ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެއުމަށްފަހު އެކުލަވާލި އާ ކައުންސިލްތަކުން މިހާތަނަށް ބޮޑު މައްސަލައެއް އައިސްފައި ނުވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް "ވަގުތު" އަށް ވިދާޅުވީ މިހާތަނަށް އައިއިރު ބޯޑު މެމްބަރުންނާއި ހަމައަށް ދާވަރުގެ ބޮޑު މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މަދު މައްސަލައެއް ހުށަހެޅިފައިވާކަން ފާހަގަކުރެއްވިއެވެ.

އެލްޖީއޭއަށް ކައުންސިލްތަކުގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުމާ ޝަކުވާތައްވެސް ހުށަހެޅޭނެއެވެ.

އަފްޝަން ވިދާޅުވީ އާންމުކޮށް އެހެން އަންނަ މައްސަލަތައް ތަހުގީގުކުރުމަށްފަހު ރިޕޯޓެއް އެކުލަވާލުމަށް ފަހު ފޮނުވަނީ އަތޮޅު ކައުންސިލަށް ކަމަށެވެ. ނަމަވެސް ސީރިއަސް ބޮޑެތި މައްސަލަތައް އެލްޖީއޭގެ ބޯޑާ ހަމައަށް ގެންގޮސްގެން ބަލާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގައިމުވެސް ބޯޑާ ހަމައަށް ދާވަރުގެ ބޮޑު މައްސަލައެއް އާ ކައުންސިލްތަކުން ހުވާކުރިފަހަކުން ނާދޭ. އެއީ ވަރަށް ރަނގަޅު ކަމެއް" އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓްތަކުގައި އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ފާހަގަކުރެވޭ ގިނަ މައްސަލަތަކަކީ ނޭނގުމެއްގެ ތެރެއިން ދިމާވާ މައްސަލަތައް ކަމަށެވެ. އަދި އެކަންކަމުގެ މައުލޫމާތު ސާފުވުމާއެކު އެފަދަ މައްސަލަތައް ހުއްޓުވޭނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ އެކި މުއަސަސާތަކާއި އެކު ކައުންސިލްތަކަށް ފުރިހަމަ މައުލޫމާޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަން އަފްޝަން ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތަށްފަހު ކައުންސިލްތަކުން ފެންމަތިވާ މައްސަލަތައް ވަރަށް ބޮޑަށް މަދު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މުއައްސަސާގެ މައިގަނޑު މަސްއޫލިއްޔަތަކީ ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި ވިލަރެސްކުރުމެވެ. އަފްޝަން ވިދާޅުވީ ކައުންސިލްތައް ލާމަރުކަޒު ކުރެވިގެން ދިއުމާއެކު އެލްޖީއޭ ވެސް ވަރަށް އަވަހަށް ލާމަރުކަޒު ކުރެވިގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެލްޖީއޭގެ ޑެސްކްތައް ބެހެއްޓުމުގެ މަޝްވަރާ މިހާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.