ދީނީ ކަންކަމުގައި އިސްލާމިކް މިނިސްޓްރީން ވަކި ބަޔަކު ބޭނުންވާ ގޮތަކަށް މިހާތަނަށް ފަތުވާއެއް ނެރެފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ ނިންމާ ނިންމުންތަކުގައި، ބައެއް ފަހަރު ނުފޫޒު އޮންނަ ކަމަށާއި، ދީނަށް ހަޖޫ ޖަހާ މީހުންނާ މެދު އެންމެ އެކަށީގެންވާ ވަރަށް ފިޔަވަޅު ނޭޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

މިނިސްޓްރީގެ އެއްވެސް ނިމުމެއް ބައެއްގެ ނުފޫޒުން ނިންމާފައިވާނެތޯ "ވަގުތު" އިން ސުވާލުކުރުމުން ޒާހިރު ވިދާޅުވީ، ދީނީ ކަންކަމުގައި ގޮތްތައް ނިންމުމުގެ ބާރު މި ސަރުކާރުން ވަރަށް ބޮޑަށް ފަހިކޮށް ދީފައިވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ދީނީ ގޮތުން ނިންމުމެއް ނިންމަނީ މިނިސްޓްރީގެ ލަފާގެ މަތިން ކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީގެ ތެރެއިން ކަންކަން ނިންމަނީ އެކަމަށް އެކުލަވާލާފައިވާ ދީނީ އިލްމުވެރިންގެ ޓީމަކުންނެވެ. ތިރީހަށް ވުރެ ގިނަ އިލްމުވެރިން ހިމެނޭ މި ޓީމްގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

"ބައެއް ފަހަރު އަދާލަތު ޕާޓީގެ މެންބަރުންނަށް ހީވާނެ އަދާލަތާ މަޝްވަރާނުކޮށް ނިންމާ ކަމަށް. އަޅުގަނޑުމެން ކަމެއް ނިންމާއިރު ނުބަލަން އެކަން ވަކި ބަޔަކު ރުހޭ ގޮތަށްތޯ." އަދާލަތުގެ ސްލޮޓުގައި އިސްލާމިކް މިނިސްޓަރު ކަމަށް ވަޑައިގެންނެވި ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަމެއް ނިންމާއިރު ބަލަނީ ދީނުގައި ކަނޑައަޅާފައި އޮންނަ ގޮތެވެ.

"ބައެއް ފަހަރު ހުންނާނެ އަދާލަތު ޕާޓީގެ އިލްމުވެރިންނާވެސް މަޝްވަރާކޮށްފައި ހަމަ އިލްމުވެރިންގެ މަޖިލީހާ މަޝްވަރާނުކޮށްވެސް ހުންނާނެ" މިނިސްޓަރު ވިދާޅުވިއެވެ.

ދީނީ ބައެއް ކަންކަމުގައި ޖަމިއްޔަތުލް ސަލަފް ފަދަ ދީނީ ޖަމިއްޔާތަކުގެ ރައުޔުވެސް ކަންތައްތަކުގައި ހޯދާފައިވާނެކަން ޒާހިރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކަމެއް ނިންމާއިރު އެންމެ ބޮޑަށް ރިޔާއަތް ކުރަނީ ފަތުވާ މަޖިލީހަށެވެ.

ފަތުވާ މަޖިލީހަކީ ފަސް އިލްމުވެރިންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. ފަތުވާ މަޖިލީހުގެ ރައީސަކީ ޑރ. މުހައްމަދު ރަޝީދު އިބްރާހިމްއެވެ. ދެން ތިއްބަވަނީ ޑރ. މުސާ އަންވަރު، ޝެއިހް ހަސަން ތައުފީގް އަދި ޝެއިހް އިބްރާހިމް އަހްމަދު އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާ ޝޭހް އިސްހާގު މުހައްމަދުފުޅުއެވެ.

