ރަށްރަަށަށް މީހުން ދަތުރުކުރަނީ ގަވައިދާ އެއްގޮތަށްތޯ ބަލަން ޖެހޭނީ ކައުންސިލުން ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ޕީސީއާރު ޓެސްޓެއް ހަދާ ނައްސި ނަތީޖާ އާއެކު ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަ މިހާރު ވަނީ ސަރުކާރުން ދީފައެވެ. އަދި ކޮވިޑް-19 ޖެހި ބަލިން ރަނގަޅުވެފައިވާ ފަރާތްތަކުގެ ތެރެއިން 60 ދުވަސް ހަމަނުވާ މީހުންނަށްވެސް ކަރަންޓީނު ވުމަކާ ނުލާ މިހާރު ދަތުރުކުރެވެއެވެ. ނަމަވެސް މާލޭގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވެކްސިން ފުރިހަމަނުކޮށް ގަވައިިދާ ހިލާފަށް މާލެ ކައިރީ ބައެއް ރަށްރަށަށްދާ މައްސަލަ ދާދި ފަހުން ވަނީ ފެންމަތިވެފައެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭގެ މީޑިއާ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ، ގަވައިދާ ހިލާފަށް ބަޔަކު ދާ ނަމަ، އެކަން ބަލަން ޖެހޭނީ ކައުންސިލުން ކަމަށެވެ. އަދި ރަށްރަށަށް ދިއުމުގެ ކުރިން އާންމުން ހުއްދައަށްވެސް އެދެން ޖެހޭނީ ރަށު ކައުންސިލްގެ ފަރާތުން ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭ އިން ވިދާޅުވީ މި ލުއިތައް ދީފައި ވަނީ ބޮޑު އީދާ ދިމާކޮށް ކަމަށްވާތީ ގިނަ ބަޔަކު ލުއިތަކުގެ ދަށުން ރަށްރަށަށްދާ ކަމަށާއި، މީގެ ތެރެއިން ބައެއް މީހުން ގަވައިދާ ހިލާފަށްދާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެެވެ.

"ރަށްރަށަށް ދަތުރުކުރާ އިރު ބައެއް ފަރާތްތަކުން އެބަދޭ ގަވައިދާ ހިލާފަށްވެސް. މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ. ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ދާންޖެހޭނީ ކައުންސިލްތަކުގެ އެޕްރޫވަލް ލިބިގެން" އެޗްޕީއޭ އިން ވިިދާޅުވިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވެފައި ވަނީ މިފަދަ ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި، ގަވައިދާ ހިލާފަށް ރަށްރަށަށް ދާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުލުހުން މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅި ނަމަވެސް އެފަރާތްތަކުން ރަށްރަށް ދަތުރުކުރަނީ ގަވައިދާ އެއްގޮތަށް ކަމަށް ބަލާނީ ރަށު ކައުންސިލްތަކުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެއްރަށުން އަނެއް ރަށަށް ދަތުކުރާ ފަރާތްތަކަށް ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނީ ވެކްސިން ފުރިހަމަކުރިތާ 14 ދުވަސް ފަހުންނެވެ. މޮނިޓަރިންގައި އޮންނަ ރަށަކުން އަނެއް ރަށަށް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތެއް ދަތުރު ކުރިއަސް 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ޓެސްޓެއް އޮންނަން ޖެހޭނެއެވެ. އަދި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހެއް ކަމުގައިވާނަމަ ދަތުކުރެވޭނީ ބަލިިން ރަނގަޅުވިތާ 60 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.

މި ކަންކަން ފުރިހަމަ ނުވާ ފަރާތްތަކުން މީގެ ކުރިއެކޭ އެއްގޮތަށް ރަށްރަށަށް ދަތުރުކުރެވޭނީ ކަރަންޓީނުވާ ގޮތަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޛަހސ

    މަން މަ މާސްކް ނާޅާ!!!! ތިހެން ނުހައްދަވާ!!!