔަސް މިކަމުގައި ދީލަތި އެހީ ބޭނުންވެއެވެ.

އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން މި އެކައުންޓަށް ފައިސާ ފޮނުއްވޭނެ:

  • އަހްމަދު އިދްރީސް : 7730000031527 | ނަންބަރު: 7227934 /9935396

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެހެންދި ހަދީޖާ

    އަރުބާން ލިޔާ މިކަހަލަ ރިޕޯޓްތައް ވަރަށް ފުރިހަމަ! ހިތާ ކުޅެލާ ކަހަލަ ގޮތެއް ހުރޭ. މީނަގެ ލިޔުންތަކުން ކުށް މަދު ވަރަށް ފަށުވި. އެކަމަކު މައްސަލައަކީ މި ސޮރުގެ ރިޕޯޓްތައް މަދުކަމުން.