މިނިސްޓަރު ވަނީ އެއްވެސް ކަމެއްގައި ވަކި ބަޔަކަށް ނުފޫޒު ނުފޯރުވޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

"އަދި މިހާތަނަކަށް އެއްވެސް ބަޔަކު ނެތް ކަމަކަށް ބާރުއަޅާފައި ވަކި ގޮތަކަށް ފަތުވާ ނެރެންވެސް. އެފަދަ ކަމެއް އަޅުގަނޑު ނުވެސް ކުރާނަން" ޒާހިރު ވިދާޅުވިއެވެ.

މައްސަލަ ބޮޑުވެގެން އުޅޭ ނަފްރަތުގެ ބިލަށްވެސް ފަތުވާ މަޖިލީހުން ވަނީ ރައުޔުއެއް ނެރެފައެވެ. އެ ބިލުގައި އިސްލާމްދީނާ ގައުމީ އެއްބައިވަންތަކަމަށް ފުށުއަރާ ކަންތަތަކެއް ހުރުމުން މިނިސްޓްރީން ވަނީ އެއަށް ރިޔާއަތްކޮށް އިސްލާހުތަކެއް ބިލަށް ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓަކިބެ

    1- ބަޔަކު ބޭނުންވާހާ ގޮތަކަށް ފަތުވާ ނުނެރޭނެކަން އެނގިގެންދާނެ އިސްލާމިކް މިނިސްޓަރީގެ ރުހުމާއެކު ބިލު ހުށަހެޅި ގޮތަށް މަޖިލީހުން ފާސްކުރުމުން.
    2- ބިލަކީ ސަރުކާރުން ހުށަހެޅި ބިލަކަށް ވާއިރު ސަރުކާރުގެ ވަޒީރަކަށް ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ފަތުވާއެއް ވިޔަސް ނެރެވިދާނެބާ؟؟
    3- ދީނުގަ ކަން އޮތްގޮތަށް ފަތުވާ ނެރުމުގެ ގާބިލްކަން މިނިސްޓަރުގެ ހުރެއްޖެނަމަ ރާއްޖޭގެ ދީނީ އިްމުވެރިންނާ ދީނީ ޖަމިއްޔާތަކާ އެތައް ކައުންސިލަކުން ނަފުރަތުގެ ބިލު ރިޖެކްޓްކޮށްފަ އޮއްވަ އެބިލަށް މިނިސްޓަރީންވެސް ބުނަންޖެހެނީ ނޫނެކޭ.
    4- ރާއްޖޭގަ ލާދިނިއްޔަތު ފެތުރުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަށް ހުއްޓުވުމަށް މިނިސްޓަރީން ނުވަތަ ފަތުވާ ކޮމެޓީން ފަތުވާއެއް ނުވަތަ ރައުޔެއް ނުނެރި ހަމަހިމޭން ވެގެން ތިބުމުގެ މާނައަކީ މިނިސްޓަރީއަށް ނުވަތަ ފަތުވާ ކޮމެޓީއަށް ވަކި ފަރާތްތަކެއްގެ ނުފޫޒު އެބައޮތޭ.

    16
  2. އަލިފު!

    މީ ކަންޑަ އެޅިގެން ދޮގެ އްކަން އެންމެ ފަހުގެ ހުކުރުޚުތުބާ އިން ވެސް ޘާބިތު ވާން އެބަހުއްޓެވެ.

    13
  3. އިސްމާލު

    ޑރ ޒާހިރު ގެ އުމުރު ދިގުކުރައްވާ ބާއްޖަވެރި ދިރިއުޅުމެއް ދެއްވާށި

  4. ޏަމް

    އިސްލާމިކު މިނިސްޓަރު ކަނޑަ އެޅިގެން ދޮގު މައުލޫމާތު ނުފަތުރާ ކަމުގެ ހަގީގަތް ފާޅުކުރަށްވާށެވެ ވަޒީފާ ގެއްލިދާނެކަމުގެ ބިރަށް ހަގީގަތް ހާމަކުރަން ޖެހިލުން ނުވަމާ ހިނގާށެވެ.